ހަވީރު އިދާރާގައި ރޯކޮށްލި ބަޔަކު އަދިވެސް ނުހޯދޭ

ހަވީރު އިދާރާގެ ރިސެޕްޝަން އޭރިއާގައި އަލިފާން ރޯކޮށްލުމުން، އެތަނުގެ ތެރެއަށް ބޮޑެތި ގެއްލުންތަކެއްވެފައި -- ސަން ފައިލް ފޮޓޯ

ހަވީރު ނޫހުގެ އިދާރާގައި އަލިފާން ރޯކޮށްލި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ހަވީރު ނޫހުގެ އިދާރާގެ ރިސެޕްޝަންގައި ރޯކޮށްލާފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ އެ މައްސަލަ އަންނަނީ ތަހުގީގު ކުރަމުން ކަމަށާއި މިހާތަނަށް އެ މައްސަލާގައި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

ހަވީރު ނޫހުގެ އިދާރާގައި ރޯކޮށްލި އަލިފާންގަނޑު އިމާރާތަށް ނުފެތުރެނީސް ގަލޮޅު ޕޮލިސް ސްޓޭޝަންގައި ޑިއުޓީގައި ތިބި ފުލުހުން ވަނީ އަލިފާން ނިއްވާލާފަ އެވެ.

އަލިފާން ނިއްވާލަން ސިފައިން އެ ސަރަހައްދަށް ދިއުމުގެ ކުރިން، "ހަވީރު" އިދާރާ ހިންގާ ގޯތީގެ ފާރުމަތިން މީހަކު ފުންމާލައިގެން ފިލިތަން ފެނުނު ކަމަށް މަންޒަރު ދުއް މީހަކު ބުންޏެވެ. އޭނާ ފިލީ ދަބަހެއް އެއްލާލުމަށްފަހު ކަމަށް މައްޒަރު ދުއް މީހާ ބުންޏެވެ.

އެ ސަރަހައްދަށް ނޫސްވެރިން ދިޔައިރު، އެތަނުގެ ބޭރުގައި ދަބަހެއް އޮތެވެ. އަދި ތޮތްޕެއް ވެސް އޮތެވެ. ޒިބު ހުޅުވާފައިވާ އެ ދަބަހުގެ ތެރޭގައި ފަސްލީޓަރު ބޮޑު ފުޅިއެއް އޮތްތަން ވެސް ނޫސްވެރިންނަށް ވަނީ ފެނުނެވެ.

ހަވީރު އިދާރާގައި ރޯކޮށްލާފައި ވަނީ އެ ނޫހުގެ މިލްކުވެރިކަން ލިބޭ ހިއްސާދާރުން ތިބި ކަމަށް ހައި ކޯޓުން ކަނޑައަޅާފައި ވަނިކޮށެވެ. އަދި އެ ހިއްސާދާރުންގެ ބައިވެރިވުމެއް ނެތި ހަވީރު ނޫސް ނުހިންގުމަށް ސިވިލް ކޯޓުން ކުރި އަމުރާއެކު ހަވީރު ނޫސް ނެރުން ވަނީ ހުއްޓާލާފަ އެވެ. ހަވީރު ނޫސް ނެރުން ހުއްޓާލީ މިދިޔަ މާޗް މަހުގެ 31 ގަ އެވެ. އަދި ސިވިލް ކޯޓުން އެންގި ލިޔުމެއްގެ ދަށުން ހަވީރު އޮންލައިންގެ މަސައްކަތް ހުއްޓާލީ މިދިޔަ މަހުގެ ދެ ވަނަ ދުވަހު އެވެ.

ހަވީރު ނޫހުގެ މިލްކުވެރިކަމުގައިވާ ތަކެއްޗަށް އުނިކަން އަންނާނެފަދަ އެއްވެސް އަމަލެއް ނުކުރުމަށް އެތަނުގެ މުވައްޒަފުންނާއި ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސައިންނަށް ސިވިލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

comment ކޮމެންޓް