އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ ލެސްޓާ ސިޓީ އާއި ވެސްޓް ހަމް ޔުނައިޓެޑް ބައްދަލުކުރި މެޗު އެނބުރިގެން ދިޔައީ ލެސްޓާގެ ޖެމީ ވާޑީއަށް ދެއްކި ރަތް ކާޑުގެ ސަބަބުން ކަމަށް އެ ޓީމްގެ ކޯޗު ކުލައުޑިއޭ ރަނިއެރީ ބުނެފިއެވެ.
ރޭގެ މެޗު 2-2ގެ ނަތީޖާ އަކުން އެއްވަރުވެ ލިބުނު އެއް ޕޮއިންޓާއި އެކު ކުޅުނު 34 މެޗުން 73 ޕޮއިންޓް ލިބިގެން ލެސްޓާ އަދިވެސް އޮތީ ތާވަލުގެ އެއްވަނައިގައެވެ. އެއް މެޗު މަދުން ކުޅެ ޓޮޓެންހަމް ހޮޓްސްޕާ ދެވަނައިގައި އޮތީ 65 ޕޮއިންޓާ އެކު އެވެ. ނަމަވެސް ޓޮޓެންހަމް މިރޭ ސްޓޯކް ސިޓީއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބް ކޮށް އެ ޓީމަށް ލެސްޓާއާ ދެމެދު އޮތް ފަރަގު ފަސް ޕޮއިންޓަށް ކުޑަކުރުމުގެ ފުރުސަތު ލިބޭނެއެވެ.
ލެސްޓާގެ ކިންގް ޕަވާ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި އެޓީމުން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 18 ވަނަ މިނެޓްގައި ޖޭމީ ވާޑީ ވަނީ ލެސްޓާއަށް ލީޑުނަގައިދީފައެވެ.

އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ ލެސްޓާ އާއި ވެސްޓް ހަމް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
ފުރަތަމަ ހާފް ލެސްޓާ ލީޑުގައި އޮވެ ނިމުނުއިރު، ދެވަނަ ހާފްގެ ކުރީކޮޅު ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑާއެކު ލެސްޓާގެ ވާޑީއަށް ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ. އޭނާ އަށް ދެވަނަ ރީނދޫ ކާޑެއް ރެފްރީ ދެއްކީ، ވެސްޓް ހަމްގެ ޕެނަލްޓީ އޭރިއާ ތެރެއަށް ގަސްތުގައި ޑައިވް ކުރިކަމަށް ބަލާފައެވެ.
"އެ ހިސާބުން މެޗު އެނބުރިގެން ދިޔައީ. ރެފްރީގެ ނިންމުމާ މެދު ބުނާނެ އެއްޗެއް ނެތް. މެޗު ފެށިގެން ގޮސް ރަތް ކާޑަށް ފަހު 10 ކުޅުންތެރިންނާއި އެކު ކުޅުނު އިރު ވެސް ޓީމުގެ ފަރާތުން ފެނުނު ކުޅުމާއި މެދު ވަރަށް ހިތްހަމަ ޖެހޭ،" ރަނައެރީ ބުންޏެވެ.

އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ ލެސްޓާ އާއި ވެސްޓް ހަމް ކުޅުނު މެޗުގައި ވާޑީ ވެއްޓެނީ: ރެފްރީ އެއީ ޑައިވްއެއް ކަމަށް ބަލައި އޭނާ އަށް ވަނީ ދެވަނަ ރީނދޫ ކާޑާއި އެކު ރަތް ކާޑު ދައްކާފައި --- ފޮޓޯ: އޭޕީ
މެޗުގެ ބާކީބައި 10 ކުޅުންތެރިންނާއެކީ ލެސްޓާއިން ފުރިހަމަކުރަން ޖެހުނުއިރު، މެޗުގެ 84 ވަނަ މިނެޓްގައި ވެސްޓްހަމްއަށް ލިބުނު ޕެނަލްޓީއަކުން، އެންޑީ ކެރޯލް ވަނީ އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި އޭގެ ދެ މިނެޓްފަހުން އާރޮން ކްރެސްވެލް ކާމިޔާބުކޮށްދިން ގޯލާއި އެކު ވެސްޓްހަމްއަށް މެޗުގެ ލީޑުލިބުނެވެ.
މި މެޗުން ލެސްޓާ ބަލިނުވެ ސަލާމަތްވީ، މެޗުގެ ފަހުވަގުތު އެޓީމަށް ލިބުނު ޕެނަލްޓީ އަކުންނެވެ. އެ ޕެނަލްޓީ ވެސްޓް ހަމްގެ ގޯލުގެ ތެރެއަށް ވައްދާލީ ހޯޒޭ ލިއަނާޑޯ އުޖޯއާ އެވެ.