ބިން ލާދިން މަރާލި އޮޕަރޭޝަން ވަގުތުން ހިނގަމުންދާ ކަމެއް ފަދައިން ސީއައިއޭ އިން ޓްވީޓްކޮށްފި

އުސާމާ ބިން ލާދިން މަރާލަން ކުރިއަށް ގެންދިޔަ އޮޕަރޭޝަން ރައީސް ބަރަކް އޮބާމާ އާއި ސެކިއުރިޓީ ޓީމް ބައްލަވަނީ -- ފޮޓޯ: ވައިޓްހައުސް

ވޮޝިންޓަން (މޭ 2): މީގެ ފަސް އަހަރު ކުރިން އުސާމާ ބިން ލާދިން މަރާލި ގޮތް ވަގުތުން ހިނގަމުންދާ ކަމެއް ފަދައިން އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީ (ސީއައިއޭ) އިން ޓްވީޓު ކޮށްފި އެވެ.

އެމެރިކާގެ ޖާސޫސީ އިދާރާއިން އެހާދިސާ ޓްވީޓު ކުރީ ބިން ލާދިން މަރާލިތާ ފަސް އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުންނެވެ. އެގޮތުން ސީއައިއޭ އިން ވަނީ ބިން ލާދިން ހޯދުމަށް ލިބުނު މައުލޫމާތާއި، އޭނާ ހޯދުމަށް ކުރިއަށް ގެންދިޔަ މިޝަންގެ ތަފްސީލު އާއްމުކޮށްފަ އެވެ.

"އަބޮޓްއާބާދުގައި ކުރިއަށް ގެންދިޔަ، އުސާމާ ބިން ލާދިން އޮޕަރޭޝަނަށް ފަސް އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން، އެއީ މިއަދު ހިނގަމުންދާ އޮޕަރޭޝަނެއް ފަދައިން އަޅުގަނޑުމެން އެއޮޕަރޭޝަން ޓްވީޓު ކުރާނަން،" ސީއައިއޭގެ ޓްވިޓާ އެކައުންޓުގައި ބުނެފައިވެ އެވެ.

ސީއައިއޭ އިން "އެމެރިކާ ރައްޔިތުންނަށް ކޮށްދޭ ހިދުމަތަށްޓަކައި" ޓްވިޓާ ބޭނުން ކުރާ ބައެއް ފަރާތްތަކުން ސީއައިއޭއަށް ޝުކުރު އަދާކޮށްފައިވާ އިރު ބައެއް މީހުން ވަނީ އެއީ "ލަދު ގަންނަންޖެހޭ އަމަލެއް" ކަމަށާއި ސީއައިއޭގެ "ވެބް ޓީމް މަގާމުން ވަކިކުރަން ޖެހޭ" ކަމަށް ބުނެފަ އެވެ.

ނިއުޔޯކާއި ވޮޝިންޓަނަށް 2011 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އަލްގައިދާ އިން ދިން ހަމަލާތަށް ރޭވި ކަމަށް އެމެރިކާއިން ބުނާ ބިން ލާދިންގެ ގަޔަށް ބަޑި ޖަހައި މަރާލީ މޭ 2011ގައި ޕާކިސްތާނުގެ އަބޮޓްއާބާދުގަ އެވެ. (ބީބީސީ)

comment ކޮމެންޓް