މިހާރު ބޮލީވުޑްގައި އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައަކީ ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހިދު ކަޕޫރާއި އޭނާގެ އަންހެނުން މީރާ ކާޕޫރު ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އަންނަ ވާހަކަ އެވެ.
އެގޮތުން ޗުއްޓީ ހޭދަ ކުރުމުގެ ތެރެއިން ޝާހިދުވެސް ވަނީ އޭނާގެ މާބަނޑު އަންހެނުންނާއެކު ނަގާފައިވާ ބައެއް ފޮޓޯތަކާއި ވިޑީއޯ ތައް އިންސްޓަގްރާމް ކޮށްފަ އެވެ. އޭގެ ތެރެއިން އެއް ވިޑީއޯ އަކީ ލޯންޗު ދުއްވުމުގެ ތެރެއިން ކަނޑުމަތީގައި ނަގާފައިވާ ވިޑީއޯ އެކެވެ.
އެ ސަބަބާ ހުރެ ކަމަށްވެސް ވެދާނެ އެވެ. އިންޑިއާގެ ބައެއް ނޫސްތަކުން ވަނީ އެ ދެތަރިން ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އަންނަ ކަމަށް ރިޕޯޓުކޮށްފަ އެވެ.
އެހެންނަމަވެސް، ލޯންޗު ދުއްވުމުގެ ތެރެއިން ޝާހިދު ނަގާފައިވާ އެ ވިޑީއޯގައި، ފަރުބަދަ ރަށްތަށް ފެންނަން ހުރެ އެވެ. އެހެންކަމުން އެ ވިޑީއޯ އަކީ ރާއްޖޭގައި ނަގާފައިވާ ވިޑީއޯއެއް ނޫން ކަމާއި އެ ދެތަރިން ޗުއްޓީ ހޭދަ ކުރަމުން ދަނީ ރާއްޖޭގައި ނޫންކަން ޔަގީން ކުރެވެ އެވެ.
އަވަސް މުސްތަގުބަލެއްގައި ބައްޕަ އަކަށް ވާން އުޅޭ ޝާހިދު ދެން އެންމެ އަވަހަށް ފެނިގެންދާނީ "އުޅްތާ ޕަންޖާބު" ނަމަކަށް ކިޔާ ފިލަމަކުންނެވެ. ޝާހިދު އެ ފިލްމުގައި ފެނިގެންދާނީ ޓޮމީ ސިންގު ނަމަކަށް ކިޔާ މީހެއްގެ ރޯލުންނެވެ. އެ ފިލްމުގައި ޝާހިދުގެ އިތުރުން ކަރީނާ ކަޕޫރާއި އާލިއާ ބަޓްވެސް ފެނިގެންދާނެ އެވެ.