ވިމެންސް އޮން ބޯޑްސްގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ޝީރީން އަދި މެލޭޝިއާގެ އަނިސާއަށް

ޕަބްލިކް ގަވާނެންސްގެ ބައިން ވޮބްގެ ލައިފްޓައިމް އެޗީވްމަންޓް ލިބިވަޑައިގެންނެވި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝީރީން އަބްދުﷲއަށް ހޯމް މިނިސްޓަރު އަޒްލީން އެވޯޑް ހަވާލުކޮށްދެއްވަނީ --- ފޮޓޯ/ ޕީއެސްއެމް

އެކި ދާއިރާތަކުގައި މަސައްކަތް ކުރައްވާ ހުނަރުވެރި އަދި ހިތްވަރުގަދަ ކަނބަލުންގެ ކާމިޔާބީގެ އަގު ވަޒަންކޮށް ވިމެންސް އޮން ބޯޑްސް (ވޮބް) އިން ދޭ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ދެ ކަނބަލަކަށް ދީފި އެވެ.

އަންހެނުން ބާރުވެރިކުރުވައި މުޖުތަމައުގައި ހަމަހަމަ ފުރުސަތުތަކެއް އަންހެނުންނަށް ހޯދައިދިނުމަށް މަސައްކަތްކުރާ ވޮބްއިން ރޭ ބޭއްވި އެ ޖަމިއްޔާގެ އެނުއަލް އެވޯޑް ހަފްލާގައި ޕަބްލިކް ގަވާނެންސްގެ ބައިން ލައިފްޓައިމް އެޗީވްމަންޓް ލިބިވަޑައިގެންފައިވަނީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝީރީން އަބްދުﷲ އަށެވެ.

އަދި ކޯޕަރޭޓް ގަވާނެންސްގެ ބައިން ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބިވަޑައިގަތީ މެލޭޝިއާގެ މަޝްހޫރު، ފަތްޕިލާވެލީގެ ޕްރޮޑަކްޓުތައް އުފައްދާ ކުންފުނި، އެމްއައިއެސްބީ ރިސޯސަސް ވުޖޫދަށް ގެނައި އެއް ބާނީ އަދި ހާބަލް ކޮންސަލްޓެންޓެއް ކަމަށްވާ ޝަރީފާ އަނިސާ ބަރަކްބާ އެވެ.

ކޯޕަރޭޓް ގަވާނެންސްގެ ބައިން ވޮބްގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބިވަޑައިގަތް މެލޭޝިއާގެ ޝަރީފާ އަނިސާ ބަރަކްބާ އެވޯޑާއެކު މިނިސްޓަރު އަޒްލީންގެ އަރިހުގައި --- ފޮޓޯ/ ޕީއެސްއެމް

މިއީ ރާއްޖޭން ބޭރުގެ ބޭފުޅަކަށް ވޮބްގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބުނު ފުރަތަމަ ފަހަރެވެ. އެ ދެ ބޭފުޅުންނަށް ވެސް އެވޯޑް ހަވާލުކޮށްދެއްވީ ރޭގެ ޝަރަފްވެރި މެހްމާން ހޯމް މިނިސްޓަރު އަޒްލީން އަހުމަދެވެ.

އޭގެ އިތުރުން ރޭގެ ރަސްމިއްޔާތުގައި ވޮބްގެ އެނުއަލް އެވޯޑް އަށް ކަނބަލަކަށް ވަނީ ދީފައެވެ.

  • ބެސްޓް ވިމެން ސީއީއޯ އިން ޕްރައިވެޓް ސެކްޓާރ:
    • ޝީޒާ އިމާދު/ ސީޒާ ސެލޮންގެ ސީއީއޯ
  • ބެސްޓް ވިމެން ސީއީއޯ އިން ޕްރައިވެޓް ސެކްޓާރ:
    • ހައްވާ ޒާހިރާ/ މައި ސަންސް އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ
  • ބެސްޓް ވިމެން ސީއީއޯ އިން ޕްރައިވެޓް ސެކްޓާރ:
    • އާސިޔަތު ނަޖީބާ/ ޕުލެޝާ ޓެއިލާސްގެ ސީއީއޯ
  • ބެސްޓް ވިމެން މެނޭޖަރު:
    • ފާތިމަތު ޒައީމާ/ ވިމެންސް އެންހޭންސްމަންޓްގެ ސެކްރެޓަރީ ޖެނެރަލް
  • ބެސްޓް ޔަންގު ވިމެން ޕްރޮފެޝަނަލް:
    • އާއިޝަތު ރުކްޝާނާ/ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ އިންޖިނިއަރިން ޑިވިޝަންގެ އެސިސްޓަންޓް މެނޭޖަރު
  • ލީޑިން ވިމެން އިން އިސްލާމިކް ފައިނޭންސް:
    • އިރުމް ސަބާ/ ސެންޓާ ފޮ އެކްސެލެންސް އިން އިސްލާމިކް ފައިނޭންސްގެ އެސިސްޓަންޓް ޕްރޮފެސަރު (އެކޮނޮމިކްސް އެންޑް ފައިނޭންސް)، ޕްރޮގްރާމް ޑިރެކްޓަރު (އެމްއެސް އިސްލާމިކް ބޭންކިން އެންޑް ފައިނޭންސް) އަދި ކޯޑިނޭޓަރު (ރިސާޗް އެންޑް އެކެޑެމިކްސް)އިސްލާމިކް ފައިނޭންސް ޔަންގް ޕްރޮފެޝަނަލް އެވޯޑް: ބަސްމާ ނިޒާރު/ މޯލްޑިވްސް އިސްލާމިކް ބޭންކުގެ ޝަރީއާ ޔުނިޓްގެ ޑެޕިއުޓީ މެނޭޖަރު
  • އިސްލާމިކް ފައިނޭންސް ޔަންގް ޕްރޮފެޝަނަލް އެވޯޑް:
    • ބަސްމާ ނިޒާރު/ މޯލްޑިވްސް އިސްލާމިކް ބޭންކުގެ ޝަރީއާ ޔުނިޓްގެ ޑެޕިއުޓީ މެނޭޖަރު
  • މެންޓޯ އެވޯޑް ފޮ ޑިވެލޮޕިން ފީމޭލް ޓެލެންޓް ޕޫލް އިން އިސްލާމިކް ފައިނޭންސް:
    • މުހައްމަދު ޒުބައިރު/ އަލްހުދާ ސެންޓަރު ފޮ އިސްލާމިކް ބޭންކިން އެންޑް އެކޮނޮމިކްގެ ޗީފް އެގްޒެކެޓިވް އޮފިސަރު

ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ޝީރީން އަށް ލިބިވަޑައިގަތީ، ސަރުކާރުގެ އެކި ވުޒާރާތަކުގައި 40 އަށްވުރެ ގިނަ އަހަރު ވަންދެން ހިދުމަތް ކޮށްދެއްވައިފާތީ އެވެ.

އެގޮތުން 1973 ވަނަ އަހަރު ސަރުކާރަށް ހިދުމަތް ކުރައްވަން ފެއްޓެވި ޝީރީން އަކީ، 19 އަހަރު ވަންދެން (ޑިސެމްބަރު 1986 އިން ފެބްރުއަރީ 2005) އަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައިވާ އަދި ކުރީގެ އެޓޯލް އެޑްމިނިސްޓްރޭޝަން މިނިސްޓްރީ އާއި ހެލްތު އެންޑް ޖެންޑާ މިނިސްޓްރީ އަދި ލޯ އެންޑް ޖެންޑާ މިނިސްޓްރީގެ އިސް މަގާމުތަކެއް ފުރުއްވުމުގެ އިތުރުން ނޭޝަނަލް ތެލަސީމިއާ ސެންޓަރު ހިންގެވި ކަނބަލެކެވެ.

ކޯޕަރޭޓް ސެކްޓާއަށް ބަލާއިރު ޝީރީން ވަނީ ބޭންކް އޮފް މޯލްޑިވްސް ބޯޑް އޮފް ޑިރެކްޓަރުންގެ މެމްބަރުކަމާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓުރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ބޯޑް އޮފް ޑިރެކްޓަރުންގެ މެމްބަރުކަން ކުރައްވައިފައެވެ.

ކޯޕަރޭޓް ގަވާނެންސްގެ ބައިން ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބިވަޑައިގަތް މެލޭޝިއާގެ ޝަރީފާ އަނިސާ ބަރަކްބާ އަކީ މެލޭޝިއާގެ ރައްޔިތުންގެ ސިއްހަތާއި ޒީނަތްތެރިވުމުގެ ދާއިރާއަށް 50 އަށްވުރެ ގިނަ މުއްދަތަކަށް ހިދުމަތްކޮށްދީފައިވާ މާހިރެކެވެ.

ރޭ ބޭއްވި ވޮބްގެ އެނުއަލް އެވޯޑް ހަފްލާގެ ތެރެއިން --- ފޮޓޯ/ ޕީއެސްއެމް

އެގޮތުން 1965 ވަނަ އަހަރުން ފެށިގެން އަނިސާ އަކީ އަމިއްލައަށް އިސްނަގައިގެން އޭނާއަށް އާއިލާގެ ފަރާތުން ވާރުތަ ވެފައިހުރި ހެލްތު އެންޑް ބިއުޓީ ކެއާގެ އިލްމު ބޭނުން ކޮށްގެން އަންހެނުންނަށް ދިމާވާ އެކިކަހަލަ ސިއްހީ ކަންކަމަށް ފަރުވާ ހޯދައި، އަންހެނުންގެ ދުޅަހެޔޮކަމަށް އާންމުން ހޭލުންތެރިކަމަށް މަސައްކަތްކުރަމުންދާ ކަނބަލެކެވެ.

އެގޮތުން 1983 ވަނަ އަހަރު، އާންމުންގެ ގިނަ ބައެއްގެ އެދުމެއްގެ މަތިން، ދަރިމައިވުމުގެ ކުރިން ބޭނުންވާ ފަރުވާއާއި ހޯމޯނަލް އަދި ދަރިމައިވުމުގެ މައްސަލަތައް ފަދަ ދާއިރާތަކަށް ހާއްސަ ކޮށްގެން އަންހެނުންނަށް ފަރުވާދޭ ހާއްސަ ސެންޓަރެއް ރަސްމީކޮށް އޭނާ ހުޅުވި އެވެ.

އަދި 1991 ވަނަ އަހަރު އާއިލާއާއެކު އެމްއައިއެސްބީގެ ނަމުގައި ފަތްޕިލާވެލީގެ ޕްރޮޑަކްޓުތައް އުފައްދައި މާކެޓް ކުރުމަށް ހާއްސަ އާލާތްތަކަކާއެކު ފެކްޓަރީއެއް ގާއިމްކުރި އެވެ.

އަދި އެ ވިޔަފާރީގެ ދަށުން ޕްރޮޑަކްޓް ރިސާޗް އެންޑް ޑިވެލޮޕްމަންޓް ޑިވިޝަންގެ އެޑްވައިޒަރު އަދި ކޮންސަލްޓަންޓުގެ މަގާމާއި އުފެއްދުންތައް ޕްރޮމޯޓް ކުރުމުގައި އެޑްވައިޒާ އަދި ތަރުޖަމާނުގެ ދައުރު އޭނާ އަދާކުރި އެވެ.

އޭގެ އިތުރުން އަނިސާ އަކީ މެލޭޝިއާގެ އިތުރުން މުޅި ދުނިޔޭގައި ވެސް ފުރަތަމަ ފަހަރަށް މެލޭ ސްޕާ ވުޖޫދަށް ގެނައި ކަނބަލެކެވެ.

މިއަދު މެލޭ ސްޕާއަކީ މެލޭޝިއާގެ ވައިޓީއެލް ގުރޫޕުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ފަސްތެރީގެ ހޮޓެލް ރިސޯޓުތަކުގައި ލިބެމުންދައި، ބައިނަލްއަގްވާމީ ގިނަ އެވޯޑްތަކެއް ހާސިލް ކުރަމުންދާ ހިދުމަތެކެވެ.

comment ކޮމެންޓް