އޮޅުވެލި ބީޗު ރިސޯޓުގެ މުވައްޒަފުންނަށް ކޯސްޓްގާޑުން ޚާއްސަ ތަމްރީނުތަކެއް ފަށައިފި

އެމްއެންޑީއެފް ކޯސްޓްގާޑުން އޮޅުވެލި ބީޗުގެ މުވައްޒަފުންނަށް ހިންގައިދޭ ޓްރެއިނިންގގެ ތެރެއިން -- ފޮޓޯ/އެމްއެންޑީއެފް

އޮޅުވެލި ބީޗް ރިސޯޓުގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން، ކަނޑުމަތީގެ ސަލާމަތާ ރައްކާތެރިކަމާ ބެހޭގޮތުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމެއް ކޯސްޓްގާޑުން މިއަދު ފަށައިފި އެވެ.

އެމްއެންޑީއެފްއިން ބުނީ، މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް އެ ރިސޯޓުގައި ހިންގާ އެ ޕްރޮގްރާމުގެ މަގްސަދަކީ އޮޅުވެލި ބީޗު ރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފުން ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަހުލުވެރިކުރުން ކަމަށެވެ.

އެމްއެންޑީއެފްއިން ބުނީ ނެވިގޭޝަން، ރެސްކިއު އަދި ފަސްޓް އެއިޑް ފަދަ ބައިތައް މި ތަމްރީނުގައި މައިގަނޑު ގޮތެއްގައި ކިޔަވައިދޭނެ ކަމަށާއި، ކަނޑުމަތީގެ ހާދިސާތަކާ ގުޅޭ މައުލޫމާތާއި، އެފަދަ ހާލަތެއްގައި އަމަލު ކުރާނެ ގޮތްތައް މި ޕްރޮގްރާމުގެ ދަށުން ކިޔަވައިދެވޭނެ ކަމަށެވެ.

މީގެ އިތުރުން، މި ތަމްރީނުގެ ބައިވެރިންނަށް ސްވިމިންގ އެންޑް ރެސްކިއު ކްލާސްތަކެއް ވެސް ކޯސްޓް ގާޑުން ނަގައިދޭނެ ކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ.

ތިއަރީ އަދި ޕްރެކްޓިކަލްސް ވެސް ހިމަނައިގެން ކުރިޔަށް ގެންދާ މި ތަމްރީނުގައި އޮޅުވެލި ބީޗު ރިސޯޓުގެ 16 މުވައްޒަފަކު ބައިވެރިވެ އެވެ.

comment ކޮމެންޓް