މާޔޫސްކަމުން ސަލާމަތްވާން އަގީދާގައި ސާބިތުވުން މުހިންމު: ޚުތުބާ

އިސްލާމީ މަރުކަޒުގައި ހުކުރު ދުވަހު ހުކުރު ނަމާދުގެ ވަގުތުގައި: މިއަދުގެ ޚުތުބާގައި ބުނީ ނަފްސް މާޔޫސްކަމުން ސަލާމަތްވުމަށް އަގީދާގައި ސާބިތުވުން މުހިންމު ކަމަށް -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

އިންސާނާގެ ނަފުސު މާޔޫސްކަމުން ސަލާމަތްވާން އަގީދާގައި ސާބިތުވުމަކީ މުހިންމުކަމެއް ކަމަށް ބުނެ މިއަދުގެ ހުކުރު ޚުތުބާގައި ނަސޭހަތްތެރިވެއްޖެއެވެ.

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައިވަނީ "ދިރިއުޅުމުގައި ދިމާވާ ދަތިތަކާމެދު މާޔޫސް ނުވުން" މި މައުޟޫއުގެ މައްޗަށެވެ.

ދިރިއުޅުމުގެ ހަޔާތަކީ ހިތްދަތިކަންކަމާއި ހިތާމަތަކާއި ދަތި އުނދަގޫ ކަންކަން ހިމެނިގެންވާ ހަޔާތެއްކަން ފާހަގަކުރައްވާ ޚުތުބާގައި ބުނީ، ދަތި އުނދަގުލަށް ފަހު ފަސޭހަކަން އަންނާނެކަން ކަށަވަރު ކަމަށެވެ. ހިތާމަތަކަށް ފަހު، އުފާވެރިކަން އަންނާނެކަން ޔަގީންއިރު އެއީ މި ހަޔާތުގެ ފިޠުރަތުކަމަށް ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ، މުއުމިން އިންސާނާއަށް ހުރިހާ ކަމެއްގައި ވެސް ވަނީ ހެޔޮކަން ކަމަށެވެ. މިސާލެއްގެ ގޮތުގައި ފާހަގަކުރީ އުފާވެރިކަމެއް މެދުވެރިވެއްޖެ ނަމަ، ޝުކުރުވެރިވާނެ ކަމަށާއި ހިތްދަތިކަމެއް މެދުވެރިވެއްޖެނަމަ ކެތްތެރިވާނެ ކަމަށެވެ.

ހިތްދަތިކަންކަމުން އަރައިގަތުމަށް މަސައްކަތްކުރަން ވާނީ އަޒުމާއި ހިތްވަރާ އެކުގައި ކަމަށާއި ކިތަންމެ އަގީދާ ވަރުގަދަ މީހަކު ވެސް މާޔޫސްވުމުގެ ތެރެއަށް ވެއްޓިދާނެ ހާލަތެއް އަތުވެދާނެ ކަމަށް ޚުތުބާގައި ބުންޏެވެ. ނަމަވެސް، އެއީ މީހާގެ އަގީދާގެ ބަލިކަށިކަމުންވާ ކަމެއްނޫން ކަމަށް ޚުތުބާގައި ބުންޏެވެ. އެއީ، އިންސާނާގެ ނަފުސުގެ ބަލިކަށިކަން ކަމަށާއި އިންސާނާގެ ނަފުސު މާޔޫސްކަމުން ސަލާމަތްވުމުށްޓަކައި އަގީދާގައި ސާބިތުވުމަކީ މުހިންމުކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ.

"މިގޮތުން ވަސްވާސްތަކުގެ ޝިކާރައަކަށްނުވެ، ވަރުގަދަ އަޒުމަކާ އެކު ސަލާމަތުގެ އައްސޭރިއަށް ވާސިލުވެވިދާނެ. ދިރިއުޅުމުގައި ދިމާވާ ދަތިކަމަކަށް ފަހު ލުޔެއް ލިބޭނެކަމުގެ އުންމީދު ބައެއް މީހުން ކަނޑާލާ. ނަމަވެސް، އިންސާނާއާ އެކި ގޮތްގޮތުން ދިމާވާ މުސީބާތްތަކާއި ދަތިކަން ފިލައިދިއުން ﷲގެ އިރާދަފުޅުގައި ކަނޑައަޅުއްވައިފައިވޭ،" ޚުތުބާގައި ބުންޏެވެ.

"އެހެނަސް ބައެއް މީހުންގެ މަސައްކަތަކަށްވެފައި އޮންނަނީ، އެ ފަދަ ކަންކަމުން ސަލާމަތްވުމަށް މަސައްކަތްކުރުމުގެ ބަދަލުގައި ނާއުންމީދުގެ ބަސްތައް ތަކުރާރުކުރުން. މިފަދަ ޝުއޫރުތަކާއި ވާހަކަތައް ދެކެވެނީ އުންމީދު ކެނޑި ދުނިޔެވީ ހަޔާތުން މާޔޫސްވެފައި ވާތީ. އެހެންކަމުން، ސަބަބުތަކުގައި ހިފައި، ޙާލަތު ބަދަލުކުރުމަށް މަސައްކަތްކުރުމަށް އިންސާނާ ފަހަތަށް ޖެހޭ،"

އިސްލާމީ މަރުކަޒުގައި ހުކުރު ދުވަހު ހުކުރު ނަމާދުގެ ވަގުތުގައި -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

ކީރިތި ޤުރްއާނުގައި މާޔޫސްވުމާއި އުންމީދު ކެނޑުމާ މެދު އެތައް ބަސްފުޅެއް އައިސްފައިވާއިރު، އޭގެ ތެރޭގައި އަޅާ އޭނާގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ރުޖޫއަވެ ތައުބާވުމާއި ނުވަތަ ޤަޟާގަދަރާ ގުޅުން ހުރިކަންކަން ހިމެނެއެވެ. ހެޔޮ މިންވަރާއި ނުބައި މިންވަރަށް އީމާންވުން އީމާންކަމުގެ ރުކުނެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ މާޔޫސްވުމާއި އެތައް ނުރައްކަލަކުން އިންސާނާ ސަލާމަތުގެ އައްސޭރިއަށް ގެންގޮސްދިނުމުގެ ބާރެއްގެ ގޮތުންކަން ޚުތުބާގައި ފާހަގަކުރިއެވެ. އަދި ކަންކަމުގައި މާތްﷲއާ ވަކީލުކުރުމަކީ އީމާންކަމުގެ ތެރެއިންވާ ކަމެއް ކަމަށާއި އެކަލާނގެ ރަޙްމަތާ މެދު މާޔޫސްވުމަކީ މަގުފުރެދުމުގެ ސަބަބުތަކުގެ ތެރެއިން ސަބަބެއްކަމަށް ބުންޏެވެ.

މުއުމިނުންނަކީ އެންމެ ބޮޑެތި މުޞީބާތުގެ ވަގުތުތަކުގައި ވެސް، މާތްﷲގެ ރަޙްމަތާއި ލުޔަށް އުންމީދުކުރާ، އެ މީހުންގެ ހިތްތައް ޔަގީންކަމުން ފުރިފައިވާ ބައެކެވެ. އަދި، މާތް ﷲގެ މަގުގައި ސާބިތުވެ ހުންނަ މީހަކު މާޔޫސްވެގެން ނުވާނެ ކަމަށާއި އޭނާ އަމަލުކުރާނީ މާތްﷲގެ ވަހީބަސްފުޅާ އެއްގޮތަށް ކަމަށް ޚުތުބާގައި ބުންޏެވެ.

"ހިތްދަތިކަމުގެ ޙާލަތުގައި ބައެއް ފަހަރު ވަސްވާސްތަކާއި ވަހުމުތަކުގެ ޝިކާރައަކަށްވެ، އިންސާނާ ޝައިޠާނާގެ މަކަރުވެރިކަމުގެ ދަލުގައި ޖެހި، އަމިއްލަ ނަފުސު ހަލާކުގެ ތެރެއަށް ވައްޓައިލާ. މުސްލިމުންނާ ކުރިމަތިވާ ހިތާމައާއި ހިތްދަތިކަން ފިލުވުމަށް އެހީތެރިވާނެ ބައެއް ސަބަބުތަކަށް ބަލާއިރު، ދިމާވާ ކޮންމެ ކަމެއްގައި ވެސް މާތް ﷲއާ ވަކީލުކުރުން ހިމެނޭ،" ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނި ގޮތުގައި ހިތްތަކަށް ހަމަޖެހުން ލިބޭ ސަބަބުތަކުގެ ތެރޭގައި ހެޔޮލަފާ މީހުންނާ އެކު އުޅުމާއި، އެމީހުންގެ ވާހަކަތައް އަޑުއަހައި، އެމީހުންގެ ނަސޭހަތްތަކުގެ ފައިދާހޯދުން ހިމެނެއެވެ. މިފަދަ މީހުންނާއެކު މަޖިލިސްކުރުމަކީ ރަޙްމާނުވަންތަ ﷲ ރުހިވޮޑިގަންނަވާ ކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ.

ހަމައެއާއެކު ހިތްތަކަށް ހިތްހަމަޖެހުން ލިބޭ ސަބަބުތަކުގެ ތެރޭގައި ކީރިތި ޤުރްއާނާ މެދު ވިސްނައި ފިކުރުކޮށް އެ ފޮތް ކިޔެވުން ހިމެނެއެވެ. މިއީ ހިތާމަތައް ފިލުވައި، ކަންބޮޑުވުންތަކާއި ހިތްދަތިކަން ދުރުކުރުމުގައި އެންމެ މަތިވެރި ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ކީރިތި ޤުރްއާން ކިޔެވުމުން އަޅާގެ ހިތަށް ހަމަޖެހުން ލިބެއެވެ.

އެކަން ފާހަގަކުރައްވާ ޚުތުބާގައި ބުނީ، ހިތްހަމަޖެހުން ލިބޭ ސަބަބުތަކުގެ ތެރޭގައި ހެނދުނާއި ހަވީރުގެ ޒިކުރުތަކާއި، ނިދުމުގެ ކުރިން ކުރާ ޒިކުރުތަކާއި، ދުވާލާއި ރޭގަނޑުގެ އެހެނިހެން ވަގުތުތަކުގައި ކުރާ ޒިކުރުތައް ހިމެނޭ ކަމަށެވެ. އެ ޒިކުރުތަކުން މުސްލިމު އަޅާ، މާތް ﷲ ގެ ވާގިފުޅާއެކު، ޖިންނި ޝައިޠާނުންނާއި އިންސާނުންގެ ތެރެއިންވާ ޝައިޠާނުންގެ ނުބައިކަމުން ރައްކާތެރިވާނެ ކަމަށް ޚުތުބާގައި ބުންޏެވެ. އަދި އެ ޒިކުރުތަކުގެ މާނައާ މެދު ވިސްނައި، އޭގެ ނަތީޖާއާއި ފައިދާތައް ޔަގީންކުރާނަމަ، އަޅާއަށް މާއްދީ އަދި މައުނަވީ ބާރު އިތުރުވާނެ ކަމަށް ޚުތުބާގައި ބުންޏެވެ.

comment ކޮމެންޓް