ޝާހްގެ ދަރިފުޅުގެ ސީރީޒްގެ ރޯލަކުން މޯނާ

އެކްޓަރު ޝާހްރުކް ޚާންގެ ދޮށީ ދަރިފުޅު އާރްޔަން ޚާން ފިލްމީ ކެރިއަރު ފެށުމުގެ ގޮތުން އުފައްދާ ފުރަތަމަ ވެބް ސީރީޒް "ސްޓާޑަމް"ގެ މުހިއްމު ރޯލަކަށް ޓީވީ ބަތަލާ މޯނާ ސިން ސޮއިކޮށްފިއެވެ.

ފިލްމު ޑައިރެކްޓްކުރުމަށް ޝައުގުވެރިކަން ހުންނަ އާރްޔަން އަލަށް ޑައިރެކްޝަނަށް ނުކުންނަ ވެބް ސީރީޒްގެ މަސައްކަތް މިހާރު ގޯއާގައި ފެށިފައިވާއިރު ބަތަލާ މޯނާ ސިންގް ވަނީ "ސްޓާ ޑަމް"ގެ ބައެއް މަންޒަރުތައް ވެސް ޝޫޓްކޮށްފައެވެ. ސޯނީ ޓެލެވިޒަންއިން ގެނެސްދިން މަޝްހޫރު ސީރީޒް "ޖެސީ ޖެސީ ކޮއީ ނެހީ"ގެ ބަތަލާ ބުނެފައިވަނީ އަބަދު ވެސް މަސައްކަތް ކުރަނީ އެހެންޏާ ނުފެންނަ ރޯލެއް ކުޅުމަށް ކަމަށެވެ.

އެގޮތުން "ސްޓާޑަމް"އިން ލިބުނު ރޯލަކީ މީގެ ކުރިން ބަތަލާ ފެނިފައިނުވާ ރޯލަކަށްވުމުން މި ވެބް ސީރީޒްއިން ލިބުނު ފުރުސަތު ގަބޫލުކުރަން ވަރަށް ފަސޭހަވިކަމަށް މޯނާ ވަނީ ބުނެފައެވެ. ހާއްސަކޮށް އާރްޔަން ފަދަ ހުނަރުވެރި ޒުވާނަކާ އެކު މަސައްކަތްކޮށްލަން ލިބުމުގެ އިތުރުން "ސްޓާޑަމް" ވެގެންދާނީ ވަރަށް ތާރީޚީ ވެބް ސީރީޒްއަކަށް ކަމަށް ގަބޫލުކުރެވޭ ކަމަށް މޯނާ ވަނީ ބުނެފައެވެ.

ބަތަލާ މޯނާ ސިންގް ފިލްމު "ލާލް ސިންގް ޗައްދާ"ގެ މަންޒަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ

އިންޑިއާގެ ގިނަ ފިލްމީ ތަރިންތަކެއްގެ ފެނިލުން ދައްކުވައިދޭނެ މި ވެބް ސީރީޒްއަކީ އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ ޒުވާނުންގެ ހަޔާތާ ގުޅުންހުރި ގިނަ ވާހަކަތަކެއް ކިޔައިދޭނެ ވެބް ސީރީޒްއެކެވެ. މި ވެބް ސީރީޒްގެ ލީޑް ރޯލުން ފެންނާނެ ތަރިންގެ މައުލޫމާތު ސިއްރުކުރެވިފައިވާއިރު ދަރުމާ ކުންފުނިން ފިލްމީ ދާއިރާއަށް ތައާރަފުކުރި ޒުވާން އެކްޓަރު ލަކްޝް ލަލްވާނީއާ މުހިއްމު ރޯލެއް ކުޅޭނެ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

އާރްޔަން އަމިއްލައަށް ސްކްރިޕްޓް ތައްޔާރުކޮށްފައިވާ ހަތް އެޕިސޯޑުގެ މި ސީރީޒްއިން ފެންނާނެކަން ކަށަވަރުވެފައިވާ ތަރިންގެ ތެރޭ ބައްޕަ ޝާހްރުކް ޚާން، ރަންބީރު ކަޕޫރު، ބޮބީ ޑިއޯލް އަދި ރަންވީރު ސިންގް ހިމެނެއެވެ. ސްޓްރީމިން ޕްލެޓްފޯމަކަށް ދޫކޮށްލަން ނިންމާފައިވާ މި ވެބް ސީރީޒް ޕްރިމިއާކުރާނެ ދުވަހެއް އަދި އިއުލާނެއް ނުކުރެއެވެ.

comment ކޮމެންޓް