ވ. އަލިމަތާ ކޭވްއަށް ކުރި ޑައިވްގައި މަރުވި އެންމެންގެ ހަށިތައް ފެނި، އެ ހަށިތައް ނެގުމުގެ މަސައްކަތް ނިންމައި، މާދަމާ ކުރާނީ އެންމެ ފަހު ޑައިވް ކަމަށް ޑައިވާޒް އެލާޓް ނެޓްވޯކް ޔޫރަޕް (ޑޭން ޔޫރަޕު) އިން މިރޭ ބުނެފިއެވެ.
ޑޭން އިން މިރޭ ނެރުނު ބަޔާނުގައިވާ ގޮތުން މި އޮޕަރޭޝަންގެ މައިގަނޑު މަރުހަލާ ނިމުމަކަށް އައީ ފިންލޭންޑްގެ ރިކަވަރީ ޓީމުން މިއަދު އެ ހޮހަޅައަށް ކުރި ޓެކްނިކަލް ޑައިވްއަކަށްފަހުގައެވެ. އެމްއެންޑީއެފްއާއި ދިވެހި ފުލުހުންނާއި ޑޭން ގުޅިގެން ކުރިއަށްގެންދިޔަ މި މަސައްކަތުގައި، މާލޭގައި ތިއްބެވި އިޓަލީގެ ކަމާބެހޭ ފަރާތްތަކާ މެދުނުކެނޑި މުއާމަލާތް ކުރަމުންދިޔަކަމަށް ޑޭން ޔޫރަޕުން ބުނެފައިވެއެވެ.
ޑޭން އިން ބުނި ގޮތުގައި މިއަދު ހެނދުނު ތިން ޑައިވަރުން ހޮހަޅައިގެ ތެރެއަށް ފޭބިއެވެ. ގާތްގަނޑަކަށް ތިން ގަޑިއިރަށް ދެމިގެންދިޔަ މި އޮޕަރޭޝަންގައި ހަށިތައް ނެގުމާއި، މަސައްކަތުގެ ރައްކާތެރިކަން ބެލެހެއްޓުމުގެ އިތުރުން މުޅި ސަރަހައްދު ފެންނާނެހެން ލިޔެކިޔުންތައް ތައްޔާރުކުރުން ކުރިއަށްދިޔައެވެ.
މި މަސައްކަތުގައި ދެ ފަހަރަށް ބޭނުންކުރެވޭ ނޭވާލާ ނިޒާމު (ސީސީއާރް)އާއި، ކަނޑުއަޑީގައި ދުއްވާ އުޅަނދުތަކާއި ފުން ސަރަހައްދުތަކަށް ހާއްސަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްފައިވާ ކަމަށް ބުންޏެވެ.
މި އޮޕަރޭޝަނަށްފަހު ފިންލޭންޑްގެ ރެސްކިއު ޓީމުގައި ހިމެނޭ ސާމީ ޕަކާރިނެން، ޖެނީ ވެސްޓަލަންޑް އަދި ޕެޓްރިކް ގްރޮންކްވިސްޓް ބުނީ އެ ބޭފުޅުންނަކީ "ހީރޯއިންނެއް ނޫން" ކަމަށާއި، އެއީ ހަމައެކަނި "ޑައިވަރުން" ކަމަށެވެ.
"އަޅުގަނޑުމެން މި އެހީތެރިކަން ފޯރުކޮށްދޭން ނިންމީ މި ހިތާމަވެރި ދަނޑިވަޅުގައި އާއިލާތަކަށް އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ މަތިވެރި ނިޔަތުގައި. ތިން ދުވަހުގެ މަސައްކަތަށްފަހު، ގެއްލުނު ހުރިހާ ޑައިވަރުން މިވަނީ ފެނިފައި،" ބަޔާނުގައިވެއެވެ.
އެ ޓީމުން ވަނީ އެމްއެންޑީއެފް އާއި ފުލުހުން އަދި އެހީތެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.
ހަށިތައް ނެގުމުގެ މަސައްކަތް ނިމުނު ނަމަވެސް، މިޝަންގެ އެންމެ ފަހު ޑައިވް ކުރުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. މި ޑައިވްގައި ހޮހަޅައިގެ ތެރޭގައި ބޭނުންކުރި އާލާތްތައް ނަގައި، އެ ތަނުގެ ގުދުރަތީ މާހައުލު އިއާދަކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ބުންޏެވެ.
މީގެ އިތުރުން، ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ޓަކައި ހޮހަޅައިގެ ޗާޓު ކުރެހުމުގެ މަސައްކަތް ވެސް ކުރިއަށްދާނެއެވެ.
ޑޭން ޔޫރަޕުން ބުނިގޮތުގައި، މުޅި މިޝަންގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ރިކަވަރީ ޓީމުގެ ރައްކާތެރިކަމާއި، މަރުވި ފަރާތްތަކަށް އުނިކަން ނާންނާނެހެން މަސައްކަތްކުރުމަށެވެ.