އެމްޑީޕީން ބައިވެރިނުވާން ނިންމުމުން މިރޭ ކުރިޔަށް ގެންދާން ނިންމައިފައި އޮތް ސަން ޓީވީގެ "ސަން ބަހުސް" ޕްރޮގްރާމް ކެންސަލްކޮށްފި އެވެ. ސަން ބަހުސް އަކީ ސަން ޓީވީން ކޮންމެ ބުދަ ދުވަހެއްގެ ރޭ 10:00 ގައި ގެނެސްދޭ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމް ސަން ޓީވީން ފަށާފައި ވަނީ މިދިޔަ މާޗު މަހުގެ ތެރޭގަ އެވެ.
މިރޭގެ " ސަން ބަހުސް" އަށް ސަން ޓީވީން ކަނޑައަޅާފައި އޮތް މައުޟޫ އަކީ "ބޭރު ގައުމުތަކުގައި ރާއްޖޭގެ އަގު ވައްޓައިލާން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރޭހޭ؟" އެވެ.
މިރޭގެ ބަހުސް ޕްރޮގްރާމަށް އެމްޑީޕީން މެހެމާނުން ހަމަޖައްސަވައިދެއްވެން ނެތް ކަމަށް އެ ޕާޓީން އެންގީ ރޭ ފޮނުއްވި އެސްއެމްްއެސް އަކުންނެވެ. އެ ޕާޓީގެ މީޑީއާ ޓީމުގެ އޮފިޝަލަކު ސަން އަށް ރޭ ފޮނުއްވި އެ މެސެޖުގައި ވަނީ، "އާންމު ބަހުސް ތަކުގައި ބައިވެރިވުމަކީ ޕާޓީގެ ސްޓޭންޑް އާއި ޚިލާފު ކަމެއް" ކަމަށެވެ.
އެ މެސެޖު ލިބުމުގެ ކުރީން ސަން އާ ވާހަކަދައްކަވަމުން އެމްޑީޕީގެ މީޑިއާ ކޮމެޓީގެ ހެޑް އާމިނަތު ޝައުނާ ވިދާޅުވީ، އެ ޕާޓީ ސަން ޓީވީ އާ އަދި އެހާ ފަރިތަ ނޫން ކަމަށާއި އެހެން ކަމުން އުނދަގޫތަކެއް އެބަ ހުރި ކަމަށެވެ.
ސަން ބަހުސް ގެ ތިން ޕްރޮގްރާމް ނިމިފައިވާ އިރު އެ ތިން ޕްރޮގްރާމަށް ވެސް އެމްޑީޕީން ކުރީން ވަނީ މެހެމާނުން ހަމަޖައްސަވައިފަ އެވެ.
މިރޭގެ ބަހުސް ޕްރޮގްރާމަށް ސަން ޓީވީގެ ފަރާތުން ފުރުސަތު ދިނީ އެމްޑީޕީ އަށާއި ޕީޕީއެމް އަށެވެ. ޕީޕީއެމުން ވަނީ މިރޭގެ ބަހުސަށް ދެ ނަމެއް ފޮނުއްވައިފަ އެވެ.
ސަން ޓީވީގެ އޮފިޝަލަކު ވިދާޅުވީ ކުރިޔަށް އޮތް ދުވަސް ތަކުގައި ސަން ބަހުސް ގައި ބައިވެރިވުމާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމަވާނޭ ކަމަށް އެމްޑީޕީން ވިދާޅުވެފައިވާ ކަމަށެވެ.
މިރޭގެ ބަހުސް އަށް މެހެމާނުން ފޮނުއްވެން ނެތް ކަމަށް ރަސްމީ ގޮތުން އެމްޑީޕީން އެންގެވި އިރު އަމިއްލަ ހައިސިއްޔަތުން ސަން ޓީވީ އަށް ގުޅުއްވައި އެ ޕާޓީގެ ބައެއް ބޭފުޅުން ވަނީ މިރޭގެ ބަހުސަށް އަރައިވަޑައިގަތުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ. އެހެން ނަމަވެސް އެބޭފުޅުން ވިދާޅުވީ އެކަން ކުރެވޭނީ ޕާޓީން ރަސްމީކޮށް އެންގެވުމުން ކަމަށާއި އެބޭފުޅުން ތިއެްބެވީ ސަން ބަހުސް ގައި ބައިވެރިވެވަޑައިގަތުމަށް ތައްޔާރަށް ކަމަށެވެ.