ގދ. ތިނަދޫ ކޯޓުގެ އެޑްމިނިސްޓްރޭޓާގެ ވަޒީފާއިން ވަކިކުރި މީހަކަށް ބަދަލުގެ ގޮތުގައި 60،740 ރުފިޔާ ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފި އެވެ.
ގދ. ތިނަދޫ ރޫބީ މުހައްމަދު ޒުހައިރު އެ މައްސަލާގައި ދައުވާ ކުރީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ މައްޗަށެވެ.
މިދިޔަ ހޯމަ ދުވަހު ޓްރައިބިއުނަލުން ނިންމި ނިންމުމުގައި ވަނީ ޒުހައިރުގެ ފަރާތުން ހުށަހަޅާފައިވާ ކަންތައްތަކަށް ބެލިއިރު، އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 93 ވަނަ މާއްދާ އަށް ރިއާޔަތްކޮށް އެ ގަވާއިދުގެ 213 ވަނަ މާއްދާގެ ދަށުން ނޫން ކަމަށް އެ މައްސަލަ ބެއްލެވި މެމްބަރުންގެ އިއްތިފާގުން ކަނޑައަޅާ ކަމަށެވެ.
ބަދަލުގެ ގޮތުގައި ޒުހައިރަށް ދޭންޖެހޭ ފައިސާ 20 ދުވަހުގެ ތެރޭގައި އެކީއެއްފަހަރާ ދިނުމަށްފަހު އެކަން ހަމަޖެހޭތާ ފަސް ދުވަހުގެ ތެރޭގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް ވެސް ވަނީ އަމުރުކޮށްފައެވެ.