ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުގައި ބަޔާން މިއުނިކް ހޭލަން ތިބެން ޖެހޭ ކަމަށް އެ ޓީމުގެ ގޯލްކީޕަރު މެނުއެލް ނޯޔާ ބުނެފި އެވެ.
އެތުލެޓިކޯގެ ދަނޑުގައި ރޭ ކުޅުނު މެޗުން ޖަރުމަން ޗެމްޕިއަން ބަޔާން ބަލިވެފައި ވަނީ 1-0 ލަނޑުންނެވެ. އެ މެޗުން ބަޔާން ބަލިވީ އެތުލެޓިކޯގެ ސްޕެއިން މިޑްފީލްޑަރު ސައުލް ނިގޭޒް ޖެހި ލަނޑުންނެވެ.
ބަޔާންގެ ޖަރުމަން ގޯލްކީޕަރު ނޯޔާ ބުނީ، ފުރަތަމަ ލެގު މެޗުން ބަލިވި ނަމަވެސް ދެވަނަ ލެގު މެޗުން މޮޅުވެ، ފައިނަލުގެ ޖާގައެއް އެ ޓީމަށް ހޯދިދާނެ ކަމަށެވެ.
"އަހަރެމެން ގަބޫލުކުރަން އަހަރެމެންނަށް ފައިނަލަށް ދަތުރުކުރެވޭނެ ކަމަށް. އަހަރެމެންގެ ސަޕޯޓަރުންގެ ކުރިމަތީގައި އެކަން ދައްކާނަން. މެޗުގައި އަހަރެމެން ރަނގަޅު ކުޅުމެއް ދެއްކިން. އަހަރެމެންނަށް ފުރަތަމަ ހާފުގައި އެންމެ ރަނގަޅު ކުޅުމެއް ނުދެއްކުން. އެކަމަކު ދެވަނަ ހާފުގައި ރަނގަޅަށް ކުޅުނިން. އަހަރެމެން މަސައްކަތްކުރި ނަމަވެސް ލަނޑެއް ނުޖެހުނީ. މިއުނިކްގައި އަހަރެމެން ހޭލާ ތިބެން ޖެހޭ،" އޭނާ ބުންޏެވެ.
ރޭގެ މެޗުން ބަލިވުމުން ބަޔާންގެ ކެޕްޓަން ފިލިޕް ލާމް ބުނީ، އެތުލެޓިކޯ ކޮޅަށް ލަނޑެއްޖަހައި އަވޭ ގޯލެއް ނުލިބުމުން އެކަމާ މެދު ހިތްހަމަނު ޖެހޭ ކަމަށާއި މެޗުގައި އެ ޓީމަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ކަމަށެވެ.
ސެމީގެ ދެވަނަ ލެގުގައި ބަޔާންގެ ދަނޑުގައި އެތުލެޓިކޯއާއި ބަޔާން ބައްދަލުކުރާނީ އަންނަ މަހުގެ ތިން ވަނަ ދުވަހު އެވެ.