އުރީދޫ ދިވެހި ޕްރިމިއާ ލީގްގައި ޔުނައިޓެޑް ވިކްޓްރީ އާއި ދެކޮޅަށް ޓީސީ ސްޕޯޓްސް މިއަދު ނިކުންނަ އިރު އެ މެޗަކީ ނާއިޒު ހަސަން (ދާދު) ވިދާލާނެ މެޗަކަށް ވެގެން ދާނެ ކަމަށް ޓީސީގެ ކޯޗު މުހައްމަދު ނިޒާމް(ނިޒާމްބެ) ބުނެފި އެވެ.
ނިމިދިޔަ ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދު ޒުވާން ފޯވާޑް، ދާދު އަށް މި ސީޒަނުގައި ޓީސީ ކުޅުނު ދެމެޗުގައި ވެސް ގޯލެއް ކާމިޔާބު ކުރެވިފައިނުވާ އިރު ނިޒާމްބެ ބުނީ މިވަގުތު އޭނާ އަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކުރިއަށް ކުޅޭ ކުޅުންތެރިންގެ ތެރެއިން ދާދުގެ ގޯލެއް ނުފުނުން ކަމަށެވެ.
"ދާދުގެ ގޯލެއް މިސީޒަނުގައި ނުފެންނަ ކަން އެކަނި. މި ދިޔަ ދެ މެޗުގައި ވެސް އޭނާގެ ފަރާތުން ފެނުނު ކުޅުމާ މެދު ވަރަށް ހިތްހަމަ ޖެހޭ. އަޅުގަނޑު ގަބޫލު ކުރަނީ މި މެޗަކީ ދާދުގެ މެޗަކަށް ވެގެން ދާނެ ކަން،" ނިޒާމްބެ ބުންޏެވެ.
ނިޒާމްބެ ބުނީ އިނދިކޮޅަށް ނިކުންނަ ޔުނައިޓެޑް ވިކްޓްރީގެ ފަރާތުން ފުރަތަމަ ދެ މެޗުން ފެނުނު ކުޅުމަށް ބަލާ އިރު އެ ޓީމަކީ ބަލި ޓީމެކޭ ނުބުނެވޭނެ ކަމަށާއި އެ ޓީމްގެ ފަރާތުން ފެނިގެން ދަނީ ތަފާތު މޮޅު ކުޅުމެއް ކަމަށެވެ.
"އިނދިކޮޅަށް ނިކުންނަ ޓީމާއި ދެކޮޅަށް ކުޅެން އެންމެ ރަނގަޅަށް ތައްޔާރުވެފައި މި ވަނީ. އެ މެޗަކީ އެއް ގޮތަކުން ބަލާއިރު އެންމެ އުނދަގޫ އެއް މެޗަށް ވެގެން ހިނގައިދާނެ،" ނިޒާމްބެ ބުންޏެވެ.
ލިގްގައި މިހާތަނަށް ކުޅުނު ދެ މެޗުން ލިބުނު ތިން ޕޮއިންޓާ އެކު ޓީސީ ދެވަނާގައި އޮތް އިރު ހަމަ އެ އަދަދަށް ޕޮއިންޓް ލިބި ގޯލުގެ ތަފާތުން ފަސް ވަނާގައި އޮތީ ޔުނައިޓެޑް ވިކްޓްރީ އެވެ. މި ދެ ޓީމް ބައްދަލު ކުރާ މެޗު މިއަދު ހަވީރު 4:00 ޖަހާއިރު ގައުމީ ބޯޅަ ދަނޑުގައި ކުޅޭނެ އެވެ.