ނޫސްވެރިކަމުގައި ޒާހިރު ކުރެއްވި މަސައްކަތަކީ މިއަދުގެ ނޫސްވެރިންނަށް ނަމޫނާއެއް: މީޑިއާ ކައުންސިލް

ޒާހިރު ނަސީރު: އެމަނިކުފާނަކީ ނޫސްވެރިކަމުގައި ބައިގަރުނަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅެއް -- ފޭސްބުކް ފޮޓޯ: އަހްމަދު ހަސަން ދީދީ

ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ، މ. ފެންފިޔާޒުގޭ، މުހައްމަދު ޒާހިރު ނަސީރު ކުރެއްވި ބުރަ މަސައްކަތްތަކަކީ ނޫސްވެރިކަމުގައި މިއަދު މަސައްކަތް ކުރާ ނޫސްވެރިންނަށް ނަމޫނާ އެއް ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބުނެފި އެވެ.

ރޭ ފަތިހުގެ ވަގުތެއްގައި ޒާހިރު އަވަހާރަވުމުން އެކަމާ ގުޅިގެން އެމްއެމްސީ އިން ނެރުނު ބަޔާނެއްގައި ބުނީ ވަރުބަލިފުޅުވުމެއް، މެދުކެނޑުމެއް ނެތި، މުރާލިފުޅު ކަމާއެކު ދިގު މުއްދަތަކަށް ދުވަހުން ދުވަހަށް ކޮންމެ ދުވަހަކު ލިޔުއްވި ހަބަރާއި ރިޕޯޓުތަކަކީ މިއަދުގެ ނޫސްވެރިންނަށް އަގުހުރި ފިލާވަޅުތަކެއް ލިއްބައިދޭ ނަމޫނާ މިސާލުތަކެއް ކަމަށެވެ.

އެބަޔާނުގައި ބުނީ، އެމަނިކުފާނަކީ ރާއްޖޭގެ ނޫސްވެރިކަން ފަށައިގަތް ޒަމާނުއްސުރެ ދިވެހިން ދުށް އެންމެ ވަރުގަދަ އެއް ޝަހްސިއްޔަތު ކަމަށާއި އެފަދަ ޝަހުސިއްޔަތެއް ގެއްލިދިއުމުން މިއަދުގެ ނޫސްވެރިންނަށް ރާއްޖޭގެ ނޫސްވެރިކަމުގެ އެ ޒަމާން ގެއްލުންފަދަ ކަމަށެވެ. އަދި މުހައްމަދު ޒާހިރު ނަސީރަކީ ނޫސްވެރިކަމުގެ ޅަފަތުގައި ނޫސްވެރިކަމުގެ ހުނަރާއި ވައްޓަފާޅި ދަސްކޮށްދެއްވި އެންމެ ވަރުގަދަ މުރުޝިދު ކަމަށް އެ ބަޔާގައި ބުންޏެވެ.

"ނޫސްވެރިކަމުގެ ރަން ގަލަން ހާސިލްކުރައްވާފައިވާ މުހައްމަދު ޒާހިރު ނަސީރަކީ ރާއްޖޭގެ ނޫސްވެރިކަމުގެ ހަޔާތަށް ފަނޑުވުމެއް ނެތް އަލިކަމެއް ގެނެސްދެއްވި އެންމެ އަލިގަދަ ދަންމަރެވެ،" އެމްއެމްސީ އިން ނެރުނު ބަޔާނުގައިވެ އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ނުކުތް ނޫސް، "ސަރުކާރުގެ ހަބަރު" އިން ފެށިގެން މަސައްކަތް ކުރައްވަން ފެއްޓެވި ނޫސްވެރިޔާ މުހައްމަދު ޒާހިރު ނަސީރު ވަކިވެގެން ދިއުމަކީ، ދިވެހި ނޫސްވެރިކަމުގެ އަލިމަސް ޔޫބީލަށް އަލިވިލެމުންދާ ދަނޑިވަޅެއްގައި އެ މުނާސަބާއަށް ލިބޭނެ ފޫނުބެއްދޭނެ ފަދަ ފަޅުކަމެއް ކަމަށް ވެސް އެމްއެމްސީން ބުންޏެވެ.

އެމަނިކުފާނުގެ ހިދުމަތުގެ އަގު ވަޒަންކޮށް މޯލްޑިވްސް މީޑިއާ ކައުންސިލުން ވަނީ މިއަހަރު ނޫސްވެރިކަމުގެ ގައުމީ ޝަރަފު އަރުވާފަ އެވެ.

ދައުލަތަށާއި، ކުޅިވަރުގެ ދާއިރާއަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ މުހައްމަދު ޒާހިރު ނަސީރު އަވަހާރަވުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި މާދަމާ ދިވެހި ގައުމީ ދިދަ، ބައި ދަނޑިއަށް ތިރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފަ އެވެ.

ޒާހިރު ނަސީރު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވަނިކޮށް، ރޭ ފަތިހުގެ ވަގުތެއްގައި އަމިއްލަ ގެކޮޅުގަ އެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 87 އަހަރެވެ.

comment ކޮމެންޓް