ވިލިމާލޭގެ ގުދުރަތީ ސިފަތައް ހިމަޔާތްކޮށް، ކޮންކުރީޓު ޖަންގައްޔަކަށް ނުވާ ރަށެއްގެ ގޮތުގައި އެ ރަށް ދަމަހައްޓަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު ކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައި ވަނީ، ވިލިމާލޭގެ ފެހިކަމާއި ގުދުރަތީ ތަބީއީ ސިފަތައް ހިމާޔަތްކުރަން ޖެހޭ ކަމަށެވެ. އަދި ކޮންކުރީޓު ޖައްގައްޔަކަށް ނުވާ ރަށެއްގެ ގޮތުގައި އެ ރަށް ދަމަހައްޓަން ޖެހޭ ކަމަށް ނަޝީދު ގަބޫލުކުރައްވައެވެ.
އެ މަނިކުފާނު ދެކިވަޑައިގަންނަވާ ގޮތުގައި، އުސް އިމާރާތްތައް އަޅަން އެކަށީގެން ވަނީ ގުޅީފަޅާއި ތިލަފުށީގައެވެ.
ނަޝީދު އެފަދައިން ވިދާޅުވިއިރު، މާލެއާއި ވިލިމާލެއާއި ތިލަފުއްޓާ ގުޅުވާލާ ތިލަމާލެ ބުރިޖުގެ މަސައްކަތް އަންނަނީ ނިމެން ގާތްވަމުންނެވެ. އެ މަޝްރޫއުގެ 75 އިންސައްތަ މިހާރު ވެސް ވަނީ ނިމިފައެވެ.
އެ ބުރިޖުގައި މާލެއާއި ވިލިމާލެއާ ދެމެދު އޮންނަ ސެގްމަންޓުތައް އޮކްޓޯބަރުގެ ނިޔަލަށް ނިންމައިލެވޭނެ ކަމަށް އެ ބްރިޖުގެ ޕްރޮޖެކްޓް މެނޭޖަރު އެސްއެމް ވިސްވަމުރްތީ މި އަހަރުގެ ކުރީކޮޅު ވަނީ ލަފާކުރައްވާފައެވެ.
އެ ބުރިޖާއެކު، ވިލިމާލޭގެ ހިތްފަސޭހަކަން ނެތިދާނެކަމުގެ ކަންބޮޑުވުން މިހާރު ވެސް އެ ރަށުގެ ރައްޔިތުން ފާޅުކުރެއެވެ.
ކަން އެހެން އޮތްއިރު، ވިލިމާލޭގައި މިހާރު އޮތް ހިތްފަސޭހަކަން ނެތިދާނެ ކަމުގެ ބިރަށް، ފިޔަވަޅުތަކެއް އަޅަން އެދި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް މިދިޔަ ފެބްރުއަރީ މަހު ހުށަހަޅާފައިވެއެވެ.
ފެހިކަން ގަދަ ގަސްތަކުން ފުރިފައި އޮންނަ ވިލިމާލެއަކީ، މާލެ ސަރަހައްދުގެ ގިނަ ބަޔަކު ހިތް އުފާ ކޮށްލަން ޒިޔާރަތްކުރާ ރަށެކެވެ. އަދި، މަގުތަކުގައި ވެހިކަލްތައް ދުއްވާ މިންވަރު މަދުވުމުން ކުޑަކުދިންނަށް މަގުމަތީގައި ހިނގާބިނގާވެ އުޅެން ފަސޭހަވެއެވެ.