މިއަހަރުގެ މިހާތަނަށް ސީއެމްބިއުލާންސްގައި 846 ދަތުރު ކޮށްފައިވޭ!

ރާއްޖޭގައި ދުއްވާ ސީ އެމްބިއުލާންސެއް -- ސަން ފައިލް ފޮޓޯ

މިއަހަރުގެ މިހާތަނަށް، ސީ އެމްބިއުލާންސްގައި ބަލި މީހުން އުފުލުމަށް 846 ދަތުރު ކޮށްފައިވާ ކަމަށް ޑިފެންސް މިނިސްޓްރީއިން ހާމަކޮށްފި އެވެ.

ސީ އެމްބިއުލާންސް އޮޕަރޭޓު ކޮށްދެނީ، ހެލްތު މިނިސްޓްރީއާއި އާސަންދައާ ގުޅިގެން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޯސްޓްގާޑުންނެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، ސީ އެމްބިއުލާންސްގެ ހިދުމަތް 2015 ވަނަ އަހަރު ފެށި އިރު ސީ އެމްބިއުލާންސްގެ ގޮތުގައި ދުއްވާ 21 ލޯންޗު އޮތް ކަމަށާއި، މިވަގުތު އެމްބިއުލާންސް ފްލީޓުގައި 23 ލޯންޗު އެބަ އޮތް ކަމަށެވެ. އަދި ކުރިޔަށް އޮތް މަސް ދުވަސް ތެރޭގައި އިތުރު ދެ ލޯންޗު ސީ އެމްބިއުލާންސްގެ ފްލީޓަށް އިތުރު ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، މިދިޔަ އަހަރު ސީ އެމްބިއުލާންސްގައި، ބަލި މީހުން އުފުލުމަށް 1420 ދަތުރު ކޮށްފައިވާ ކަމަށެވެ. އަދި މިއަހަރުގެ އޭޕްރިލް މަހުގެ 26 ވަނަ ދުވަހާ ހަމައަށް ސީ އެމްބިއުލާންސްގައި 846 ދަތުރު ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެއީ ރާއްޖޭގެ އުތުރު ސަރަހައްދުގައި 414 ދަތުރު، މާލެ ސަރަހައްދުގައި 164 ދަތުރު، މެދު ރާއްޖެތެރޭގެ ސަރަހައްދުގައި 100 ދަތުރު އަދި ރާއްޖޭގެ ދެކުނުގައި 168 ދަތުރެވެ.

މިނިސްޓަރު ވިދާޅުވީ، އެހެން ހިސާބުތަކަށް ވުރެ، އުތުރުގައި ކޮށްފައިވާ ދަތުރުތައް މާ ގިނައިން ކުރެވިފައި ވާތީ، ކުރިޔަށް އޮތް ތަނުގައި އެފަދަ ޓްރެންޑުތައް ބަލައި، އެކި ސަރަހައްދުތަކަށް އެމްބިއުލާންސް އިތުރު ކުރާނެ ކަމަށެވެ.

ރާއްޖޭގެ ރަށެއްގައި ސިއްހީ ޚިދުމަތެއް ލިބެން ނެތުމުން، އިތުރު ފަރުވާ ހޯދުމަށް އެހެން ރަށަކަށް ދާންޖެހޭކަން ސިއްހީ މަރުކަޒަކުން ނުވަތަ ހޮސްޕިޓަލަކުން އާސަންދައަށް އެންގުމުން، ސީ އެމްބިއުލާންސް ދަތުރު ކޮށްދިނުމަށް ކޯސްޓް ގާޑުގެ ކިބައިން އެދެން ޖެހެނީ އާސަންދައިންނެވެ.

comment ކޮމެންޓް