ޕީއެސްޖީގައި މިހުރީ ވަރަށް އުފަލުގައި: ކަވާނީ

އެޑިންސަން ކަވާނީ: އަންނަ ސީޒަނުގައި ވެސް ޕީއެސްޖީން ފެންނާނެ ކަމުގެ އިޝާރާތެއް އޭނާ ވަނީ ދީފައި --- ފޮޓޯ: އޭޕީ

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގައި ވަރަށް އުފަލުގައި ހުރި ކަމަށް އެ ކްލަބުގެ އުރުގު އާއީ ފޯވަޑް އެޑިންސަން ކަވާނީ ބުނެފި އެވެ.

ކަވާނީ އެހެން ބުނެފައި ވަނީ އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްއާ އޭނާ ގުޅޭނެ ކަމަށް ހަބަރުތައް ބުނަމުން ދަނިކޮށެވެ.

ޕީއެސްޖީއާއެކު ކަވާނީ ސީޒަނު ނިންމާލާފައި ވަނީ އެ ކްލަބަށް ކާމިޔާބުކޮށްދިން މުހިންމު ގޯލަކާއެކު އެވެ. ފްރެންޗް ކަޕުގެ ފައިނަލުގައި ރޭ މާސޭ އަތުން 4-2 މޮޅުވެ، ޕީއެސްޖީ ވަނީ އެ މުބާރާތް ކާމިޔާބުކޮށްފަ އެވެ.

"އަހަރެން ޕީއެސްޖީގައި މިހުރީ ވަރަށް އުފަލުގައި،" އަންނަ ސީޒަނުގައި ކަވާނީ ކުޅޭނީ ކޮން ކްލަބަކަށްތޯ ނޫސްވެރިޔަކު އެހުމުން ޖަވާބުގައި އޭނާ ބުންޏެވެ.

ކަވާނީ ބުނީ، ޕީއެސްޖީއާއެކު އެއްބަސްވުމެއް ހަދާފައި އޮންނާނެ ކަމަށާއި ކުޅުންތެރިއެއްގެ ގޮތުގައި ކްލަބަށް ކޮށްދެވެން ހުރި ހުރިހާ ކަމެއް ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

މި ސީޒަނުގައި ކަވާނީ ވަނީ އެ ކްލަބަށް 25 ލަނޑު ކާމިޔާބުކޮށް، ޕީއެސްޖީއަށް ފްރެންޗް ކަޕުގެ އިތުރުން ފްރާންސް ލީގު ކާމިޔާބު ކޮށްދިނުމަށް ވެސް އެހީތެރިވެދީފަ އެވެ.

comment ކޮމެންޓް