ސުނާމީ ކާރިސާއަށްފަހު ވިލުފުށީގައި އަޅާފައިވާ ގެތައް ރަޖިސްޓްރީ ކުރަން ފަށައިފި

ސުނާމީ ކާރިސާ އަށް ފަހު ތ. ވިލުފުށީގައި އަޅާފައިވާ ގެތައް މިއަދު ރަޖިސްޓްރީ ކުރަން ފަށައިފި --- ފޮޓޯ: ވިލުފުށީ ކައުންސިލް

ސުނާމީ ކާރިސާ އަށް ފަހު ތ. ވިލުފުށީގައި އަޅާފައިވާ ގެތައް ރަޖިސްޓްރީ ކުރަން ފަށައިފި އެވެ.

ވިލުފުށީ ކައުންސިލުން ބުނީ، ސުނާމީ ކާރިސާއާ ގުޅިގެން ބްރިޓިޝް ރެޑްކްރޮސް އާއި ދިވެހި ސަރުކާރުގެ އެހީގައި ވިލުފުށީގައި އަޅައިދީފައިވާ 309 ގެ ރަޖިސްޓްރީކޮށް، އެ ގެތަކުގެ ރަޖިސްޓްރީތައް ވެރި ފަރާތްތަކާ މިއަދު ހަވާލު ކުރަން ފަށާފައިވާ ކަމަށެވެ.

އެގޮތުން، މިހާތަނަށް ރަޖިސްޓްރީ ކުރުމަށް އެ ރަށު ކައުންސިލަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ދެ ފަރާތެއްގެ ރަޖިސްޓްރީ ނިންމައި ހަވާލު ކުރެވިފައިވާ ކަމަށް ވިލުފުށީ ކައުންސިލުން ބުނެ އެވެ.

ވިލުފުށީ ކައުންސިލުން ބުނީ، އެ ރަށުގައި އަޅާފައިވާ ގެތައް ރަޖިސްޓްރީ ކުރަމުން ދަނީ އެ މަސައްކަތް ކުރުމަށް ހައުސިން މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތުގެ މަތިން ކަމަށެވެ.

ހަމައެއާއެކު، އެ ގެތައް ރަޖިސްޓްރީ ކުރަން ފެށި ނަމަވެސް ސުނާމީ ކާރިސާ އާ ގުޅިގެން ބޯހިޔާވެހިކަން ނުލިބޭ ފަރާތްތައް އަދިވެސް އެރަށުގައި ތިބިކަމަށް ކައުންސިލުން ބުނެ އެވެ.

comment ކޮމެންޓް