ޓޯކިޔޯ އެއާޕޯޓުގައި ކޮރެއަން އެއާގެ ފްލައިޓެއްގައި އަލިފާން ރޯވެއްޖެ

ޓޯކިޔޯ ހަނޭޑާ އެއާޕޯޓުގައި ދަތުރަށް ތައްޔާރުވަނިކޮށް ކޮރެއަން އެއާގެ ފްލައިޓެއްގެ އިންޖީނުގައި އަލިފާން ރޯވުމުގެ ސަބަބުން އަލިފާން ނިއްވަނީ -- ފޮޓޯ/އޭޕީ

ޖަޕާނުގެ ވެރިރަށް ޓޯކިޔޯއަށް ޚިދުމަތްދޭ ދެ އިންޓަނޭޝަނަލް އެއާޕޯޓުގެ ތެރޭގައި ހިމެނޭ ޓޯކިޔޯ ހަނޭޑާ އިންޓަނޭޝަނަލް އެއާޕޯޓުން ނައްޓާލަން އުޅުނު ކޮރެއަން އެއާގެ މަތިންދާ ބޯޓެއްގެ އިންޖީނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

ކޮރެއަން އެއާ ފްލައިޓު ކޭއީ2708 ހަނޭޑާ އެއާޕޯޓުން ނައްޓާލަން ތައްޔާރު ވަމުން ދިޔަ އިރު، އެ ފްލައިޓުގެ ވައަތު އިންޖީނުން ދުން އަރަމުން ދިޔަ އެވެ. އެއާ އެކު، ހަނޭޑާ އެއާޕޯޓުގެ ފަޔާ ފައިޓަރުން ވަނީ، އިންޖީނުގައި ރޯވި އަލިފާން ނިއްވާލުމަށް މަސައްކަތް ކޮށްފަ އެވެ.

އެވަގުތު، ފްލައިޓުގައި ތިބި 319 ފަސިންޖަރުންނާ ކްރޫއިން ވަނީ އިވެކުއޭޓް ކޮށްފަ އެވެ. އިވެކުއޭޓް ކުރުމުގެ ތެރޭގައި ބައެއް ފަސިންޖަރުންނަށް ވަނީ އަނިޔާ ވެސް ވެފަ އެވެ. ހަނޭޑާ އެއާޕޯޓުގެ އޮފިޝަލަކު ބުނާ ގޮތުގައި، އަނިޔާ ވެފައި ވަނީ ދެ ފިރިހެނަކާއި ފަސް އަންހެނަކަށެވެ.

އެ ހާދިސާ ހިނގުމާ އެކު، ފްލައިޓު އޮތް ރަންވޭ ވަނީ ވަގުތީ ގޮތުން ބަންދު ކުރެވިފަ އެވެ. އަދި ހަނޭޑާ އެއާޕޯޓުގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން ހުއްޓާލެވުނެވެ.

މިއީ، ޓޯކިޔޯއިން ކޮރެއާގެ ވެރިރަށް ސޯލްއަށް ދަތުރުކުރުމަށް ތައްޔާރުވި ފްލައިޓެކެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި އެނގިފައެއް ނުވެ އެވެ.

comment ކޮމެންޓް