ފުރަތަ މަވެސް ހިތަށް ވެރިވެގަތީ ބިރުވެރިކަމެކެވެ. ހަނދާންވީ ދާދި ފަހުން ހިނގި ކޯސްޓްލައިން ހާޑްވެއާގެ އަލިފާނުގެ ހާދިސާ އެވެ. ސަބަބަކީ ދުމުގެ ވިލާގަނޑަކުން އެ ދުވަހު މާލެ ފޮރުވާލުމުންނެވެ. ދެތިން ދުވަސްވީ އިރު ވެސް މާލޭގެ ބޮޑު ބަޔަކުން ދުމުގެ ވަސް ނުފިލަ އެވެ. އަނެއްކާ ވެސް އެފަދަ ދުމުގެ އަސަރުތަކެއް މާލެއަށް ކުރަން ފަށައިފި އެވެ. ފަހަކަށް އައިސް ކޮންމެ ދުވަހަކު އެކަން ތަކުރާރުވެ އެވެ. އެތައް ބަޔަކު ހިތުގައި އުފެދޭ ސުވާލަކީ ކޮންތަނެއްގައި ރޯވީބާ އެވެ؟ ހަގީގަތަކީ އެ ދުމަކީ މާލޭގެ ތަނެއްގައި ރޯވެގެން ފެތުރޭ ދުމެއް ނޫން ކަމެވެ.
ކޮންމެ ދުވަހެއްގެ އިރުއޮއްސޭ ވަގުތާއި ފަތިހުގެ ވަގުތު ދުމުގެ އަސަރު މާލެއަށް ކުރަނީ ކުނި އަންދާ ތިލަފުށިންނެވެ. އެ ދުމުގެ އަސަރު ވިލިމާލެ އާއި މާލެއަށް މިހާރު މާބޮޑަށް ކުރެ އެވެ. މާލެތެރޭގައި ދިރިއުޅޭ މީހުންނަށް ކުރިމަތިވާ ދުމުގެ އުނދަގުލުގެ އަސްލަކީ އެއީ އެވެ. ތަފާތު މެޓީރިއަލް އާއި ކެމިކަލްތައް އެންދުމުން ވައިގެ ތެރެއަށް ފެތުރިގެންދާ ދުމުގެ އަސަރު މާލެއަށް ކުރަން ފެށީ އިއްޔެ އަކު މިއަދަކު ނޫނެވެ. ވައި ހުންނަ ގޮތުން އެކި ދުވަސްވަރު އެ އުނދަގޫ މާލޭގެ ރައްޔިތުންނަށް ދަނީ ފޯރަމުންނެވެ.
މޯލްޑިވްސް މީޓުރޮލޮޖިކަލް ސާވިސްގެ ޑައިރެކްޓަރު މީޓުރޮލޮޖީ އަހުމަދު ރަޝީދު ވިދާޅުވީ މިދުވަސްވަރު މާލެ ސަރަހައްދަށް ވައި ޖެހެމުންދަނީ ހުޅަނގުން ކަމަށެވެ. އެއީ ތިލަފުށި އޮތް ދިމާލެވެ. އެދިމާލުން އާންމު ގޮތެއްގައި މިހާރު ގަޑިއަކު 15 މެއިލާ 18 މެއިލާ ދޭތެރޭގައި ވައިޖެހެމުންދާ އިރު ވިލާގަނޑުގައި 35 މެއިލާއި 40 މެއިލާ ދޭތެރޭ ބާރުމިނެއްގައި ވައިޖެހެމުންދާ ކަމަށް ރަޝީދު ވިދާޅުވި އެވެ.
އެތައް ކުޑަކުދިންނަކާއި އެތައް ބަޔަކު ނޭވާ ހިއްލުމުގެ މައްސަލަތައް ފަދަ މައްސަލަތަކާއި ކުރިމަތިވެފައިވާ އިރު މިދުމުގެ މައްސަލައަކީ އެތައް ހާސް ބައެއްގެ ކަންބޮޑުވުމެކެވެ. ބޮޑު ޝަކުވާއެކެވެ.
"އަޅުގަނޑު ދިރިއުޅެނީ ވިލިމާލޭގައި، މިފަހަކަށް އައިސް ކޮންމެ ދުވަހެއްގެ ހެނދުނާއި ހަވީރު ކައިރި ހުންނަތަންތަން ވަކިނުވާވަރަށް ދުން މުޅި ރަށުތެރޭގައި ހުރޭ، އަޅުގަނޑު ކަންބޮޑުވަނީ އެއްވެސް މީހަކު މިވާހަކަ ނުދައްކާތީ، މިއީ ކިހާބޮޑު ބިރުވެރިކަމެއްތޯ،" ވިލިމާލޭގައި ދިރިއުޅޭ މީހަކު ސަންއަށް މައުލޫމާތު ދެމުން ބުންޏެވެ.
މާލެ އާއި މާލެ ސަރަހައްދުގެ އިތުރުން ރިސޯޓުތަކުން އުކާލާ ތަފާތު ކުނިތައް ގެންގޮސް އަނދަމުންދާ ތިލަފުށީގެ ދުން މީހުން ދިރިއުޅޭ ހިސާބުތަކަށް ފެތުރޭ ނަމަ މިއީ އިންތިހާއަށް ކަންބޮޑުވާން ޖެހޭ މައްސަލައެކެވެ. ސަބަބަކީ ދުމުގެ ޒަރީޔާ އިން އިންސާނުންނާ ހިސާބަށް އެ އަންނަ ކެމިކަލްތަކުގެ ސަބަބުން ސިއްހީ އެތައް މައްސަލަތަކެއް ކުރިމަތިވާނެތީ އެވެ.
ސިއްހީ އެތައް މައްސަލައެއް ކުރިމަތިވާނެ!
ކުޑަކުދިން ފެށިގެން އެތައް ބަޔަކަށް ނޭވާ ހިއްލުމުގެ މައްސަލަތައް ކުރިމަތިވުން މުޖުތަމައުގައި ދަނީ އިތުރުވަމުންނެވެ. ތަފާތު ދާއިމީ ބޮޑެތި ބަލިތައް ޖެހުން ވަނީ އާންމުވެފަ އެވެ. މިއީ މިފަދަ މާހައުލުގެ ނޭދެވޭ އަސަރެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެޕިޑަމިއޮލޮޖިސްޓް ޑރ. އައިޝަތު އަރޫނާ ވިދާޅުވީ ވިލިމާލެ އާއި މާލޭގައި ދިރިއުޅޭ މީހުންނަށް ތިލަފުށީގެ ދުމުގެ އަސަރު ކުރުމުގެ މައްސަލަތައް ހުށައެޅިފައިވާ ކަމަށާއި އެއީ ފުއްޕާމާގެ ބަލިތައް ޖެހުމަށް މަގުފަހިވާ ކަމެއް ކަމަށެވެ.
"ފުއްޕާމާގެ ވަރަށް ގިނަ ބަލިތައް ޖެހުން އެކަށީގެންވޭ، އެންމެ އާންމުކޮށް ޖެހޭ ބައްޔަކީ ނޭވާ ހިއްލުމާއި ކެއްސުން، ކުޑަކުދިން ވިއްޔާ ސްކޫލަށް ނުދެވި ބޮޑެތި މީހުން ކަމަށްވާ ނަމަ މަސައްކަތަށް ސަމާލުކަން ދިނުން އުނދަގޫވެ އެކަހަލަ ކަންތައް،" ޑރ. އަރޫނާ ވިދާޅުވި އެވެ.
އޭގެ އިތުރުން ބައެއް ވިހަ ގޭސްތަކުގެ ސަބަބުން އިތުރު ބަލިތައް ޖެހުން މަގުފަހިވާ ކަމަށް އަރޫނާ ވިދާޅުވި އެވެ.
ދާއިމީ ހައްލަކީ ކޮބާ؟
މޫސުމަށް އަންނަ ބަދަލާ އެކު ދޭތެރެ ދޭތެރެއިން ވިލިމާލެ އާއި މާލެއަށް ދުމުގެ އަސަރު ކުރަމުން ދިއުމަކީ އެތައް ހާސް ބައެއް ސިއްހީ ބަލިމަޑުކަމެއްގެ ތެރެއަށްވެއްޓެން އޮތް މަގެކެވެ. މިކަމަށް ދާއިމީ ހައްލެއް ހޯދަން ޖެހެ އެވެ. ދުން ނުފެތުރޭނެ ގޮތަކަށް ތިލަފުށިން ކުނި ނައްތާލެވޭނެ ގޮތްތަކެއް ހަމަޖައްސަން ޖެހެ އެވެ.
އަރޫނާ ގަބޫލް ކުރައްވާ ގޮތުގައި އެދުމުން ސަލާމަތްވުމަށް އާންމުންނަށް އެޅޭނެ މާކަ ބޮޑު ފިޔަވަޅެއްނެތެވެ. އެގޮތުން މާސްކު އެޅުން ފަދަ ކަންކަމަކުން އެފަދަ ދުމުގެ އަސަރުން ސަލާމަތް ނުވެވޭނެ ކަމަށާއި އެކަމުގެ ހައްލަކީ ކުނި އަންދާތައް ބަދަލުކުރުން ކަމަށް ވިދާޅުވި އެވެ.
މީގެ ކުރިން ވެސް ތިލަފުށިން ފެތުރޭ ދުމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ތަފާތު މަސައްކަތްތަކެއް ވަނީ ރާވާފަ އެވެ. ސަރުކާރުގެ އޮފިޝަލަކު ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ހަތް މަހެއްހާ ދުވަހުގެ ތެރޭގައި އެތަނުން އަރާ ދުންތައް ހުއްޓުވާނެ ކަމަށެވެ. އެގޮތުން ގްރީން ޓެކްސްގެ ސަބަބުން ލިބޭ ފައިސާއަކީ ތިލަފުށީގައި އޮތް މައްސަލައަށް ބޭނުންކުރާނެ ފައިސާ ކަމަށް ވިދާޅުވި އެވެ.
އެތަކެއް ވިހަ ކެމިކަހަލާ އެކު އެތައް ކުނި ބުނިން އުފެދޭ ދުމުގެ އަސަރު އެތައް ހާސް ބަޔަކަށް ފޯރަމުންދާ އިރު މިއީ ހައްލެއް ނުލިބި އެތައް އަހަރުތަކެއްވެފައިވާ މައްސަލައެކެވެ. މިކަމަށް ހައްލެއް ލިބިފައިނުވާ އިރު މިއީ ފުރާނައަށް ގެއްލުންވާ ފަދަ އެތައް ބައްޔެއް ކުރިމަތި ވެދާނެ ކަމެކެވެ. ދުޅަހެޔޮ މުޖުތަމައުއަކަށް ހެދޭނީ މިކަމަށް އަވަސް ހައްލެއް ލިބިގެންނެވެ.