ބަޔާނަށް ޖަރުމަން ކަޕު ކާމިޔާބު ކޮށްދިނުމަށްފަހު، ގާޑިއޯލާ އެ ކްލަބާ އަލްވަދާއު ކިޔައިފި

ބަޔާން މިއުނިކުގެ ކުޅުންތެރިންނާއެކު ކޯޗު ގާޑިއޯލާ ޖަރުމަން ކަޕުގެ ތަށި އުފުލައިލަނީ: ޖަރުމަން ކަޕުގެ ފައިނަލުގައި ބޮރުޝިއާ ޑޯޓްމަންޑް އަތުން ބަޔާން މޮޅުވީ ޕެނަލްޓީ ޖަހައިގެން 4-3 ލަނޑުން ކުރި ހޯދައިގެން --- ފޮޓޯ: އޭޕީ

ބަޔާން މިއުނިކަށް ޖަރުމަން ކަޕު ކާމިޔާބު ކޮށްދިނުމަށްފަހު، ކޯޗު ޕެޕް ގާޑިއޯލާ އެ ކްލަބާ އަލްވަދާއު ކިޔައިފި އެވެ.

ޖަރުމަނު ކަޕުގެ ފައިނަލުގައި ވާދަވެރި ބޮރޫޝިއާ ޑޯޓްމަންޑް އަތުން ބަޔާން މޮޅުވީ ޕެނަލްޓީ ޖަހައިގެން 4-3 ލަނޑުން މޮޅުވެގެންނެވެ. މިއީ ފައިނަލުގައި ޖެހިޖެހިގެން ޑޯޓްމަންޑް ބަލިވި ތިން ވަނަ ފަހަރެވެ. މިރޭ ހޯދި ޖަރުމަން ކަޕަކީ އެ ކްލަބުން ހޯދި ޖަރުމަން ކަޕުގެ 18 ވަނަ ތަށްޓެވެ. އެ މުބާރާތުގެ އެންމެ ކާމިޔާބު ކްލަބަކީ ވެސް ބަޔާން އެވެ.

ބަޔާން މިއުނިކުގެ ކޯޗު ޕެޕް ގާޑިއޯލާ: އަންނަ ސީޒަނުގައި އޭނާ ފެނިގެންދާނީ މެންޗެސްޓާ ސިޓީގެ ކޯޗުކަމުގެ މަގާމުން --- ފޮޓޯ: އޭޕީ

އަންނަ ސީޒަނުގައި މެންޗެސްޓާ ސިޓީގެ ކޯޗުކަމާ ހަވާލުވާ ގާޑިއޯލާ ވަނީ މި ސީޒަނުގެ ޖަރުމަން ބުންޑަސްލީގާގެ ޗެމްޕިއަންކަން ވެސް ބަޔާނަށް ހޯދައިދީފަ އެވެ. ބާސެލޯނާއަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން ގާޑިއޯލާ ވަނީ 2013 ވަނަ އަހަރު ބަޔާންއާ ހަވާލުވުމަށްފަހު އެ ކްލަބަށް ޖަރުމަން ލީގުގެ ތިން ތަށްޓާއި ޖަރުމަން ކަޕުގެ ދެ ތަށި ހޯދައިދީފަ އެވެ.

އޮލިމްޕިއާސްޓޭޑިއޮން ބާލިންގައި މިރޭ ކުޅުނު ފައިނަލު މެޗުގެ ފުރަތަމަ ހަމަލާ އުފެއްދީ ބަޔާނުންނެވެ. މެޗުގެ ހަތަރު ވަނަ މިނެޓުގައި ޖަރުމަން ފޯވަޑް ތޯމަސް މުލާ، 25 ޔާޑު ދުރުން އުފެއްދި އެ ހަަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މެޗުގެ 33 ވަނަ މިނެޓުގައި ބަޔާނަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ޑުގްލަސް ކޮސްޓާ އުފެއްދި އެ ހަމަލާ، ޑޯޓްމަންޑުގެ ގޯލްކީޕަރު ރޯމަން ބުރްކީ ވަނީ މަތަކޮށްފަ އެވެ. ރީބައުންސް ބޯޅައިން ހަމަލާއެއް އުފެއްދުމަށް މުލާ ވެސް މަސައްކަތްކުރި އެވެ.

ޖަރުމަން ކަޕުގެ ފައިނަލުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ކުޅުނު މެޗުގެ ތެރެއިން: އެ މެޗުން ބަޔާން މޮޅުވީ ޕެނަލްޓީ ޖަހައިގެން 4-3 ލަނޑުން ކުރި ހޯދައިގެން --- ފޮޓޯ: އޭޕީ

މެޗުގެ 53 ވަނަ މިނެޓުގައި ބަޔާނަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ފްރާންސް މިޑްފީލްޑަރު ފްރޭންކް ރިބެރީ ދިން ބޯޅައަކުން ޑޯޓްމަންޑުގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި ޕޮލެންޑް ފޯވަޑް ރޮބާޓް ލެވަންޑޯސްކީ އުފެއްދި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެ އެވެ. އޭގެ ދިހަ މިނެޓު ފަހުން ވެސް ލެވަންޑޯސްކީއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. މުލާ ދިން ބޯޅައަކުން ލެވަންޑޯސްކީ އުފެއްދި އެ ހަމަލާ ވެސް ގޯލާ އަމާޒުވެފައެއް ނުވެ އެވެ.

މެޗުގެ 75 ވަނަ މިނެޓުގައި ބަޔާނަށް ލަނޑުޖަހާނެ އިތުރު ފުރުސަތެއް ލިބިގެންދިޔަ އެވެ. ޑޯޓްމަންޑުގެ ޑިފެންޑަރު ލޫކަސް ޕިޒްކޭޒް ކައިރިން ނައްޓާލުމަށް ފަހު ރިބެރީ އުފެއްދި ހަމަލާ، ކީޕަރު ބުރްކީ ވަނީ ހުޝިޔާކަމާއެކު މަތަކޮށްފަ އެވެ.

މެޗުގެ ދެވަނަ ހާފު ނިމެން ދިހަ މިނެޓަށްވެފައި ވަނިކޮށް، ޑޯޓްމަންޑަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ޕިއެރޭ އެމެރިކް އޮބަމެޔަންގް ނަގައިދިން ރީތި ހުރަހަކުން މާކޯ ރޮއިސް އުފެއްދި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެ ހާފު ކުޅެން ޖެހުނެވެ.

ޖަރުމަން ކަޕުގެ ފައިނަލުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ކުޅުނު މެޗުގެ ތެރެއިން: އެ މެޗުން ބަޔާން މޮޅުވީ ޕެނަލްޓީ ޖަހައިގެން 4-3 ލަނޑުން ކުރި ހޯދައިގެން --- ފޮޓޯ: އޭޕީ

މެޗުގެ 112 ވަނަ މިނެޓުގައި ބަޔާނަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ޑޭވިޑް އަލަބާ އުފެއްދި ހަމަލާ، ގޯލުގެ ތިރީ ކަނަށް އަމާޒުވާން ދަނިކޮށް ޑޯޓްމަންޑުގެ ކީޕަރު ބުރްކީ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފަ އެވެ. މެޗުގެ އިތުރު ވަގުތުގައި ވެސް ނަތީޖާ ނުނެރެވުމުން ޕެނަލްޓީ ޖަަހައިގެން ނަތިޖާ ނެރެން ޖެހުނެވެ.

ބަޔާންގެ ޕެނަލްޓީތައް އާޓުރޯ ވިޑާލް އާއި، ރޮބާޓް ލެވަންޑޯސްކީ އާއި، ތޯމަސް މުލާ އަދި ޑުގްލަސް ކޮސްޓާ ކާމިޔާބުކޮށްދިން އިރު، އެ ޓީމުގެ ޖޯޝުއާ ކިމިޗް ފޮނުވާލި ޕެނަލްޓީ ބުރްކީ ވަނީ މަތަކޮށްފަ އެވެ. ޑޯޓްމަންޑުގެ ޝިންޖީ ކަގާވާ އާއި، އޮބަމެޔަންގް އަދި ރޮއިސް ފޮނުވާލި ޕެނަލްޓީތައް ކާމިޔާބުކުރި އިރު، އެ ޓީމުގެ ސްވެން ބެންޑާ އާއި، ސޮކްރާޓިސް ޕަޕަސްޓަތޮޕަލަސްއަށް ޕެނަލްޓީތައް ކާމިޔާބުކުރެވިފައެއް ނުވެ އެވެ.

comment ކޮމެންޓް