ކޯޕަރޭޓް ބޯޑުތަކުގައި އަންހެނުންގެ ހިއްސާ އިތުރުކޮށް، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ޖަމިއްޔާ ވިމެން އޮން ބޯޑްސް (ވޮބް)ގެ އައްޑޫ ސިޓީ އައުޓްރީޗު އޭޖެންޓުގެ އޮފީސް، އައްޑޫ ސިޓީ ހިތަދޫގައި ރަސްމީކޮށް ހުޅުވައިފި އެވެ.
މިދިޔަ ހުކުރު ދުވަހު ވޮބްގެ އައްޑޫ ސިޓީ އޭޖެންޓުގެ އޮފީސް ރަސްމީކޮށް ހުޅުއްވައި ދެއްވީ އައްޑޫ ވިމެންސް ޑިވެލޮޕްމެންޓް ކޮމިޓީގެ ރައީސާ ޖަމްޝީދާ މުހައްމަދެވެ.
ވިމެން އޮން ބޯޑްސްގެ އައްޑޫ ސިޓީ އައުޓްރީޗު އޭޖެންޓަކީ މަރިޔަމް ނައުފާ އެވެ.

ވިމެން އޮން ބޯޑްސްގެ އައްޑޫ އައުޓްރީޗް އޭޖެންޓް މަރިޔަމް ނައުފާ (ވ) -- ފޮޓޯ/ވިމެން އޮން ބޯޑްސް
"ސަން" އަށް މައުލޫމާތު ދެއްވަމުން، ނައުފާ ވިދާޅުވީ އައުޓްރީޗު އޭޖެންޓުގެ އޮފީސް ހުޅުވިފައިވާ އިރު، އޭނާގެ އެންމެ ފުރަތަމަ މަސައްކަތަކީ ވިމެން އޮން ބޯޑްސް އަށް މެމްބަރުން އިތުރު ކުރުން ކަމަށެވެ. އަދި އަންހެނުން އަމިއްލަ ފައިމައްޗަށް ތެދުވެ، ބާރުވެރިވާނެ ގޮތްތަކާ މެދު ހޭލުންތެރި ކުރުވުމުގެ ބައެއް މަސައްކަތް ވެސް ދާދި އަވަހަށް ފަށާނެ ކަމަށް ނައުފާ ވިދާޅުވި އެވެ.
މިކަމާ ގުޅިގެން، ވިމެން އޮން ބޯޑްސްގެ ރައީސާ ފާތިމަތު ޝަފީގާ "ސަން" އަށް ވިދާޅުވީ، ވޮބްގެ އަމާޒަކީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް ވޮބްގެ އައުޓްރީޗު ސެންޓަރުތަކެއް ހުޅުވައި، އެ ޖަމިއްޔާގެ މަސައްކަތް އަތޮޅު ތެރެއަށް ފަތުރާލުން ކަމަށެވެ.
އަދި ވޮބްގެ ފަރާތުން ކެޕޭސިޓީ ޑިވެލޮޕްމެންޓް ޓްރެއިނިންގް ސެންޓަރެއް ވަރަށް އަވަހަށް ހުޅުވާނެ ކަމަށާއި، އެތަން މެދުވެރިކޮށް އަންހެނުންނަށް ހަމަހަމަ ފުރުސަތުތަކެއް ދީ، އެމީހުންނަށް ތަމްރީނު ފޯރުކޮށްދީ، އެންމެ މަތީ މަގާމުތަކުގައި އަންހެނުން އެކަށީގެންވާ މިންވަރަކަށް ފެނިގެން ދިއުމަކީ ވެސް އެ ޖަމިއްޔާގެ އަމާޒެއް ކަމަށް ޝަފީގާ ވިދާޅުވި އެވެ.
ވިމެން އޮން ބޯޑްސްއިން ދަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި އައުޓްރީޗު އޭޖެންޓުން ގާއިމު ކުރަމުންނެވެ. އެގޮތުން، މި މަހުގެ ކުރީކޮޅު ގދ. ތިނަދޫގައި އައުޓްރީޗު އޭޖެންޓުގެ އޮފީހެއް ހުޅުވާފައިވާ އިރު، އެ ޖަމިއްޔާ އިން ދަނީ ފ. ނިލަންދޫގައި ވެސް އެފަދަ އޮފީހެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންނެވެ.