ގެދޮރުވެރިޔާ ލިސްޓަށް ޝަކުވާ ހުށަހަޅަން ބޭނުންވާ މީހުންނަށް މާލޭ ސިޓީ ކައުންސިލުން އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފިއެވެ.
އެ އިދާރާއިން ބުނީ، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެ އިދާރާގެ ޢާއްމު ޚިދުމަތްތަކާ ބެހޭ ބަޔަށް ގޮސް ޝަކުވާ ހުށަހަޅަން އެހީ ހޯދޭނެ ކަމަށެވެ.
އެގޮތުން މިއަދުން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް އެހީ ހޯދަން އެ ތަނަށް ދެވޭނެކަމަް އެ އިދާރާއިން ވަނީ ބުނެފައެވެ.
އެ އިދާރާއިން ބުނީ އެހީތެރިކަން ދިނުމަށް ހަމަޖެހިފައިވާ ވަގުތުތަކަކީ ހެނދުނު 10:00 އިން 14:30 އަށް، އަދި ރޭގަނޑު 21:30 އިން 23:00 އަށް ކަމަށެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން އާންމުކުރި ފްލެޓު ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލިތާ ތިން ދުވަހުގެ ތެރޭ 600 އަށް ވުރެ ގިނަ ޝަކުވާ ވަނީ ހުށަހަޅާފައެވެ.
އަދި އައު ލިސްޓު ނެރުމާއެކު ވެސް، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ޕޮއިންޓް ދީފައިވާ ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.