ހަވީރު ނޫސް އެޖެންސީގައި ޒާހިރު ހުސައިންގެ ހިއްސާއެއް ނޯންނާނެ: ވަކީލު

މުހައްމަދު ޒާހިރު ހުސައިން ----

ހަވީރު ނޫސް އެޖެންސީގައި ހ. ނީލްވިލާ ޑރ. މުހައްމަދު ޒާހިރު ހުސައިންގެ ހިއްސާއެއް ނޯންނާނެ ކަމަށް ޒާހިރު ހުސައިންގެ ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.

ސުއޫދު މިހެން ވިދާޅުވީ ޒާހިރު ހުސައިނާ ދެކޮޅަށް ހަވީރު ނޫސް އެޖެންސީގެ ތިން ހިއްސާދާރުން ކަމުގައިވާ ގ. ކޮއްގިރި އަބްދުﷲ ފާރޫގު ހަސަނާއި ހ. މީރުބަހާރުއާގޭ އިބްރާހީމް ރަޝީދު މޫސާ އާއި ހ. ޓައިމްލެސް މުހައްމަދު ނައީމް ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގަ އެވެ.

ހަވީރު ނޫސް އެޖެންސީގެ ކޮޕީއެއް ހުށަހެޅުއްވުމަށްފަހު ސުއޫދު ވިދާޅުވީ 11 އޮގަސްޓު 1983 ވަނަ އަހަރު ހަދާފައިވާ އެ ރަޖިސްޓްރީގައިވާގޮތުން އެ އެޖެންސީގެ ހިއްސާރުންނަކީ އަބްދުﷲ ފާރޫގު ހަސަނާއި އިބްރާހީމް ރަޝީދު މޫސާ އާއި މުހައްމަދު ނައީމް ކަމަށެވެ. އެހެންކަމުން ޒާހިރު ހުސައިނަކީ އެ އެޖެންސީގެ މީހެއް ކަމުގައިނުވާތީ އެ އެޖެންސީ ހިންގިގޮތާއި ކުރި ޚަރަދާއި ލިބުނު އާމްދަނީ އެނގޭނީ އެ ތިން ބޭފުޅުންނަށް ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ގާޒީ މުހައްމަދު ހަލީމް ވަނީ "ހަވީރު" ގެ އިންވެންޓްރީ ލިސްޓު ދެން އޮންނަ ޝަރީއަތުގެ މަޖިލީހަކަށް ހުށަހެޅުމަށް ޒާހިރު ހުސައިންގެ ވަކީލަށް އަންގާފައެވެ.

ހަވީރު މީޑިއާ ގްރޫޕްގެ ގާނޫނީ ވަކީލު މިއަދު ވިދާޅުވީ ހަވީރު އޮންލައިނަކީ ހަވީރު މީޑިއާ ގްރޫޕްގެ އެއްޗެއް ނޫން ކަމަށް އެއްވެސް ކޯޓަކުން ކަނޑައަޅާފައިނުވާ ކަމަށެވެ.

އެވާހަކައަށް ރައްދުދެއްވައި އަބްދުﷲ ފާރޫގު ހަސަނާއި އިބްރާހީމް ރަޝީދު މޫސާ އާއި މުހައްމަދު ނައީމްގެ ގާނޫނީ ވަކީލު ވިދާޅުވީ ހައިކޯޓުން ކޮށްފައިވާ ހުކުމްގައި ހަވީރު އޮންލައިންގައި އެ ތިން ބޭފުޅުންގެ ހިއްސާ އޮތް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

comment ކޮމެންޓް