އިސްލާމިން ފައިނޭންސްގެ ދާއިރާ އިން އަންހެނުންގެ ބައިވެރިވުން އިތުރުކޮށް ތަރައްގީ ކުރުމުގެ މަގުސަދުގައި ވިމެން އޮން ބޯޑްސް ޖަމިއްޔާ އާއި މޯލްޑިވްސް ސެންޓަރ ފޯ އިސްލާމިކް ފައިނޭންސް ގުޅިގެން އެމްއޯޔޫ އެއްގައި މިއަދު ސޮއިކޮށްފި އެވެ.
އެއްބަސްވުމުގައި މޯލްޑިވްސް އިސްލާމިކް ފައިނޭންސްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ދީދީ އެވެ. ވިމެން އޮން ބޯޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ބޯޑުގެ ރައީސާ ފާތިމަތު ޝަފީގާ އެވެ.
މިއަދު ސޮއި ކުރި އެއްބަސްވުމުގެ ދަށުން އިސްލާމިކް ފައިނޭންސްގެ ދާއިރާ އިން ހަރަކާތްތެރިވާ އަންހެނުންގެ ދަފްތަރެއް ބެލެހެއްޓުމާއި، އިސްލާމިކް އިކޮނޮމިކްސް އަށް އަންހެނުން ހޭލުންތެރި ކުރުވައި، އެ ދާއިރާތަކަށް އަންހެނުން ނެރުމަށް ހިތްވަރު ދިނުމާއި އަދި އިސްލާމިކް މައިކްރޯފައިނޭންސްގެ ދާއިރާ އިން އަންހެނުން އަހުލުވެރިކޮށް ބާރުވެރި ކުރުމަށް ގުޅިގެން މަސައްކަތް ކުރުން ހިމެނެ އެވެ.
އޭގެ އިތުރުން ސެންޓަރ ފޯ އިސްލާމިކް ފައިނޭންސްގެ ފަރާތުން ނެރޭ އިސްލާމިކް ފައިނޭންސް މަޖައްލާގައި ޝާއިއު ކުރާ ލިޔުންތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، މަޖައްލާއަށް އިސްލާމިކް އިކޮނޮމިކްސް އާ ގުޅުންހުރި އާޓިކަލްތައް ލިޔެ ތައްޔާރުކޮށްދިނުމާއި، އިސްލާމިކް އިކޮނޮމިކްސްގެ ދާއިރާތަކުން ދިރާސާ ކުރުމާއި މައުލޫމާތު ހޯދައި ބެލެހެއްޓުން ވެސް ހިމެނެ އެވެ.