ނޫސްވެރިކަމުގެ އިނާމު: މިފަހަރު އެންމެ ގިނަ އެވޯޑު ހަވީރު ނޫހަށް!

މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު 2015 ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން: ކުޅިވަރުގެ ދާއިރާއިން އެވޯޑު ހާސިލް ކުރި ހަވީރު ނޫހުގެ ނޫސްވެރިޔާ އައްޒާމް އަލިފުޅު -- ސަން ފޮޓޯ/ މުހަންމަދު އަފްރާހް

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދެމުންގެންދާ "ނޫސްވެރިކަމުގެ އިނާމު"ގެ 2015 ވަނަ އަހަރުގެ ގިނަ އެވޯޑުތައް ހަވީރު ނޫހުން ގެންގޮސްފި އެވެ.

މި އަހަރު އެމްއެމްސީއިން ވަނީ ހަތް ދާއިރާއަކުން ނޫސްވެރިކަމުގެ އިނާމު ދީފަ އެވެ. އިނާމު ދިން ދާއިރާތަކަކީ، ކުޅިވަރުގެ ދާއިރާ، އިޖުތިމާއީ ދާއިރާ، ސިޔާސީ ދާއިރާ، ކޯޓާއި ޝަރުޢީ ދާއިރާ، ވިޔަފާރި ދާއިރާ، ފޮޓޯ ޖާރނަލިޒަމް ދާއިރާ އަދި ވީޑިއޯ ޖާރނަލިޒަމް ދާއިރާ އެވެ. އޭގެ އިތުރުން އެންމެ އުންމީދީ ނޫސްވެރިޔާވެސް ވަނީ ހޮވާފަ އެވެ.

މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު 2015 ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން: ސިޔާސީ ދާއިރާއިން އެވޯޑު ހޯދި ފަޒީނާ އަހުމަދު -- ސަން ފޮޓޯ/ މުހަންމަދު އަފްރާހް

ހަވީރު ނޫހުން ވަނީ ފަސް ދާއިރާ އަކުން އެވޯޑުތައް ގެންގޮސްފަ އެވެ. އެގޮތުން ސިޔާސީ ދާއިރާއިން އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑު ހޯދީ ހަވީރު ނޫހުގެ ފަޒީނާ އަހުމަދެވެ. ކޯޓާއި ޝަރުއީ ދާއިރާއިން ހަވީރު ނޫހުގެ މުއިއްޒު އިބްރާހިމް އެވޯޑު ގެންދިޔަ އިރު، ވިޔަފާރި ދާއިރާ އިން އެވޯޑު ލިބުނީ ހަވީރުގެ އާސިޔަތު މުހައްމަދު ސައީދަށެވެ.

މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު 2015 ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން: ވިޔަފާރި ދާއިރާ އިން އެވޯޑު ހޯދި އާސިޔަތު މުހައްމަދު -- ސަން ފޮޓޯ/ މުހަންމަދު އަފްރާހް

ކުޅިވަރުގެ ދާއިރާއިން އެންމެ މޮޅު ނޫސްވެރިއަކަށް ހޮވުނީ ހަވީރު ނޫހުގެ އައްޒާމް އަލިފުޅެވެ. އަދި ފޮޓޯ ޖާރނަލިޒަމް ދާއިރާއިން އެވޯޑު ގެންދިޔައީ ހަވީރު ނޫހުގެ ނިޝާން އަލީ އެވެ.

މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު 2015 ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން: ޖާރނަލިޒަމް ދާއިރާއިން އެވޯޑު ހާސިލްކުރި ހަވީރު ނޫހުގެ ނިޝާން އަލީ -- ސަން ފޮޓޯ/ މުހަންމަދު އަފްރާހް

އެކާވީސް ނޫސްވެރިން ކުރިމަތިލި އެންމެ ވާދަވެރި އިޖުތިމާއީ ދާއިރާ އިން އެވޯޑު ހޯދާފައި ވަނީ ވީޓީވީގެ ނޫސްވެރިޔާ ޝިފްޒާ މުސްތަފާ އެވެ. އެމްއެމްސީ އިން މި އަހަރު އަލަށް ތައާރަފުކުރި އެންމެ އުންމީދީ ނޫސްވެރިޔާގެ އެވޯޑު ހާސިލްކޮށްފައި ވަނީ ސަން އޮންލައިންގެ އަހުމަދު ސާއިލް އަލީ އެވެ.

މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު 2015 ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން: އިޖުތިމާއީ ދާއިރާއިން އެންމެ މޮޅު ނޫސްވެރިޔަަކަށް ހޮވުނު ޝިފްޒާ މުސްތަފާ -- ސަން ފޮޓޯ/ މުހަންމަދު އަފްރާހް

އެކަށީގެންވާ ހުށަހެޅުންތަކެއް ލިބިފައި ނުވާތީ ވީޑިއޯ ޖާރނަލިޒަމް ދާއިރާ އިން އެވޯޑު ދީފައެއް ނުވެ އެވެ.

އުންމީދީ ނޫސްވެރިޔާއަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވާއިރު، އެހެން ދާއިރާތަކުން އެވޯޑު ހޯދި ނޫސްވެރިންނަށް ދީފައި ވަނީ ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ހުށަހެޅި 20،000 ރުފިޔާގެ ގިފްޓް ކާޑަކާއި ހޯމް މިނިސްޓްރީގެ ފަރާތުން ހުށަހެޅި 10،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.

މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު 2015 ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން: އެންމެ އުންމީދީ ނޫސްވެރިޔަކަށް ހޮވުނު ސާއިލް -- ސަން ފޮޓޯ/ މުހަންމަދު އަފްރާހް

ރޭގެ ރަސްމިއްޔާތުގައި އެމްއެމްސީއިން ސްކޫލު ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ "ނޫސްވެރިކަމުގެ ކުރިމަގަށް ސްކޫލް ދަރިވަރުން" ޕްރޮގްރާމުން ވަނަވަނައަށް އައި ސްކޫލްތަކަށްވެސް ވަނީ އިނާމު ދީފަ އެވެ.

އެ ޕްރޮގްރާމުގެ ދަށުން މާލޭގެ ސްކޫލްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ނޫސްހެދުމުގެ މުބާރާތާއި ހަބަރު ކިޔުމާއި ހުށަހެޅުމުގެ ބައިން އެއްވަނަ ހޯދާފައި ވަނީ ޖަމާލުއްދީން ސްކޫލުންނެވެ.

"ނޫސްވެރިކަމުގެ ކުރިމަގަށް ސްކޫލް ދަރިވަރުން" ޕްރޮގްރާމުން އެއްވަނަ ހޯދި ޖަމާލުއްދީން ސްކޫލަށް އެވޯޑު ދެނީ -- ސަން ފޮޓޯ: މުހަންމަދު އަފްރާހް

ތާޖުއްދީން ސްކޫލުން ވަނީ ނޫސްހެދުމުގެ މުބާރާތުން ތިން ވަނަ އަދި ހަބަރު ކިޔުމާއި ހުށަހެޅުމުގެ ބައިން ދެވަނަ ހޯދައިފަ އެވެ. އަމީނިއްޔާ ސްކޫލުން ވަނީ ނޫސްހެދުމުގެ މުބާރާތުން ދެވަނަ އަދި ހަބަރު ކިޔުމާއި ހުށަހެޅުމުގެ ބައިން ތިން ވަނަ ހޯދައިފަ އެވެ.

comment ކޮމެންޓް