ހުއްޓިފައި އޮތް ތިންވަނަ ފިޔަވަހީގެ ބިން ހިއްކުން: އެޕްރީލްގައި ފަށައި ޖުލައިއަށް ނިންމަނީ

ހުޅުމާލޭ ފޭސް ތިނެއް ހިއްކުމުގެ ތެރެއިން : -- ފޮޓޯ: އާބަންކޯ

މަޑުޖެހިފައި އޮތް ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށް އޮތް ޖުލައި މަހުގެ ތެރޭ ނިންމުމަށް އަމާޒު ހިފައިފައިވާކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ބުނެފިއެވެ.

ހުޅުމާލެ ފަޅުން ބައެއް ހިއްކާ ގޮތަށް ނިމިދިޔަ ސަރުކާރުން ވަނީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތިތަކެއް ދޫކޮށްފައެވެ.

އެހެންވެ ހުޅުމާލެ ފަޅުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ހަވާލުކުރީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާއެވެ.

އެ މަޝްރޫއު ކުރިއަށް ގެންދަނިކޮށް މަސައްކަތް ވަގުތީ ގޮތުން ހުއްޓާލީ، ރާއްޖޭގެ ފަރުތަކުން ގާ ހުދުވަމުންދާކަމަށް ފާހަގަކުރެވިގެން ބިން ހިއްކުމުގެ މަސައްކަތްތައް މަޑުޖައްސާލުމަށް އީޕީއޭގެ އާއްމު އިއުލާނަކުން މިދިޔަ އަހަރު އެންގުމާ ގުޅިގެންނެވެ.

https://sun.mv/193539

އެއިރު 23 ހެކްޓަރުގެ ބިން އޮތީ ހިއްކައިފައެވެ.

އެއާއެކު މިދިޔަ އަހަރުގެ ޖޫން 25ގައި އީޕީއީގެ ހުއްދަ އަލުން ލިބުމާއެކު އެ މަސައްކަތް އަލުން ވަނީ ފަށައިފައެވެ. އޭގެ މަދު ދުވަސްކޮޅެއް ފަހުން އަނެއްކާ ވެސް އެ މަސައްކަތް ހުއްޓި، މިއަދާ ހަމައަށް ވެސް އޮތީ މެދުކެނޑިފައެވެ.

އެއާއެކު އެޗްޑީސީން މިއަދު "ސަން"އަށް ބުނީ މަސައްކަތް ހުއްޓުމާ ހަަމައަަށް ފޭސް ތިނަކުން ޖުމްލަ 24 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާކަމަށެވެ.

އެ މަޝްރޫއުގެ ބިން ހިއްކުން މަޑުޖެހުނީ މަޝްރޫއުގެ ސްކޯޕަށް ބަދަލުތަކެއް އައުމާއެކު ކޮންޓްރެކްޓަރާއެކު އިތުރު މަޝްވަރާތަކެއް ކުރެވެމުންދާތީ ކަމަށް ވަނީ ބުނެފައެވެ.

އެއާއެކު އެޕްރީލުގައި މަސައްކަތް ފަށަން ތައްޔާރުވަމުން އަންނައިރު، ޖުލައި މަހު މަސައްކަތް ނިންމައިލެވޭނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

"ބިން ހިއްކުމުގެ މަސައްކަތް 2025 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އަލުން ފަށައި މަސައްކަތް ނިންމުމަށް ރޭވިފައިވަނީ 2025 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށެވެ،" އެޗްޑީސީން ބުންޏެވެ.

ހުޅުމާލެއިން ގޯތި ދިނުމަށް ހިއްކަނީ މިހާރު ސަފާރީތައް އަޅާފައިވާ ސަރަހައްދެވެ. ދެން ސަފާރީތައް އަޅަން ނިންމާފައި ވަނީ ތިލަފުށި ކައިރީ އޮންނަ ދިޔަނެރު ފަޅުގައެވެ. އެ ފަޅުގައި ސަފާރީ އަޅާ ތަނެއް ތަރައްގީ ކުރަން ބިން ހިއްކުމަށް ވެސް ވަނީ ސީއެމްސީއާ ހަވާލުކޮށްފައެވެ.

comment ކޮމެންޓް