ރާއްޖޭގައި ހިންގަމުންދާ ބޮޑެތި މަޝްރޫއުތަކަށް ފައިސާ އާއި ލޯނު ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ޚަރަދު ކުޑަ ދުވަސްކޮޅަކާ ދިމާކޮށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)އަށް 50 ވަނަ އަހަރު ފުރުމުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން މިރޭ ވިދާޅުވީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުން، ތަރައްގީ ވަމުން އަންނަ ގައުމުތަކަށް މީގެ ކުރިން ބޮޑެތި އެހީތައް ދިން ނަމަވެސް، އެގޮތަށް މިހާރު އެހީ ނުލިބޭ ކަމަށެވެ.
"ވަރަށް ކުޑަކުޑަ އެއްޗެއް ދެނީ. ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ވެސް ދެނީ ވަރަށް ކުޑަކުޑަ އެހީއެއް،" ރައީސް ވިދާޅުވި އެވެ.
އެހެންކަމުން، ޕްރައިވެޓް ކެޕިޓަލް މާކެޓުތަކަށް ވަންނަން ޖެހެނީ ދައުލަތްތަކުން ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، މަޝްރޫއުތަކުން ހޯދާ ފައިސާ ކުޑަ ކަމަށާއި މިއީ މިވަގުތު ރާއްޖެއަށް އޮތް ނަސީބެއް ކަމަށެވެ. އަދި އެ ހާލަތު އެގޮތުގައި އަބަދު ނޯންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އެޑްވާންޓޭޖުގައި މިދުވަސްކޮޅު އޮތް ކަމަކީ ދުނިޔޭގައި މިވަގުތު މި ހޯދާ ފަންޑިންގެ ޚަރަދު ކުޑަކަން. މި ހާލަތަކީ އަބަދު މިގޮތުގައި އޮންނާނެ ހާލަތެއް ނޫން. އަޅުގަނޑުމެންނަށް އެންމެ ބޭނުންވެފައި ހުންނަ މަޝްރޫއުތަކަށް ފައިސާ ހޯދަން ބަލާއިރު، ކޮސްޓް އޮފް ކެޕިޓަލް ކުޑަ ދުވަސްކޮޅަކާ އަޅުގަނޑުމެން މި ކުރިމަތިލަނީ. އެއީ އަޅުގަނޑުމެންގެ ނަސީބު،" ރައީސް ވިދާޅުވި އެވެ.
ދިވެހި ސަރުކާރުން މިހާރު ވެސް ދަނީ ބޭރު ގައުމުތަކުގެ ބޮޑެތި ލޯނު އެހީގައި ރާއްޖޭގައި، ތަރައްގީގެ ބޮޑެތި މަސައްކަތްތަކެއް ކުރިޔަށް ގެންދަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ ރާއްޖެއަށް އަންނަން އޮތް ތަރައްގީ އެހެން ދިމާލަކަށް ގޮސް، ތަރައްގީން ރާއްޖެ މަހުރޫމުވުމަށް އެދިވަޑައިނުގަންނަވާ ކަމަށާއި ތަރައްގީގެ ރޭހުގައި ބައިވެރިވުމަށް ރާއްޖެއިން އެދޭ ކަމަށެވެ.
އެއާޕޯޓުގެ ތަރައްގީގެ މަޝްރޫއުތަކުގައި ބޭރުގެ ފަރާތްތަކުގެ ތަޖުރިބާއާ އެހީ ހޯދިޔަސް، އެއާޕޯޓު ދިވެހީންގެ އަތުން ބީވެގެން ނުދާނެ ގޮތަކަށް ކަންކަން ކުރުމަށް ވިސްނަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.