އަމިއްލައަށް މަރުވުން: ބޮޑު ފާފައަށް ހުށަހެޅިގަތުމުގެ ކުރިން ސަލާމަތް ކުރޭ!؟

ހ. ރެވިމާގެ މަތިން އިއްޔެ ފުންމާލި މީހާ ބޯ ފަޅައިގެން ގޮސް، ހޭނެތިފައި-- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

އެ އަންހެން ކުއްޖާގެ އުމުރުން އެންމެ 14 އަހަރެވެ. ތައުލީމް ހާސިލު ކުރަމުންދިޔައީ ގުރޭޑް 9 ގަ އެވެ. ޕްރައިމަރީ ގުރޭޑުން ފެށިގެން އުޅުނީ ލޯބީގެ ގޮތުން ސްކޫލުގައި އުޅޭ އެ އުމުރުގެ އެހެން ކުއްޖަކާ ގުޅިގެންނެވެ. އޭނާ ގަބޫލް ކުރާ ގޮތުގައި އޭނާގެ ހުރިހާ ވެސް އުފަލަކާއި ހިތްހަމަޖެހުމެއް ގުޅިފައި ވަނީ އެ ކުއްޖާއާ އެވެ. އާއިލީ ހަމަނުޖެހުންތަކާއި ދިރިއުޅުމުގައި ދިމާވާ އެކިއެކި ހިތާމަވެރިކަން ކަމުން ވެސް އޭނާއަށް އުފަލެއް ލިބޭ ހަމައެކަނި ގޮތަކީ ލޯބިވެރިޔާ ކަމަށް އޭނާ ގަބޫލު ކުރެ އެވެ.

ލޯބީގެ މަސްތުގައި ޖެހި ދެ މީހުން ދެމެދުގައި ވަނީ ނުކިއްސަރު އެތައް ގުޅުމެއް ވެސް ހިނގާފަ އެވެ. އެކަމަކާ ހެދި އަންހެން ކުއްޖާ އަށް ފިރިހެން ކުއްޖާ އާއި ނުލައި އުޅުންވެފައި ވަނީ ވަރަށް ވެސް ދަތި ކަމަކަށެވެ. އެ ނުކިއްސަރު ގުޅުންތައް ހިނގިތާ މާކަ ގިނަ ދުވަހެއްނުވެ އެވެ. ފިރިހެން ކުއްޖާ އަންހެން ކުއްޖާމަތިން ފޫހިވާން ފަށައިފި އެވެ. އެހެން ކުދިންގެ ފަހަތުން އޭނާ ދުވަން ފަށައިފި އެވެ. އެންމެ ފަހުން މިކަން އަންހެން ކުއްޖާއަށް އެނގި ދެ މީހުންގެ ގުޅުން ކެނޑިއްޖެ އެވެ. ރުޅިވެއްޖެ އެވެ. އެއާ އެކު ވެސް އަންހެން ކުއްޖާގެ ފަރާތުން އޭނާގެ ރައްޓިހިންގާތު މުޅިންހެން ބުނަމުން ދިޔައީ ފިރިހެން ކުއްޖާއާ ނުލައި ނޫޅެވޭނެ ވާހަކަ އެވެ. މާކަ ގިނަ ދުވަހެއް ނުވެ އެވެ. ދެން ފެނުނީ އަމިއްލައަށް މަރުވެފައި ހުއްޓަ އެވެ. ލޯބިވެރިޔާ ވަކިވުމުން މާތްﷲ އެންމެ ބޮޑަށް ނަހީކުރައްވާފައިވާ ބޮޑު ހަރާމް ކަމެއްކޮށް ނަރަކައިގެން އަލިފާނަށް ވެއްޓިގަތީ އެވެ.

މިއީ އިންތިހާއަށް އޮތް ބިރެކެވެ. ނަމަވެސް ދުވަހުން ދުވަހަށް މިދަނީ އަމިއްލައަށް މަރުވުމުގެ މައްސަލަތައް އިތުރުވަމުންނެވެ. ހާއްސަކޮށް ޒުވާނުންނެވެ. ލޯބިވެރިޔާ ގެއްލޭއިރަށް ތިމާއަށް މުޅި ދުނިޔެ ގެއްލުނީކަމުގެ މޮޔަ ހިޔާލު ގަބޫލުކޮށް އެ ދަނީ މަރުވަމުންނެވެ. އާއިލީ މައްސަލަތައް ނުވަތަ ދަރަނީގެ މައްސަލަތަކުގެ ސަބަބުން ނުވަތަ ލޯބިވެރިޔާގެ ފަރާތުން ކުރިމަތިވާ ބުލެކްމެއިލް ކުރުމުގެ މައްސަލަތުގެ ސަބަބުން ކަމުގައި ވިޔަސް މި މައްސަލަ މި ވަނީ އިންތިހާއަށް އިތުރުވެފަ އެވެ. މިއީ ތިމާމެންގެ އީމާންތެރިކަމާއި އަގީދާގެ މައްސަލަތަކުގެ ސަބަބުން ދިމާވާ މައްސަލަތަކެވެ.

އަމިއްލައިން މަރުވުމުގެ މައްސަލައަށް ނަފްސާނީ ގޮތުން ނަޒަރެއް

ނަފްސާނީ އިލްމުވެރިން ބުނާ ގޮތުން އަމިއްލަ އަށް މަރުވާ ހިސާބަށް މީހާ ދަނީ މާބޮޑަށް ޑިޕްރެސްވެ، ތިމަންނަ ހުރި ހާލަތުން އެއްވެސް މީހަކަށް ސަލާމަތް ނުކުރެވޭނެ ކަމަށް ގަބޫލު ކުރެވުމުން ނުވަތަ އެކަމަކަށް އެއްވެސް ހައްލެއް ނެތްކަން ގަބޫލް ކުރެވޭ ހިސާބަށް ދިއުމުންނެވެ. އެފަދަ މީހުން ގަބޫލުކުރާ ގޮތުގައި ދެން ކުރިއަށް އޮތްތަނުގައި އެ މީހުންނަށް އެއްވެސް އުފަލެއް ލިބެން ނެތެވެ. ނަމަވެސް ހުރިހާ އިލްމުވެރިން އިއްތިފާގުވާ ގޮތުން އެއީ ބޮޑު ކުށްހީއެކެވެ. ކޮންމެ ކަމަކަށް ވެސް ހައްލު ހޯދޭނެ އެވެ.

އިންސްޓިޓިއުޓް ފޯ ކައުންސެލިންގް އެންޑް ސައިކޮތެރަޕީ (އައިސީޕީ)ގެ ޓެކްނިކަލް ޑިރެކްޓާ އަދި ނަފްސާނީ ބަލިތަކަށް ތެރަޕީ ދެއްވާ ފާތިމަތު ސައުދާ ވިދާޅުވާ ގޮތުގައި އެގޮތަށް ދިމާވާ މީހަކު އަބަދުވެސް ހުންނާނީ ދެރަވަފައި ކަމަށާއި އޭނާގެ ސިކުނޑީގައި އަބަދުވެސް އިޔާދަވެވެ ހުންނާނީ ހިތްދަތި ހަނދާންތައް ނުވަތަ ވާހަކަތަކެވެ.

އަމިއްލައަށް މަރުވާ ހާލަތައް ނަފްސާނީގޮތުން ގޮސްފައިވާ މީހާއަށް އެއްވެސް ކަމަކުން އުފަލެއް ނުލިބޭނެ ކަމަށް ގަބޫލުކުރެވެ އެވެ. ހަމައެއާ އެކު ދެން ތިމަންނައަށް އެހީވާނެ މީހެއްނެތް ކަމާއި ހިތްވަރު ދޭނެ މީހެއް ނެތްކަމަށް ގަބޫލްކުރެވުން ހިމެނެއެވެ.

އޭނާ ކުރިން އުފާވެފައިވާ ކަންކަމުން ވެސް ފަހުން އެއްވެސް އުފަލެއް އެމީހަކަށް އިހުސާސްއެއް ނުވާނެ އެވެ. އަބަދުވެސް ހިތަށް އަރާނީ ތިމަންނަ ނެތިއްޖެއްޔާ އާއިލާ މީހުންނަށް ވެސް އަދި ރައްޓެހިންނަށް ވެސް މާބޮޑަށް ބޮލަށް ފަސޭހަވާނެ އެވެ. ތިމަންނާކީ އެހެން މީހުންނަށް އޮތް ތުރާލެކޭ އަބަދުވެސް ގަބޫލުކުރެވޭނެ އެވެ.

އެފަދަ މީހުންގެ އެހެން އަލާމާތްތަކުގެ ތެރޭގައި އަމިއްލަ ނަފްސު ދެކެ ރުޅި އައުން ހިމެނެ އެވެ. ހަމައެއާ އެކު އަމިއްލަ އަށް ކަންކަން ނިންމާކަށް ނޭނގޭނެ އެވެ. އަބަދު އެކަހެރިވެ އުޅެން ބޭނުންވާނެ އެވެ. އެއްވެސް ކަމަކަށް އުންމީދެއް ނުކުރާނެ އެވެ. ރައްޓެހިވެގެން އުޅޭ ކުއްޖާ ރުޅިވުން ނުވަތަ ބެލެނިވެރިން ރުޅިއައުން ފަދަ ކަންކަން ދިމާވުމުން އެއީ މުޅި ދިރިއުޅުން އެއްކޮށް ދިޔައީކަމުގެ ދެކޮޅުނު ޖެހޭ މޮޔަވިސްނުން އެ މީހުން ގަބޫލުކުރާނެ އެވެ.

"ދެން ތިމަންނަ އުޅޭނީ ކޮންތާކުހޭ، ތިމަންނައަށް ކާންދޭނީ ކާކުހޭ، މިސާލަކަށް ތިމަންނަ ބަލިވެއްޖެއޭ ދެން ކިހިނެއްހޭ ވާނީ؟ މަގުންދަނިކޮށް އެކްސިޑެންޓް ވިއްޔޭ، ދެން ކިހިނެއްހޭވާނީ؟ އެގޮތަށް ވިސްނާ ދެން ތިމާއަށް އެއްވެސް އުންމީދެއް ނެތޭ ހީވާ ހިސާބަށް ކަންކަން ދާނެ،" ސައުދާ ވިދާޅުވި އެވެ.

އެފަދަ ހާލަތަކަށްދާ މީހުން ހުރިހާ ކަމެއްގައި އަމިއްލަ ނަފްސު ކުށްވެރިކުރާނެ އެވެ. ތިމާ މިހުރީ ފާފަވެރިވެ، ބޮޑު އަދަބެއްގެ ތެރޭގައިކަން ގަބޫލުކުރާނެ އެވެ. އަދި ކުރިއަށް އޮތީ ވަރަށް ހިތްދަތި ދުވަސްތަކެއްކަން ގަބޫލު ކުރެވި މާޔޫސީ ވިސްނުންތަކުން އަބަދު ވިސްނާނެ އެވެ.

އަމިއްލައަށް މަރުވާން އުޅޭ މީހުން ދެނެގަންނާނީ ކިހިނެއް؟

ނަފްސާނީ އިލްމުވެރިން ބުނާގޮތުން އެންމެ ކުޑަކުދިން އަމިއްލައަށް މަރުވާން ނޫޅެ އެވެ. ފުރާވަރުން ފެށިގެން ދުވަސްވީ މީހުންނާއި ހަމައަށް އެކަންކުރެ އެވެ. ޒުވާނުންގެ އާއިލާއިން ޖެހޭ މައްސަލައަކުން ނުވަތަ ލޯބިވެރިޔާ އާއި ޖެހޭ މައްސަލައަކުން އަމިއްލައަށް މަރުވެދާނެ އެވެ. އަދި ކުއްލިއަކަށް ދިމާވާކަމަކުން ވެސް އަމިއްލައަށް މަރުވެދާނެ އެވެ. މުސްކުޅިއަކު ތިމަންނަ ދަރިންނަށް މާފަސޭހަ ވާނޭ ތިމަންނަ ދުނިޔޭގަ ނެތޭ ގަބޫލު ކުރެވުމުން ވެސް އަމިއްލައަށް މަރުވެދާނެ އެވެ. މިއީ ހިނގާފައިވާ ކަންކަމެވެ.

އަމިއްލައަށް މަރުވާން އުޅޭ މީހާ ދެނެގަނެވޭ އެއް އަލާމާތަކީ އޭނާގެ ވާހަކަތަކެވެ. އެފަދަ ހާލަތުގައި ހުންނަ މީހާ އަބަދު އެކަހަލަ ވާހަކަ ދައްކާނެ އެވެ. މިސާލަކަށް ދަންޖެހެން ގޮށްޖަހަނީ ކިހިނެއްތޯ ނުވަތަ ބޭސް ކެއުމުންވާނީ ކިހިނެއްތޯ ބަލާހަދާނެ އެވެ. ހަމައެއާ އެކު ދުނިޔެ މަތިން ފޫހިވެ މާޔޫސްވެގެން އުޅުމަކީ ވެސް އޭގެ އަލާމާތެކެވެ.

ނަފްސާނީ އިލްމުވެރިންގެ ލަފާ

ނަފްސާނީ އިލްމުވެރިޔާ ސައުދާ ވިދާޅުވާ ގޮތުގައި އަމިއްލައަށް މަރުވެދާނެހެން ހީވާ މީހުން އިތުރަށް ބަލަހައްޓަންޖެހެ އެވެ. އެގޮތުން ތިންވަނަ ނަޒަރަކުން އެ މީހަކާ ދޭތެރޭ ވިސްނަން ޖެހޭ ކަމަށާއި އޭނާ އަމިއްލައިން ގޯހެއް ހެދޭނެ ހުރިހާ ކަމަކުން ދުރުކުރަންޖެހޭ ކަމަށް ސައުދާ ވިދާޅުވެ އެވެ.

"އެނާއަށް އެކަހަލަ ކަންތައްތައް ކުރެވޭނެ މަގުތައް ހަނިކުރަން ޖެހޭ، އޭނާއަށް އެބަޖެހޭ ބަލަން، އަބަދުވެސް އޭނާއާއެކު ކޮންމެ ވެސް މީހަކު ހުރުން މުހިންމު،" ސައުދާ ވިދާޅުވި އެވެ.

އަމިއްލަ އަށް މަރުވާން އުޅޭ ފަރާތްތަކަށް ލަސްނުކޮށް ނަފްސާނީ ބައްޔަށް ފަރުވާ ދިނުން މުހިންމެވެ. އެގޮތުން އެ މީހަކަށް ފަރުވާދެވޭނީ އެ މީހަކަށް ދިމާވެފައިވާ މައްސަލަތަކަށް ބަލާ ކަމަށާއި ވަކި ކަންކަމަށް ވަކި ހާއްސަ ތެރަޕީތައް ދެވިގެންދާނެ ކަމަށް ސައުދާ ވިދާޅުވި އެވެ.

އެއީ ބޮޑުވެގެންވާ ފާފައެއް، އެކަން ނުކުރޭ

އަމިއްލައަށް މަރުވުމުގެ މައްސަލަތައް އިންތިހާއަށް އިތުރުވަމުން އަންނައިރު މިއީ އަހަރެމެންގެ މާތްވެގެންވާ އިސްލާމްދީނުގައި ވަރަށް ބޮޑު ހަރާމް ކަމެކެވެ. އައްޝެއިޚް އަހުމަދު ފަހުމީ ދީދީ ވިދާޅުވި ގޮތުގައި އަމިއްލައަށް މަރުވުން ނުވަތަ މަރުވާ ފަދަ ކަމެއް ކުރުން ނުވަތަ އަމިއްލަ ހަށިގަނޑަށް ގެއްލުންދިނުމަކީ އިސްލާމް ދީނުގައި ހަރާމް ކުރައްވާފައިވާ ބޮޑު ފާފައެއް ކަމަށެވެ.

"ކީރިތި ގުރުއާނުގައި ކަނޑައެޅިގެން ވަހީކުރައްވާފައިވޭ ތިބައިމީހުންގެ އަމިއްލަ ހަށިތައް ހަލާކުގެ ތެރެއަށް އެއްލާނުލާށޭ. އެއީ އަމުރުފުޅެއް، ގުރުއާނުގައި އައިސްފައިވާ އަމުރުފުޅެއް. އެހެންކަމުން އަމިއްލައަށް މަރުވުން ނުވަތަ ޒަހަރެއް ބުއިން ނުވަތަ ގެއްލުމެއް ދިނުން މިއީ ދީން ހުއްދަކުރާކަމެއް ނޫން،" ޝެއިހް ވިދާޅުވި އެވެ.

"ހަދީޡް އެބަހުރި މިސާލަކަށް މަސްތުވާއެއްޗެއް ނުވަތަ ޒަހަރެއް ބޯ މީހާ ބޮއެގެން މީހާ މަރުވެއްޖެއްޔާ ނަރަކާގައި އޭނާ އެ އެއްޗަކުން އިސްތިއުމާލްކުރާ ހާލުގައި އަޒާބު ލިބެމުންދާނެ ކަމަށް، ވަޅިއަކުން އޭނާ ނަފްސު ކަތިލިނަމަ އެހާލަތުގައި ނަރަކާއި އަޒާބް ލިބިގެންދާނެ ކަމަށް،"

އެކަންކަމަށް ދާ ސަބަބަކީ ﷲ އާއި ދޭތެރޭ އީމާންކަމާއި އިތުބާރު ކެނޑިގެންދިއުން ނުވަތަ ގޮތްހުސްވުން ކަމަށާއި އެއީ ﷲގެ އަމުރުފުޅާ ހިލާފު ކަމެއް ކަމަށް ވެސް ޝެއިހް ވިދާޅުވި އެވެ. މާތްﷲ އަންގަވާފައި ވަނީ އެކަނލާގެ ރަހުމަތުން އެއްވެސް ފަރާތެއް އުންމީދު ކަނޑާނުލުމަށް ކަމަށް ޝެއިހް ފަހުމީ ވިދާޅުވި އެވެ.

"މިސާލަކަށް މީހަކަށް ފާފައެއް ކުރެވުނީ، ނުވަތަ ގޯސްކަމެއް ކުރެވުނީ، ދެން އެކަން ﷲ ނުފުއްސަވާނެކަމަށްހީކޮށް އަމިއްލައަށް މަރުވާން މިއުޅެނީ، އެއީކީ އެކަން އޮތް ގޮތެއް ނޫން، ކޮންމެ ފާފައެއް ވެސް ﷲ ފުއްސަވާނެ،" ޝެއިހް ވިދާޅުވި އެވެ.

އާއެކެވެ. އާންމުވެފައި މި ވަނީ ކިތަންމެހާ ވެސް ހިތާމަވެރިކަމެކެވެ. ކަމެއްވާއިރަށް މާޔޫސްވެ އެންމެ ބޮޑު ފާފައަށް އަރައިގަތުން މި ވަނީ އިންތިހާއަށް އާންމުވެފަ އެވެ. ދޭން ބޭނުންވާ ނަސޭހަތަކީ ލޯބިވެރިޔާ ދޫކޮށްލުމުން އަމިއްލަ އަށް ގޯސް ނަހަދާށެވެ. މި ނޫން ދުނިޔެއެއް އޮތްކަން ހަނދާން ކުރާށެވެ. ހަމައެހެންމެ އާއިލީ މައްސަލަތައް ނުވަތަ އެހެނިހެން މައްސަލަތަކުގައި ވެސް މާޔޫސްވެ ދަންޖެހުން އެއީ ހައްލު ކަމަށް ނުދެކޭށެވެ. އެއީ ބޮޑު ފާފައެކެވެ. ހެދޭ އެންމެ ބޮޑުގޯހެވެ.

----------------------------------------------------------------------------

މި ރިޕޯޓް ސީރީޒްއަށް ނަފްސާނީބަލީގެ މައުލޫމާތު ދެއްވާފައި ވަނީ، އިންސްޓިޓިއުޓް ފޮ ކައުންސެލިންގް އެންޑް ސައިކޮތެރަޕީ (އައިސީޕީ) އިންނެވެ. އައިސީޕީ އަކީ ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ތަފާތު ދާއިރާތަކުގެ ފަރުވާދޭ އިންސްޓިޓިއުޓްއެކެވެ. އައިސީޕީގެ ހޮޓްލައިން 7978802 އަށް ގުޅުމުން އެފަރާތްތަކުން އެހީތެރިވެދެ އެވެ. އައިސީޕީއަކީ ހެޔޮއަގުގައި ކައުންސެލިން އަދި ތެރަޕީ ދެމުންދާ ތަނެކެވެ.

comment ކޮމެންޓް