ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނާޒިމް މިހާރު ހުންނެވީ އިނގިރޭސިވިލާތުގައި ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އުމަރު ވިދާޅުވީ ނާޒިމް އިނގިރޭސިވިލާތުގައި ހުންނެވިކަން މިހާރު ކަށަވަރު ކުރެވިފައިވާ ކަމަށާއި އޭނާ ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަޙްމަދު ނާޒިމް މިހާރު ހުރީ އިނގިރޭސިވިލާތުގައިކަން އަޅުގަނޑުމެންނަށް ވަނީ ކަށަވަރު ކުރެވިފައި. އޭނާ ރާއްޖެ ގެނައުމުގެ މަސައްކަތް މިދަނީ ކުރަމުން. އެއީ ވަރަށް ލޯންގު ޕްރޮސެސްއެއް
ހޯމް މިނިސްޓަރު އުމަރު ނަސީރު
އުމަރު ވިދާޅުވީ ސިންގަޕޫރުގައި ބޭސްފަރުވާކުރަން ދިން ހުއްދައިގެ ދަށުން އެގައުމުގައި ހުންނެވުމަށްފަހު ނާޒިމް އިނގިރޭސިވިލާތައް ވަޑައިގަތީ ކިހިނަކުންތޯ ބެލުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.
މޯލްޑިވްސް އިމިގްރޭޝަންގެ އިންފޮމޭޝަން އޮފިސަރު ހަސަން ޚަލީލް ވިދާޅުވީ ބޭސްފަރުވާ އަށް ސިންގަޕޫރަށް ވަޑައިގަތުމަށް އެ އިދާރާ އިން ނާޒިމަށް ދޫކުރީ ވަގުތީ ޓްރެވަލް ޑޮކިއުމެންޓެއް ކަމަށެވެ. އޭގެފަހުން ދަތުރުކުރެވޭނެ އެއްވެސް ޑޮކިއުމެންޓެއް އަދި ޕާސްޕޯޓު ވެސް ނާޒިމަށް ދޫކޮށްފައިނުވާނެ ކަމަށް ޚަލީލް ވިދާޅުވި އެވެ.
ނާޒިމް ސިންގަޕޫރަށް ވަޑައިގަތީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރީކޮޅު އެވެ. ނަމަވެސް އޭނާ އިނގިރޭސިވިލާތަށް ވަޑައިގަތީ ކޮން އިރަކު ކަމެއް ސަރުކާރުގެ އެއްވެސް އިދާރާއަކުން އަދި ބުނެފައެއް ނުވެއެވެ.
ނާޒިމް 25 އަހަރަށް ޖަލަށްލުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ މަކަރާއި ހީލަތުން ސަރުކާރުގެ ޕްރޮޖެކްޓެއް އޭނާ ކާމިޔާބު ކުރިކަން ޝަރީއަތަށް ސާތުވުމުންނެވެ.