މި ސަރުކާރަކީ އަންހެނުން ބާރުވެރިކުރުވުމުގައި ގައުމުތަކަށް ހުރި ނަމޫނާ އެއް: އަޒްލީން

ހޯމް މިނިސްޓަރު އަޒްލީން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިސަރުކާރަކީ އަންހެނުން ބާރުވެރިކުރުމުގައި ގައުމުތަކަށް ނަމޫނާއެއްކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެެއެވެ.

ވިމެން އޮން ބޯޑްސްގެ އެނުއަލް އެވޯޑް ހަފްލާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަޒްލީން ވިދާޅުވީ، ކަނބަލުންނަކީ ތަރައްގީގެ ދެބައިކުޅަ އެއްބައިކަމަށެވެ.

"މި ސަރުކާރުގެ ކުންފުނިތަކުގެ ބޯޑުގެ 40 ޕަސެންޓަކީ ކަނބަލުން. ވިހެއުމަށްފަހު ކަނަބަލުންނަށް މަސައްކަތް ކުރުމުގައި ލުއި ގޮތްތަކެއް ވަނީ ހަމަޖައްސައި ދެވިފައި. ކަނބަލުންގެ އުއްމީދުތައް ހާސިލު ކުރުމަށް މަސައްކަތް ކުރުމަށް ދަނީ ބާރު އެޅެމުން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަޒްލީން ވިދާޅުވީ، ކަނބަލުންގެ ޚިދުމަތުގެ އަގު ވަޒަންކުރުމަކީ އެކަނބަލުންނަށް ލިބޭނެ ހިތްހަމަޖެހުމެއް ކަމަށެވެ.

"މިހާ ފުޅާދާއިރާއެއްގައި ކަނބަލުންގެ އަގު ރާއްޖޭގައި ވަޒަން ކުރަން ފެށުނީ ވަރަށް ފަހުން. ނަމަވެސް މިކަމަކީ ވަރަށް ކުރިން ފެށިގެން ކުރަން ޖެހިފައި އޮތް ކަމެއް. މިއަދު އުފަލާއެކު ދަންނަވާނީ މުޅި ދުނިޔޭގައިވެސް ކަނބަލުންނަށް ދެވޭ ގަދަރާ އިހުތިރާމް ރާއްޖޭގައި މިވަނީ ފާހަގަ ކުރެވޭ ވަރަށް މައްޗަށް ގޮސްފައި،" ހޯމް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަޒްލީން ވިދާޅުވީ، ގައުމެއްގެ ކުރިއެރުމާ ހިތްހަމަޖެހުން އަދި އެ ގައުމެއްގެ އެމުނި އެކުލެވުން އެއްބައެއްވަންތަ ކަމުގައި އުފާވެރިކަމާއެކު ދެމެހެއްޓޭނެ ހަގީގީ ސިއްރަކީ ކަނބަލުންގެ އުފާވެރިކަން ކަމަށެވެ.

"ކަނބަލުންނަށް އުފާވެރިކަން ނުލިބޭ އެއްވެސް ސޮސައިޓީއެއް މުޖުތަމައުގައި އުފާވެރިކަމުގައި ނޯންނާނެ،"

މިނިސްޓަރު ވިދާޅުވީ، ފިރިހެނުން ކުރާ މަސައްކަތުގެ ފަންސާސް ޕަސެންޓު ނޫނީ އެއްއަށްވުރެ ބޮޑު ހިއްސާއެއް އަދާކުރަނީ އަންހެނުން ކަމަށެވެ.

ރާއްޖޭގައި އިގްތިޞާދީ ގޮތުން ކުރިއެރުން އަންނައިރު ކަނބަލުންނަށް ވެސް ކުރިއެރުން އަންނަތަން ފެންނަ ކަމަށާއި އެއީ ހަމައެކަނީ ޒާތީ ދިރިއުޅުމުގައި އަންނަ ކުރިއެރުން ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ވިޔަފާރިއާއި ސަރުކާރުގެ ކުންފުނިތަކާ އެނޫން ދާއިރާތަކުގައިވެސް ކަނބަލުން ބާރުވެރިކުރުވުމަށް ވަރަށް ގިނަ ވަސީލަތްތައް މިހާތަނަށް ވަނީ ފޯރުކޮށްދެވިފައި،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖެ މިހާރު ހޯދާ ކާމިޔާބީތައް ހާއްސަކޮށް އޭލެވެލް، އޯލެވެލް އިމްތިހާނުގެ ނަތީޖާ އަށް ބަލާއިރު އަންހެންކުދިންގެ ކުރިއެރުން އާދަޔާ ޚިލާފަށް މައްޗަށް ޖެހިފައިވާ ކަމަށެވެ.

"މަތީ ތައުލީމުގެ ސެކްޓާ އަށް ބެލި ނަމަވެސް ކަނބަލުންގެ ކުރިއެރުން މާ މަތީގައި އުޅޭ ވާހަކަ ދެންނެވުމަކީ ކުށަކަށް ނުވާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް