ގދ. ތިނަދޫ ސިޓީ ކައުންސިލާއެކު މަޝްވަރާކޮށް، ތަޖުރިބާ ހޯދުމަށް ތިނަދޫއަށް ކުރި ދަތުރުގެ ތެރެއިން ފަޅު ރަށްތަކަކަށް ދިޔައީ، ކައުންސިލުގެ ދައުވަތަށް ކަމަށާއި، އެއީ ދަތުރުގެ މަގްސަދާ ނުގުޅޭ ކަމެއްކަމަށް އޮޑިޓު އޮފީހުން ބުނެފައިވަނީ ގޯސްކޮށް ކަމަށާއި އެ އޮފީހަށް އެހެން ނުނިންމޭނެ ކަމަށް ކ. ކާށިދޫ ކައުންސިލުން މިއަދު ބުނެފިއެެވެ.
ކާށިދޫ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާއި އިދާރީ މުވައްޒަފުން ހިމެނޭހެން ކާށިދޫ ކައުންސިލްގެ 18 މުވައްޒަފަކު ވަނީ، ޑިސެމްބަރު 28، 2022 އިން ޖަނަވަރީ ދޭއް، 2023އަށް ގދ. އަތޮޅުގެ ބައެއް ރަށްތަކަށް ތަޖުރިބާ ދަތުރެއް ކޮށްފައެވެ. އޮޑިޓުގައި ބުނީ، އެ ދަތުރަށް ކައުންސިލް ބަޖެޓުން 170،726 ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ.
އެ ދަތުރުގެ ތެރެއިން، އެ ސަރަހައްދުގައި މީހުން ދިރިނޫޅޭ ގދ. ކަފެނާއާއި ގދ. ލާބަދޫއަށް ދިޔުމަށް 4،400 ރުފިޔާ ކައުންސިލުގެ ބަޖެޓުން ވަނީ ޚަރަދުކޮށްފައެވެ. އެ ރަށްތަކަށް ދިޔުމުގެ ބޭނުމާއި މަގުސަދު ދަތުރު ރިޕޯޓުގައި ބަޔާންކޮށްފައި ނެތް ކަމަށް އޮޑިޓުގައިވެއެވެ.
އެހެންވެ، އެ ކަމާ ގުޅިގެން ކައުންސިލާ، އޮޑިޓުން ވަނީ ސުވާލުކުރުމުން، އެ ދަތުރަކީ، މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިކޮށް، ''މޯޓިވޭޝަން'' ނުވަތަ މަސައްކަތުގެ ރޫހު އިތުރުކުރުމަށް ކޮށްފައިވާ ދަތުރެއް ކަމަށް ކައުންސިލުން ބުނި ކަމަށް ރިޕޯޓުގައިވެއެވެ.
އެކަމާ ގުޅިގެން "ސަން"އާ މިއަދު ވާހަކަދައްކަވަމުން ކާށިދޫ ކައުންސިލުގެ ރައީސް މުޙައްމަދު އާމިރު ވިދާޅުވީ، އެ ރަށު ކައުންސިލުން ތަޖުރިބާ ހޯދުމުގެ ދަތުރަށް އެއްވެސް ފަޅުރަށަކަށް ނުދާ ކަމަށާއި، އޮޑިޓު އޮފީހުގެ ރިޕޯޓުގައި ވަރަށް ބޮޑަށް އޮތީ އޮޅުވައިލައިފައި ކަމަށެވެ.
އޭނާ ވިދާޅުވީ، ތަޖުރިބާ ދަތުރަށް ދިޔައީ ގދ. ތިނަދޫއަށް ކަމަށާއި، ފަޅު ރަށްތަކަކަށް ދިޔައީ، ތިނަދޫ ކައުންސިލުގެ އިހްތިޞާސުގައި އޮތް ދެ ރަށެއް ތަރައްގީކުރުމުގެ ޕްލޭން ހިއްސާކުރުމުން، އެކަމާ ގުޅޭ ސުވާލުތަކަށް ޖަވާބުދީ އިތުރު ކަންކަން ހިއްސާކުރުމަށް ކައުންސިލުގެ ދައުވަތަށް ކަމަށެވެ.
"އެއްވެސް ހާލެއްގައި ފަޅުރަށަކަށް ދިޔައީއޭ ނުބުނެވޭނެ. އެ ރަށުގެ ބައެއްގެ ގޮތުގައި ކަނޑައެޅިފައި އެއޮތީ އިހްތިޞާސްގެ ތެރޭގައި ހިމެނުނީމާ،" އޭނާ ވިދާޅުވިއެވެ.
އާމިރު ވިދާޅުވީ އޮޑިޓު އޮފީހުގެ ރިޕޯޓުގައި, ފަޅު ރަށްތަކަށް ކުރި ދަތުރުގެ ވާހަކަ ގެނެސްފައިވަނީ ވަރަށް ޒިންމާދާރު ކުޑަކޮށް ކަމަށެވެ. އަދި ފަޅުރަށްތަކަށް ދިއުމަށް ކުރި ޚަރަދަކީ "ތަޖުރިބާ ހޯދުމަށް ކުރި ދަތުރާ ގުޅޭ ޚަރަދެއް ކަމުގައި ނުބެލެވޭ" ކަމަށް އޮޑިޓުގައި ބުނުމަކީ ވެސް ހަމަޖެހޭ އުސޫލަކުން ފާހަގަކޮށްފައިވާ ކަމެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ދަތުރުގެ މަގްސަދާ ގުޅިފައެއް ނޫންތޯ އިންނާނީ.. އެމީހުންގެ އިހްތިޞާސްގެ ތެރޭ ހިމަނައިފައި އޮތް ރަށެއް ތަރައްގީކުރަން ކުރާ މަސައްކަތް ބަލަން އެ ރަށަށް ދިޔައީމާ،" އޭނާ ވިދާޅުވިއެވެ.
އާމިރު ވިދާޅުވީ އޮޑިޓު އޮފީހަށް، ކައުންސިލުން ކަމެއް ކުރަން ނިންމާ ނިންމުން ގޯސްކަމަކަށް ނުބުނެވޭނެ ކަމަށާއި، އެ އިހްތިޞާސެއް ނޯންނާނެ ކަމަށެވެ. އޮޑިޓުން ކަނޑައަޅަން ޖެހޭނީ، ކައުންސިލުން ކަމެއް ކުރަން ނިންމައި، އެ ކަމެއް ކުރަން ކުރި ޚަރަދާއި، ވަސީލަތްތައް ހޭދަކުރީ ރަނގަޅަށްތޯ ނުވަތަ ނޫންތޯ ކަމަށެވެ.
"އަޅުގަނޑުމެންނާ ސުވާލުކޮށްފި އައްޑޫ ހިތަދޫއިން ގަމަށް ދާންވެގެން ކާރެއް ކުއްޔަށް ނެގީ ކީއްވެތޯ ވެސް. މީ ދެން ކިހާ ވަރުގަދަ ކަމެކޭ ބުނެވޭނީ. އަޅުގަނޑު ހަމަ އެކަމާ އެ މީހުންނާ [އޮޑިޓު އޮފީހާ] ސުވާލުކުރީ ކީއްވެގެންހޭ ލޯންޗެއް ހިފައިގެން މި ރަށަށް [ކާށިދޫ] އަށް އައީ،" އޭނާ ވިދާޅުވިއެވެ.
އޮޑިޓު އޮފީހުން ކައުންސިލްތައް އޮޑިޓު ކުރުމަށް ފަހުގައި އާންމުކުރެއެވެ. އެފަދަ ރިޕޯޓުތަކުގައި ކައުންސިލުތަކުގެ މައްސަލަތައް ފާހަގަކޮށް، އިސްލާހު ކުރުމަށް ލަފާދީފައި ހުރެއެވެ. މި ރިޕޯޓުތަކާ ގުޅިގެން ބައެއް ކައުންސިލުތަކުން ވެސް މީގެ ކުރިން ނުރުހުން ފާޅުކޮށްފައިވެއެވެ.