ސިޔާސީ ކަންކަމުގެ ސަބަބުން ކޯޗިން ކެރިޔަރު ނިންމާލުމާ ގާތްވި ކަމަށް ލެސްޓާ ސިޓީއަށް އިނގިރޭސި ޕްރިމިއާ ލީގު ހޯދައިދިން ކޯޗު ކްލައުޑިއޯ ރަނިއޭރީ ބުނެފި އެވެ.
ރަނިއޭރީ ވަނީ އޭނާ ހަވާލުވި ފުރަތަމަ ސީޒަނުގައި ލެސްޓާއަށް ފުރަތަމަ ފަހަރަށް ޕްރިމިއާ ލީގު ހޯދައިދީފަ އެވެ.
ރަނިއޭރީ ބުނީ، ލެސްޓާއަށް ލީގު ކާމިޔާބުކޮށްދިން ނަމަވެސް، ކޯޗިން ކެރިޔަރުގައި ދަތި ދުވަސްތަކަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ.
"އަހަރެންގެ ކޯޗިން ކެރިޔަރުގައި ވިގޯ ލަމެޒިއާ އާއި ޕުޓެއޮލާނާއަށް ލީގުގެ އެއްވަނައަށް އަރުވައިދިން ނަމަވެސް ކަންތައްތަކަކާ ކުރިމަތިލާން ޖެހުނު. އެކަމަކު އެކަންތައްތަކުގެ ވާހަކަ ދައްކާކަށް އަހަރެން ބޭނުމެއް ނޫން. އެކަންތައްތައް ކުރިމަތިވުމުން އަހަރެން އެ ކްލަބުތަކުން ވަކިވިން،" އޭނާ ބުންޏެވެ.
ރަނިއޭރީ ބުނީ، ކެރިޔަރުގެ ދެވަނަ އަހަރުވެސް ދިޔައީ އެކަހަލަ ގޮތަކަށް ކަމަށާއި އޭރު މަދު ކުޅުންތެރިންތަކެއް ހިމެނޭ ޓީމަކާ ހަވާލުވި ކަމަށާއި އެއް މެޗެއްގައި ދިހަ ކުޅުންތެރިން ލައިގެން ވެސް މެޗެއް ކުޅެން ޖެހުނު ކަމަށެވެ.
"އަނެއްކާވެސް ކުރިން ވެސް ވެދިޔަ ފަދަ ކަމެއް ވެގެން އެމީހުން އަހަރެން މަގާމުން ދުރުކުރި. އަދި އަހަރެން އޭރު ބުނިން އަހަރެން ލޯބިވަނީ ފުޓްބޯޅަ ދެކެއޭ. ސިޔާސީ ކަންތައްތަކެއް ނޫނޭ. އަހަރެންނަކީ ސިޔާސީ މީހެއް ނޫނޭ. ފަހުން އެމީހުން ކްލަބުގެ ދެ ކޯޗުން ވެސް މަގާމުން ދުރުކޮށް، ކްލަބުގެ ވެރިޔާ ވެސް ބަދަލުކުރި،" އޭނާ ބުންޏެވެ.
ރަނިއޭރީ ބުނީ، އޭގެ ފަހުން އެ ޓީމުގެ ކުޅުންތެރިންގެ އެދުމުގެ މަތިން ކްލަބުގެ ސީޒަނުގެ ފަހުކޮޅު ރެލިގޭޓްވެފައިވާ އެ ކްލަބުގެ ކޯޗުގެ މަގާމު އަދާކޮށްދިނުމަށް ކްލަބުގެ ވެރިޔާ އެދުނު ކަމަށެވެ. އަދި އޭގެ ފަހުން ބޮޑު ކްލަބެއް ކަމަށްވާ ކަގްލިއަރީއިން އޭނާ ހޯދުމުގެ މަސައްކަތް ކުރި ކަމަށްވެސް އޭނާ ބުންޏެވެ.
"އެކަހަލަ ކަންތައްތައް ކުރިމަތިވަމުން ދިއުމުން އަހަރެން ކެރިޔަރު މަތިން ފޫހިވާ ގޮތްވެސްވި. އެކަމަކު ފަހުން ރަނގަޅު ކާމިޔާބީތަކެއް ލިބެމުންދިޔަ،" ރަނިއޭރީ ބުންޏެވެ.
ލެސްޓާގެ ކޯޗުކަމާ ރަނިއޭރީ ހަވާލުވީ ގްރީސް ގައުމީ ޓީމުގެ ކޯޗުކަމުން ދުރުކުރުމާ ގުޅިގެން ކޯޗިން ދާއިރާއާ ދުރުގައި ދުވަސްތަކެއް ހޭދަކުރުމަށްފަހު އެވެ.