ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އަބުރާ ބެހުމުގެ ހުއްދަ އެބަ އޮތް ކަމަށާއި އެބޭފުޅުންނަށް އަބުރާ ބެހުމުގެ ލައިސެންސް ދީފައި ވަނީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ ފަރާތްތަކުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ކުރީގެ ޖަސްޓިސް މިނިސްޓަރު އަހުމަދު ޒާހިރު (ސީނާ ޒާހިރު) ވިދާޅުވެއްޖެ އެވެ.
ނޫސްވެރިކަމުގެ އިނާމު ދިނުމަށް ރޭ ދަރުބާރު ގޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ޒާހިރު ވިދާޅުވީ ރާއްޖޭގައި ގާނޫނަކާ ނުލައި އަބުރާ ބެހުމުގެ ހުއްދަ ދެ ބަޔަކަށް އެބަ އޮތް ކަމަށާއި، އެއީ މަޖިލީހާއި ނޫސްވެރިން ކަމަށެވެ.
"އެބޭފުޅުން މަޖިލީހުގެ ޖަލްސާ ހިނގާ އިރު އަބުރާ ބެހެންވީ. އެކަމާ މެދު ފިޔަވަޅު އެޅޭނެ ގޮތެއް ނެތް. ލިބިވަޑައިގެންފައި އޮތް އިމްތިޔާޒެއް. އެއީ ދެން އެބޭފުޅުން ކުރުވާ ކަމެއް. އެއީ [މަޖިލީހުގެ] ރިޔާސަތު ބަލަހައްޓާ ބޭފުޅުން އެކަން ކުރުއްވަނީ. އެބޭފުޅުންނަށް އެކަން ހުއްޓުވޭނެ. އެހެންވީމަ އަބުރާ ބެހުމުގެ ލައިސެންސް ދެއްވާފައި މި އޮންނަނީ. އެބޭފުޅުން ކުރުވާ ކަމެއް އެއީ." ޒާހިރު ވިދާޅުވި އެވެ.
މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވެސް ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޒާހިރު ވިދާޅުވީ މަޖިލިސް މެމްބަރުން ހިތްހަމަޖެހިވަޑައިނުގަންނަވާ މީހުންގެ އަބުރާ ބެހުމުގެ ހުއްދަދީ އެކަން ކުރުވަނީ މަޖިލީހުގެ ރިޔާސަތުގައި ތިއްބަވާ ފަރާތްތަކުން ކަމަށެވެ.
ޒާހިރު ވިދާޅުވީ ނޫސްވެރިންނަކީ ވެސް ގާނޫނެއް ނެތި އަބުރާ ބެހުމުގެ ހުއްދަ ލިބިފައިވާ ބައެއް ކަމަށާއި، ނޫސްވެރިން ލައްވައި އެކަން ކުރުވަނީ އެކި ނޫސްއެޖެންސީތަކުގެ އެޑިޓަރުން ކަމަށެވެ.
"އެޑިޓަރު ކުރުވާ ކަމެއް އެއީ. އެޑިޓަރު ހިތްހަމަނު ޖެހޭ މީހަކަށް ވިއްޔާ ބޭނުން އެއްޗެއް ކިޔަންވީ އަޅައެއް ނުލާނެ،" ޒާހިރު ވިދާޅުވި އެވެ.
އެމޭރުމުން ވާހަކަ ދައްކަވަމުން ޒާހިރު ވިދާޅުވީ އެއްވެސް ބަޔަކަށް އަނެކާގެ އަބުރާ ބެހެވިގެން ނުވާނެ ކަމަށެވެ. ޒާހިރު ވަނީ މިހާރު މަޖިލީހަށް ހުށަހަޅާފައިވާ އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލާ ގުޅޭ ގޮތުން ވެސް ވާހަކަދައްކަވައިފަ އެވެ.
އޭނާ ވިދާޅުވީ، ނޫސްވެރިންނާ މަޝްވަރާކޮށް، ނޫސްވެރިންނަށް ރައްކާތެރިކަން އޮންނަ ގޮތަށް ބިލު ފަރުމާކުރުމަށް ސަރުކާރުން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި ބިލާ ގުޅިގެން ނޫސްވެރިންގެ ފަރާތުން ހުރި ކަންބޮޑުވުންތައް ފިލުވާލަން ޒާހިރު ވަނީ އެދިވަޑައިގެންފަ އެވެ.
"އެކަންތައް ކުރެވޭނެ ގޮތަކީ ނޫސްވެރިން މަޖިލީހަށް ވަޑައިގެން ދަންނަވަންވީ ތިމަންނަމެން ކަންބޮޑުވަނީ މިވެނި ކަމަކާ އޭ. ކަންބޮޑުވުން ފިލުވާލަންވީ. މިނިވަންކަން އޮންނަ ޖެހޭ. މިނިވަން ކަމަކީ އަބުރާ ބެހުމެއް ނޫން. ތިމާއަށް ނޭނގޭ އެއްޗެހި ލިޔެގެން ނުވާނެ. އެކަން ބަލަން ޖެހޭ،" ޒާހިރު ވިދާޅުވި އެވެ.
ސަން އަށް އެެނގިފައިވާ ގޮތުގައި ރާއްޖޭގެ ސީނިއާ ނޫސްވެރިންނާއި މީޑިއާ ކައުންސިލް ގުޅިގެން، އަބުރުގެ ބިލްގައި ހުރި ކަންބޮޑުވުންތައް ވަނީ، ލިޔުމުން ސަރުކާރާއި އަދި ރައްޔިތުންގެ މަޖިލީހާ ހިއްސާކޮށްފަ އެވެ.
ސީނާ ޒާހިރު އިތުރަށް ވިދާޅުވީ މިނިވަން މުސްތަގިއްލު މުއައްސަސާތަކަށް ވެސް އެފަރާތްތައް ބޭނުންވާ ގޮތަށް މަސައްކަތް ނުކުރެވެނީ ރައްޔިތުންގެ މަޖިލީހުގެ ސަބަބުން ކަމުގައި ވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވީ މިނިވަން މުސްތަގިއްލު މުއައްސަސާތައް އޮންނަނީ ނަމެއްގައި ކަމަށާއި މުސްތަގިއްލުކޮށް ކަމެއް ކުރަން މުއައްސަސާތަކަށް ނުކެރޭ ކަމަށެވެ.
"އެވާގޮތަކީ ކުރާ އިރަށް ރައްޔިތުންގެ މަޖިލީހަށް މިދަނީ މައްސަލަ. ރައްޔިތުންގެ މަޖިލީހުގެ ބޭފުޅެއް ވިދާޅެއް ނުވޭ ކޮން ކަހަކަ މައްސަލައެއް ކަމެއް. މިއަދު އޮތީ ވޯޓު ދިނުން. އާނ ހޭވައްލާ ތައްޔާރު. ވޯޓު ދޭން ފިތާލާ. ދެން ކިހިނެތްތޯ މުސްތަގިއްލު މުއައްސަސާތަކުން އެބޭފުޅުން ބޭނުންވާ ގޮތަށް މަސައްކަތް ކުރައްވާނީ؟." ޒާހިރު ވިދާޅުވި އެވެ.