ދަންވަރުން ފެށިގެން ހުއްޓުމެއް ނެތި ވެހުނު ވާރެއާ ހެދި، ތިނަދޫ ފެނު އަޑީގައި

ތިނަދޫގައި ފެންބޮޑުވެފައި: ފެން ހިންދުމުގެ މަސައްކަތްތައް ދަނީ ކުރަމުން -- ފޮޓޯ/ ތިނަދޫ ސިޓީ ކައުންސިލް

ރޭ ދަންވަރުން ފެށިގެން ހެނދުނާ ޖެހެންދެން ތިނަދޫ ސިޓީއަށް ބޯކޮށް ވާރޭވެހި، މުޅި ރަށުގައި ފެންބޮޑުވެއްޖެއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުގެ ތަފާސްހިސާބުން ދައްކާ ގޮތުގައި ފާއިތުވި 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ ގދ. އަތޮޅުގެ ރަށްތަކަށެވެ.

އޭގެ ތެރެއިން ތިނަދުއަށް، ރޭ ދަންވަރުން ފަށައިގެން ހެނދުނު 8:30 ހާއިރު ވަންދެން ބޯކޮށް ވާރޭ ވެހިފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން (އެންޑީއެމްއޭ)އިން ވަނީ ބުނެފައެވެ.

އެ އޮތޯރިޓީން ބުނީ ވިއްސާރައިގެ ސަބަބުން ގިނަ އަދަދެއްގެ ގެއަށް ފެންވަދެ، ބައެއް ގެތަކުން ކަރަންޓު ކެނޑުނު ކަމަށެވެ. ނަމަވެސް މި ވަގުތު ވާރޭ ހުއްޓާލައިފައި އޮތްއިރު، ކަރަންޓު ކެނޑުނު ގެތަކުން މައްސަލަ ހައްލުކޮށް އަލުން ޚިދުމަތް ދީފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

ތިނަދޫގައި ފެންބޮޑުވެފައި: ފެން ހިންދުމުގެ މަސައްކަތްތައް ދަނީ ކުރަމުން -- ފޮޓޯ/ ތިނަދޫ ސިޓީ ކައުންސިލް

އެ އޮތޯރިޓީން ބުނީ، ތިނަދޫގެ އެކި ސަރަހައްދުތަކުގައި ފެން ޕަމްޕު ބޭނުން ކޮށްގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ރަށުގެ އެކި ސަރަހައްދުން ކޯރު ކެނޑުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.

ތިނަދޫގެ މޭޔަރު ސައުދު އަލީއާ ހަވާލާދީ އެންޑީއެމްއޭއިން ބުނީ، ފެން ބޮޑުވުމުގެ ސަބަބުން އެއްވެސް ގެއަކުން މީހުން ނެރެންޖެހޭ ފަދަ ހާލަތަކަށް ގޮސްފައިނުވާ ކަމަށެވެ.

ސައުދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ފެންބޮޑުވެފައިވާ ތަންތަނުގެ ތެރޭގައި ފެން ޕްލާންޓް ވެސް ހިމެނޭ ކަމަށް ވިދާޅުވެފައެވެ.

"ސަން"އާ ވާހަކަދައްކަވަމުން ސައުދު ވިދާޅުވީ، ފެން ޕްލާންޓާއި ހޮސްޕިޓަލަށް ވެސް ފެން ވަދެ، ބައެއް ތަކެއްޗަށް ފެނުގެ އަސަރު ކުރި ނަމަވެސް، ދެ ތަނުގެ ޚިދުމަތް ވެސް ނުހުއްޓޭ ކަމަށެވެ.

"ބައެއް ކަހަލަ އިކުއިޕްމެންޓްތަކަށް ފެނުގެ އަސަރުކޮށްފައި އެބަހުރި، ހޮސްޕިޓަލުގެ މެނޭޖްމެންޓާއި ހެލްތު މިނިސްޓްރީ ގުޅިގެން ސޯޓް އައުޓް ކުރަމުން ދަނީ، ޚިދުމަތަށް އެއްވެސް ބުރުލެއް ނާރާ ކުރިއަށް ގެންދެވޭތޯ ހޮސްޕިޓަލުން އެބަ މަސައްކަތް ކުރޭ... އަޅުގަނޑުމެން އެންމެ ބޮޑަށް ކުރި އެއްކަމެއް އެއީ ފެން ޕްލާންޓް ޝަޓްޑައުން ނުވެ ވާނެ ގޮތެއް ވޭތޯ ބެލުން،" އޭނާ ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ، ވިއްސާރައިގައި ގެތަކަށް ލިބުނު ގެއްލުން ވަޒަން ކުރުމުގެ މަސައްކަތާއި ފެން ހިންދުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ މިއަދު ވެސް ގދ. އަތޮޅުގެ ރަށްތަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށްފައެވެ. އެގޮތުން ދެކުނުގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް އެ އިދާރާއިން ލަފާކޮށްފައިވެއެވެ.

comment ކޮމެންޓް