ކެނެޑާގެ ޖަންގައްޔެއްގައި ރޯވުމުގެ ސަބަބުން އެސަހަރުގެ ހުރިހާ ރައްޔިތުން ސަލާމަތީ ސަރަހައްދުތަކަށް ބަދަލުކޮށްފި

ފޯޓް މެކްމަރޭގެ ޖަންގައްޔެއްގައި ރޯވެފައިވާ އަލިފާންގަނޑު -- ފޮޓޯ: ރޮއިޓާސް

ފޯޓް މެކްމަރޭ (މޭ 4): ކެނެޑާގެ އަލްބާޓާ ޕްރޮވިންސުގައި އޮންނަ ފޯޓް މެކްމަރޭގެ ޖަންގައްޔެއްގައި ވަރަށް ބޮޑަށް ރޯވެ އަނދަމުން ދިޔުމުގެ ސަބަބުން އެސަހަރުގެ ހުރިހާ ރައްޔިތުން ސަލާމަތީ ސަރަހައްދުތަކަށް ބަދަލު ކުރަން ނިންމައިފި އެވެ.

ފޯޓް މެކްމަރޭގެ އާބާދީ 60،000ށް އަރަ އެވެ. އަދި ސަހަރުން ދުރަށް ދިޔުމަށް ގިނަ ބަޔަކު އެއް ފަހަރާ މަސައްކަތް ކުރަމުން ދިޔުމުގެ ސަބަބުން ސަހަރުގެ މައި މަގުތައް ވަނީ ތޮއްޖެހިފަ އެވެ.

މިދިޔަ އާދިއްތަ ދުވަހު ރޯވި އަލިފާންގަނޑު ފެތުރުމުގެ ސަބަބުން އެސަހަރުގެ ދެ ސަރަހައްދެއްގައިވާ ގެތައް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށާއި، ނަމަވެސް އެއްވެސް މީހަކަށް އަނިޔާވި ކަމުގެ ހަބަރު ލިބިފައި ނުވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ފޯޓް މެކްމަރޭގެ ޖަންގައްޔެއްގައި ރޯވެފައިވާ އަލިފާންގަނޑު ދަނީ ފެތުރެމުން -- ފޮޓޯ: އޭޕީ

އެ ހާދިސާއާ ގުޅިގެން ކެނެޑާގެ ބޮޑުވަޒީރު، ޖަސްޓިން ޓްރޫޑޯ ވަނީ އެސަރަހައްދުގެ ރައްޔިތުންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް އޮތްކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެން މިތިބީ އެހީވާން ތައްޔާރަށް،" ބޮޑުވަޒީރު ޓްރޫޑޯގެ ޓްވީޓެއްގައިވެ އެވެ.

ފޯޓް މެކްމަރޭގައި ރޯވެފައިވާ އަލިފާން ނިއްވުމުގެ މަސައްކަތުގައި ނުވަ އެއާ ޓޭންކަރާއި 100 ފަޔާފައިޓަރުން ހަރަކާތްތެރިވަމުންދާ ކަމަށް ސީބީސީ ނިއުސްގައިވެ އެވެ.

comment ކޮމެންޓް