ނަޝީދަށް ސިޔާސީ ހިމާޔަތް ދިނީ ކޮން ހައިސިއްޔަތަކުންތޯ ޔޫކޭ ސަރުކާރާ ސުވާލު ކުރާނަން: ދުންޔާ

ކުރީގެ ރައީސް މުހައްމަދު ނަޝީދު: ސަން ފައިލް ފޮޓޯ

އިނގިރޭސި ވިލާތުގައި މިހާރު ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެގައުމުގެ ސަރުކާރުން ސިޔާސީ ހިމާޔަތް ނުވަތަ ޕޮލިޓިކަލް ރެފިއުޖީއެއްގެ ސްޓޭޓަސް ދީފައި ވަނީ، ކޮން ހައިސިއްޔަތަކަށް ބިނާކޮށްފައިތޯ އިނގިރޭސި ސަރުކާރާ ސުވާލު ކުރައްވާނެ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

ޓެރަރިޒަމްގެ ކުށް ސާބިތުވެ، 13 އަހަރަށް ޖަލަށް ލެވުނު ކުރީގެ ރައީސް މުހައްމަދު ނަޝީދު، ސިއްހީ ފަރުވާ ހޯދެއްވުމަށް އިނގިރޭސި ވިލާތަށް ވަޑައިގަތީ މި އަހަރުގެ ޖެނުއަރީ މަހު އެވެ. އޭގެ ފަހުން، އެކި ފަހަރު މަތިން ސަރުކާރުން ވަނީ އެމަނިކުފާނަށް މެޑިކަލް ލީވްގެ މުއްދަތު އިތުރު ކުރައްވައިފަ އެވެ.

ރައީސް ނަޝީދުގެ ގާނޫނީ ވަކީލް ހަސަން ލަތީފް އިއްޔެ ސަންއަށް ވިދާޅުވީ އިނގިރޭސި ވިލާތުން ރައީސް ނަޝީދަށް "ޕޮލިޓިކަލް ރެފިއުޖީ ސްޓޭޓަސް" ގެ ހިމާޔަތް ދެއްވާފައިވާ ކަމަށެވެ.

ސާޖަރީ ހެދުމަށްޓަކައި ރައީސް ނަޝީދު އިނގިރޭސިވިލާތުގެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ---- ފޮޓޯ: ސޯޝަލް މީޑިއާ

މިކަމާ ގުޅިގެން، މިރޭ ޕީއެސްއެމް ޚަބަރަށް ދެއްވި ބަސްދީގަތުމެއްގައި ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވީ، ރައީސް ނަޝީދަށް އިނގިރޭސި ސަރުކަރުން ހިމާޔަތް ދިންކަން އެގައުމުން ރާއްޖެއަށް ރަސްމީކޮށް އަންގާފައި ނުވާ ކަމަށެވެ. އަދި މެޑިކަލް ލީވްއެއްގައި އިނގިރޭސި ވިލާތަށް ވަޑައިގެން، އެގައުމުގެ ހިމާޔަތް ހޯދެއްވުމަކީ ހައިރާންވާ ކަމެއް ނަމަވެސް، އެމަނިކުފާނު ހުކުމް ތަންފީޒު ކުރައްވަން ބޭނުންފުޅު ނުވާކަން އެބޭފުޅާގެ އަމަލުތަކުން ފެންނަމުން ދާ ކަމަށް ދުންޔާ ވިދާޅުވި އެވެ.

"މިހާތަނަށް ރައީސް ނަޝީދު، ޝަރުއީ އަދުލުގެ ނިޒާމުގެ ދަށުން އެޕީލް ޕްރޮސެސް ކުރިޔަށް ގެންދަވަން ބޭނުންފުޅުވާކަން ފެނިގެނެއް ނުދޭ. އެހެންވީމަ ކޮންމެ ގޮތެއް ވިޔަސް ހުކުމް ތަންފީޒުކުރަން ބޭނުންފުޅު ނުވާކަން ފާހަގަ ކުރެވޭ،" ދުންޔާ ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވީ، އިތުރަށް އެއްޗެއް ދެންނެވޭނީ އިނގިރޭސި ސަރުކާރުން ރާއްޖެއަށް މައުލޫމާތު ފޯރުކޮށްދިނުމުން ކަމަށާއި، އެގައުމުގެ ފޮރިން އޮފީހަށް އެކަމަނާ ސިޓީއެއް ފޮނުއްވާނެ ކަމަށެވެ.

"އަޅުގަނޑު ސިޓީއެއް އެބަ ފޮނުވަން، ފޮރިން އެންޑް ކޮމަންވެލްތު އޮފީހުގެ މިނިސްޓަރު ސްވަޔާއަށް. އަޅުގަނޑު ސުވާލު ކުރާނަން، މި ޚަބަރުތަކުގެ ތަފްސީލާ، ކޮން ހައިސިއްޔަތަކުންތޯ އޭނައަށް، ޕޮލިޓިކަލް އެސައިލަމް ނުވަތަ ރެފިއުޖީޢެއްގެ މަގާމު ވިޔަސް، ކޮން ކަމަކަށް ބިނާކޮށްފައި ކުރި ކަމެއްތޯ އެއީ،" ދުންޔާ ވިދާޅުވި އެވެ.

ފޮރިން މިނިސްޓަރު ދުންޔާ މައުމޫން -- ސަން ފައިލް ފޮޓޯ

ދުންޔާ ވިދާޅުވީ ރައީސް ނަޝީދަށް ސިޔާސީ ހިމާޔަތް ޔޫކޭ ސަރުކާރުން ދިންކަން ދިވެހި ސަރުކާރަށް ވެސް ޔަގީން ނުވާ ކަމަށާއި، އިނގިރޭސި ވިލާތުގެ ބޭފުޅުން މިހާތަނަށް ވިދާޅުވަމުން ދިޔައީ، ވަކިވަކި މައްސަލަތަކުގެ މައުލޫމާތު ނޭނގޭ ކަމަށާއި، މައުލޫމާތު ސާފުކުރުމަށްފަހު ހިއްސާ ކުރާނެ ކަމަށް ކަމަށެވެ. އެހެން ނަމަވެސް 2008 ވަނަ އަހަރުގެ ކުރިން ރައީސް ނަޝީދު، އިނގިރޭސި ވިލާތުގެ ސިޔާސީ ހިމާޔަތް ހޯދެއްވިކަން އެނގިވަޑައިގަންނަވާ ކަމަށް ދުންޔާ ވިދާޅުވި އެވެ.

މިނިސްޓަރު ދުންޔާ ވިދާޅުވީ، ޝަރުއީ ހުކުމެއް ތަންފީޒު ކުރައްވަމުން ދިޔަ ނަމަވެސް، ރައީސް ނަޝީދަށް މެޑިކަލް ލީވެއް ސަރުކާރުން ދިނީ، އެބޭފުޅާއަކީ ކުރީގެ ރައީސަކަށް ވުމުން، ޚާއްސަ ކޭސްއެއްގެ ގޮތުން ކަމަށާއި، މިހާރުވެސް އެބޭފުޅާގެ އެދުމުގެ މަތިން މެޑިކަލް ލީވްގެ މުއްދަތު އިތުރު ކުރަމުން ގެންދާ ކަމަށެވެ.

ޕޮލިޓިކަލް ރެފިއުޖީ ސްޓޭޓަސްއަކީ ނަސްލީ، ދީނީ، ސިޔާސީ އަދި އިޖްތިމާއީ ވަކި ފިކުރެއްގެ ސަބަބުން ތިމާގެ އަމިއްލަ ގައުމުގައި އުޅެވެން ނެތުމުން އެހެން ގައުމެއްގެ ހިމާޔަތަށް އެދުމުން، އދ.ގެ މުއާހަދާއެއްގެ ދަށުން އެ ޖަމިއްޔާގެ މެންބަރު ގައުމުތަކުން އެފަދަ ފަރާތްތަކަށް ފޯރުކޮށްދޭ ހިމާޔަތެކެވެ.

comment ކޮމެންޓް