ދަގަނޑޭ ހިމަނައިގެން ޔަމަނު މެޗަށް ނެގި ގައުމީ ސްކޮޑު އިއުލާންކޮށްފި

ގައުމީ ޓީމުގެ ކެޕްޓަން ދަގަނޑޭ (ވ) އާއި ކޯޗު ރިކީ ހާބަޓް (ކ): ދަގަނޑޭއަށް އަނިޔާވެގެން ޕީޑީއާރްއެމް އާއެކު ހަދާފައިވާ އެއްބަސްވުން އުވާލި ނަމަވެސް، ޔަމަން މެޗަށް ނެގި ސްކޮޑުގައި ދަގަނޑޭ ހިމަނާފައިވޭ --- ސަން ފައިލް ފޮޓޯ/ ޔޫސުފް ސޮފްވާން

ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ހިމަނައިގެން އޭޝިއަން ކަޕް 2019ގެ ކޮލިފައިންގެ ޕްލޭ އޯފް ބުރުގައި ޔަމަނާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ރާއްޖޭގެ ސްކޮޑު އިއުލާންކޮށްފި އެވެ.

އަންނަ މަހުގެ ދެވަނަ ދުވަހު މާލޭގައި ކުޅޭ ފުރަތަމަ ލެގު މެޗަށް ނެގި ގައުމީ ޓީމުގެ ސްކޮޑުގައި ދަގަނޑޭ ހިމަނާފައިވާ އިރު، އަނިޔާއަކާ ގުޅިގެން ޕޮލިސް ޑި ރާޖާ މެލޭޝިއާ (ޕީޑީއާރްއެމް) އާއެކު ހަދާފައިވާ އެއްބަސްވުން ވެސް ދާދި ފަހުން ވަނީ އުވާލައިފަ އެވެ. އެ ކްލަބާއެކު ދަގަނޑޭ ހަދާފައިވާ އެއްބަސްވުން އުވާލާފައިވަނީ އަނިޔާގައި ގިނަ ދުވަސްތަކެއް ހުންނަން ޖެހޭ ކަމަށް ބުނެ އެވެ.

އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއްގައި ކުޅުމާ ދުރުގައި ހުރުމަށްފަހު އަލުން ކުޅުމަށް އެނބުރި އައިސްފައިވާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ މުހައްމަދު އުމައިރު ވެސް ކޯޗު ރިކީ ހާބަޓް ވަނީ އަލުން ގައުމީ ޓީމަށް ނަގައިފަ އެވެ.

ޔަމަން މެޗަށް ނެގި ސްކޮޑުގައި ޒުވާން ކުޅުންތެރިންތަކަކަށް ފުރުސަތު ދީފައިވާކަން ވެސް ފާހަގަކޮށްލެވެ އެވެ. އެގޮތުން ޓީސީ ސްޕޯޓްސް ކްލަބުގެ ގޯލްކީޕަރު އަބްދުﷲ ފަޔާޒާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓޭ) އާއި، ކްލަބުގެ ވެލެންސިއާ ހިސާމް ސަލީމް އާއި، މާޒިޔާގެ ޔަސްފާދު ހަބީބު އަދި ވެލެންސިއާގެ އަހްމަދު ވިޝާމް ހިމެނެ އެވެ.

ގައުމީ ޓީމަށް ނެގި ސްކޮޑުގައި މިހާރު އެއްވެސް ކްލަބަކަށް ނުކުޅޭ ދަގަނޑޭގެ އިތުރުން ހިމެނެނީ މާޒިޔާގެ 11 ކުޅުންތެރިންނާއި، ވެލެންސިއާގެ ހަތަރު ކުޅުންތެރިންނާއި، ޓީސީ ސްޕޯޓްސް ކްލަބުގެ ހަތަރު ކުޅުންތެރިންނާއި، ނިއު ރޭޑިއަންޓްގެ ދެ ކުޅުންތެރިން އަދި ކްލަބު އީގަލްސްގެ ދެ ކުޅުންތެރިއެކެވެ.

ޔަމަން މެޗަށް ނެގި ގައުމީ ޓީމުގެ 24 ކުޅުންތެރިންގެ ސްކޮޑު:

އަލީ އަޝްފާގު (ދަގަނޑޭ) – ކްލަބެއް ނެތް.

މާޒިޔާ - އިމްރާން މުހައްމަދު [ގޯލްކީޕަރު]، ސަމޫހު އަލީ (ސަމުއްޓޭ)، އަމްދާން އަލީ (އެންޑީ)، ސަމްދޫހު މުހައްމަދު، އަސްހަދު އަލީ (އަޑުބަރޭ)، އަހްމަދު ނާޝީދު (ނައްޓޭ)، އަހްމަދު އިމާޒް (އާއްކޮ)، ޔަސްފާދު ހަބީބު، އިސްމާއިލް އީސާ (މެސީ)، މުހައްމަދު އުމައިރު، އަސަދުﷲ އަބްދުﷲ (އަސައްކޮ).

ވެލެންސިއާ - ފައިސަލް މުހައްމަދު [ގޯލްކީޕަރު]، ޝާފިއު އަހްމަދު (ޝާފީ)، ހިސާމް ސަލީމް، އަހްމަދު ވިޝާމް (ޖެރާޑް).

ޓީސީ - އަބްދުﷲ ފަޔާޒް [ގޯލްކީޕަރު]، އަހްމަދު އަބްދުﷲ (ލިލީ)، އަލީ ފާސިރު (ސެންޓޭ)، ހަސަން ނާއިޒް (ދާދު).

ނިއު ރޭޑިއަންޓް - މުހައްމަދު ރަޝީދު (ހޮކޭ)، ހަމްޒާ މުހައްމަދު (ހަމްޕު).

އީގަލްސް - އިމްރާން ނަޝީދު، އަހްމަދު ޒާދު.

comment ކޮމެންޓް