ގުރުއާނުގެ ދިވެހި ތަރުޖަމާގެ އޯޑީއޯ އާއި ވީޑިއޯގެ ރޯދަމަހު ޕީއެސްއެމުން ނެރެނީ

އެންމެ އަލިގަދަތަރީގެ ސުޕޮންސާޝިޕް އެގްރިމެންޓުގައި ސޮއިކުުމުގެ ރަސްމިއްޔާތުގައި ޕީއެސްއެމްގެ އެމްޑީ އިބްރާހިމް ހަލީލު ވާހަކަފުޅު ދައްކަވަނީ-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން ރަޝީދު

ކީރިތި ގުރުއާނުގެ ދިވެހި ތަރުޖަމާގެ އޯޑިއޯ އާއި ވީޑީއޯ އަންނަ ރޯދަ މަހު ނެރުމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އިން ނިންމައިފި އެވެ.

ޕީއެސްއެމްގެ ޓީވީއެމުން ބާއްވާ އެންމެ އަލިގަދަ ތަރި ޕްރޮގުރާމުގެ ސުޕޮންސާޝިޕް އެގްރިމެންޓުގައި ސޮއިކުުމުގެ ހަފްލާގައި ވާހަކަ ދައްކަވަމުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލް މިރޭ ވިދާޅުވީ ކީރިތި ގުރުއާނުގެ ދިވެހި ތަރުޖަމާގެ އޯޑިއޯ އާއި ވީޑިއޯ ތައްޔާރު ކުރުމުގެ މަސައްކަތް ފެށީ ގާނޫނުގެ ދަށުން ޕީއެސްއެމް އުފެއްދުމާއެކުގައި ކަމަށެވެ. ނަމަވެސް މިހާރު އެ މަސައްކަތް ނިމުމުގެ އެންމެ ފަހު މަރުހަލާގައިވާ ކަމަށް ހަލީލު ވިދާޅުވި އެވެ.

އެހެންކަމުން ކުރިއަށް އޮތް ރޯދަ މަހުގެ ތެރޭގައި ކީރިތި ގުރުއާނުގެ އޯޑިއޯ އަދި ވީޑިއޯ ތަރުޖަމާ ގެނެސްދޭނެ ކަމަށް ހަލީލް ވިދާޅުވި އެވެ.

އެ ތަރުޖަމާ ނުކުންނައިރު ހުރިހާ ފޯނުތަކަށް ސަޕޯޓްކުރާ އެޕްލިކޭޝަން ތައްޔާރުކުރުމަށް ނިންމާފައިވާއިރު ތަފާތު ޑިވައިސްތަކުން ބަލާލައި އަޑުއަހާލެވޭނެ ކަމަށް ވެސް ހަލީލު ވިދާޅުވި އެވެ.

އެންމެ އަލިގަދަތަރީގެ ސުޕޮންސާޝިޕް އެގްރިމެންޓުގައި ސޮއިކުުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ/ ޔޫސުފް ސަފްވާން ރަޝީދު

"ގެނެސްދޭއިރު ހަމައެކަނި ސީޑީއެއް ނެރެނީއެއް ނޫން، ސީޑީއަކުން ޕްލޭ ކޮށްލަން ބޭނުންވާ މީހާއަށް ވެސް އެ ފުރުސަތު، ޑީވީޑީއަކުން ޕްލޭކޮށްލަން ބޭނުންވާ މީހަކަށް އެފުރުސަތު، ޕެންޑުރައިވަކަށް އަޅައިގެން ގެންގޮސް.. ޕްލޭކުރަން ބޭނުންވާ މީހާއަށް އެ ފުރުސަތު، އަދި އަތުގައި އޮންނަ ފޯނުގައި އޮންނަ އެޕްލިކޭޝަނުން އަޑުއަހާލަން ބޭނުންވާ މީހާއަށް ވެސް އެފުރުސަތު،" ހަލީލު ވިދާޅުވި އެވެ.

އެ ތަރުޖަމާ އިން ގުރުއާނުގެ ކޮންމެ ސޫރަތެއް ވަކިވަކިން ވެސް ހިޔާރު ކޮށްގެން ސޫރަތްތަކުގެ ތަރުޖަމާ އަޑުއަހާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ހަލީލު ވިދާޅުވި އެވެ.

ގުރުއާނުގެ ދިވެހި ތަރުޖަމާ ފޮތެއްގެ ސިފައިގެ ގޮތުގައި ނެރެފައި ވީނަމަވެސް މުޅި ގުރުއާނުގެ ދިވެހި ތަރުޖަމާގެ އޯޑިއޯއެއް އަދި ވީޑިއޯއެއް މިހާތަނަށް އާންމުކޮށްފައެއް ނުވެ އެވެ.

comment ކޮމެންޓް