ރާއްޖެއަށް ޚާއްސަކޮށްގެން އުފެއްދި އޭސީ ރީފްސައިޑުން ތައާރަފުކޮށްފި

ރާއްޖޭގެ މާހައުލަށް ޚާއްސަ ކޮށްގެން އުފެއްދި ބްލޫސްޓާ އެއާކޮންޑިޝަން ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ މާހައުލަށް ޚާއްސަ ކޮށްގެން އިންޑިއާގެ ބްލޫސްޓާ ކުންފުނިން އުފެއްދި އެއާކޮންޑިޝަނަރެއް، ރީފްސައިޑުން ރާއްޖެއަށް ތައާރަފު ކޮށްފި އެވެ.

ބްލޫސްޓާ ޓީ ސީރީޒްގެ މި އެއާކޮންޑިޝަނަކީ ސައިޒުން ކުޑަ ނަމަވެސް، ރީތި އަދި ވަރަށް ފުރިހަމައަށް މަސައްކަތް ކުރާ އެއްޗެކެވެ. މި އޭސީ ތައާރަފު ކުރީ، މިއަދު ހޮޓެލް ޖެންގައި އޮތް ރަސްމިއްޔާތެއްގަ އެވެ. އޭސީ ތައާރަފު ކޮށްދިނީ ރީފްސައިޑުގެ ޗެއާމަން ހަސަން ޒާހިރާއި ބްލޫސްޓާ އިންޓަނޭޝަނަލް ގްރޫޕުގެ ވައިސް ޕްރެސިޑެންޓް ރަޖެންދްރާ ވަރްމާ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރީފްސައިޑުގެ އެގްޒެކެޓިވް ޑިރެކްޓަރު ސަލްމާން ހަސަން ވިދާޅުވީ، އެ އޭސީގެ ޚާއްސަކަމަކީ، އޭގެ އައުޓްޑޯ ޔުނިޓު، ދަބަރު ނުޖަހާނެ މެޓީރިއަލަކުން ހަދާފައި ވުން ކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ މާހައުލުގައި މޫދާ ކައިރީގައި ދިރިއުޅެން ޖެހުމުން އޭސީތަކުގެ އައުޓްޑޯ ޔުނިޓަށް ލޮނުގެ އަސަރު ކޮށް، ދަބަރު ޖަހާ ނަމަވެސް، މިއަދު ތައާރަފު ކުރި އޭސީގައި އެކަން އެގޮތަށް ނުވާނެ ކަމަށެވެ.

ރާއްޖޭގެ މާހައުލަށް ޚާއްސަ ކޮށްގެން އުފެއްދި ބްލޫސްޓާ ޓީ ސީރީޒްގެ އެއާކޮންޑިޝަން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭސީގެ އަޑު އައުޓްޑޯ ޔުނިޓުގެ އަޑު މަޑު ކުރުމުގެ ގޮތުން، އޭގައި ޚާއްސަ ކަވަރެއް ލާފައި ވާނެ ކަމަށާއި އަޑު ގަދަވުމުގެ އުނދަގުލެއް ނުފޯރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ އޭސީ އުފައްދާފައި ވަނީ، ބްލޫސްޓާގެ ޓެކްނިކަލް ފަރާތްތަކުން ރާއްޖެއަށް ޒިޔާރަތްކޮށް، ދިރާސާތަކެއް ހެދުމަށް ފަހު އެވެ.

ރީފްސައިޑުން ބުނީ، މި އޭސީ، މި އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ބާޒާރަށް ނެރޭނެ ކަމަށެވެ.

އިންޑިއާގެ ބްލޫސްޓާ ކުންފުންޏަކީ އެއާ ކޮންޑިޝަނަރިން އަދި ރެފްރިޖަރޭޓިން ޕްރޮޑަކްޓްސް އުފެއްދުމުގެ ދާއިރާގައި އެގައުމުގެ ލީޑިން އެއް ކުންފުންޏެވެ. ރީފްސައިޑުން އަންނަނީ 2013 ވަނަ އަހަރުން ފެށިގެން ބްލޫސްޓާގެ ޕްރޮޑަކްޓްސް ވިއްކަމުންނެވެ.

comment ކޮމެންޓް