ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު، އޮޕަރޭޝަން ކުރައްވަން އަންގާރަ ދުވަހު އެޑްމިޓްވާނެ ކަމުގެ ލިޔުމެއް ލިބިވަޑައިގެންފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ގއ. ގެމަނަފުށީ ބަނދަރު ހުޅުވުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ހުކުމެއް ތަންފީޒުކުރާ ބޭފުޅަކަށް ކުރީގެ ރައީސް ނަޝީދު ވެވަޑައިގެންފައިވީޔަސް އެމަނިކުފާނުގެ ބޭސްފަރުވާގެ ކަންކަން ސަރުކާރުން ފަސޭހަ ގޮތަކަށް ހަމަޖައްސާވާ ދެއްވާފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ލިޔުންތައް އައީ މައިބަދައަށް ކޮންމެވެސް އިންޖެކްޝަންތަކެއް ޖަހާ ވާހަކަ. ދެން އެކަން ކުރެވިދާނެ އެހާ ދުރަށް ވަޑައިނުގަތަސް. ނަމަވެސް އަޅުގަނޑުމެން އެކަން ފަސޭހަކޮށްދިނީ. މިހާރު އަޅުގަނޑަށް ލިޔުންތަކެއް ފޮނުއްވާފައި އެބަ ވިދާޅުވޭ މިމަހުގެ 19 ވަނަ ދުވަސް އާދެ ދެ ދުވަހެއް ފަހުން އެމަނިކުފާނު ސާޖަރީއަށް އެޑްމިޓްވާންޖެހޭ ކަމަށް. އަޅުގަނޑުގެ ގޮތަކީ ހަމަ އެކަން ކުރައްވަން އެމަނިކުފާނަށް ދޫކޮށްލުން. މީހެއްގެ ބޭސްފަރުވާ ހިފަހައްޓާކަށް އަޅުގަނޑު ނެތިން،" ރައީސް ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، ބޭސްފަރުވާގެ ކަންކަން ނިންމުމަށްފަހު ވީހާވެސް އަވަހަށް ނަޝީދު ރާއްޖެއަށް ވަޑައިގެން، "ޒިންމާދާރުކަމާއެކީ" އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރަން "ހިތްވަރު" ދޭ ކަމަށެވެ.
"އަޅުގަނޑު އެދެނީ އެމަނިކުފާނަށް އަވަސް ޝިފާއެއް. އެހެންވީމަ އެމަނިކުފާނު އޮޕަރޭޝަން ނިންމަވައިގެން ނަމަވެސް ރާއްޖެވަޑައިގެންދެއްވާށޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ނަޝީދު ބޭސްފަރުވާއަށް ބޭރަށްދާން ހުއްދަ ދިނުމުން ސަރުކާރު ހިންގާ ޕާޓީ ތެރެއިން ވެސް ހިތްހަމަނުޖެހުން އައި ކަމަށާއި ނަމަވެސް ރަނގަޅު ގޮތަކީ މުޅި ރައްޔިތުންގެ މަސްލަހަތު އިސްކުރުންކަމުގައި ވާތީ އެކަން އެގޮތަށް ކުރެއްވީ ކަމަށެވެ.
"މި ރައީސަކީ ވެސް ހުރެފައި ހަމަ މާދަމާ ވެސް ވަކިވާންހުރި ރައީސެއް. ނަމަވެސް މުޅި ދިވެހި ރައްޔިތުންގެ ހައްގުގައި މުޅި ތަނަށް ބޭނުންވާ މަސްލަހަތާ ސުލްހައިގެ ހައްގުގައި މިކަހަލަ ކަންތައްކުރަން ޖެހޭ. އެހެންވެ އަޅުގަނޑު ރައީސް ނަޝީދަށް އެ ފުރުސަތު އަރުވާފަ މި ދެންނެވީ މަނިކުފާނު ފަސޭހަފުޅުވެގެން ވަޑައިގަންނަވާށޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް އެހެން ވިދާޅުވި އިރު، ރައީސް ނަޝީދުގެ ވަކީލު ހަސަން ލަތީފް "ސަން"އަށް ވިދާޅުވީ، ރައީސް ނަޝީދުގެ ޑޮކްޓަރު އެފަދަ ވާހަކައެއް ވިދާޅުވެފައިނުވާ ކަމަށެވެ.
"ރައީސް ނަޝީދުގެ ޑޮކްޓަރު އެހެން ވިދާޅުވެފައެއް ނެތް. ދެން ރައީސް ޔާމީނަށް ތި މައުލޫމާތު ލިބުނު ގޮތެއް އަޅުގަނޑަކަށް ނޭނގޭ،" ހަސަން ލަތީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑޮކްޓަރުގެ ލިޔުން ސަރުކާރަށް ވެސް ރައީސް ނަޝީދުގެ ފަރާތްޕުޅުން ފޮނުވާފައިވާ ކަމަށާއި، އެ ލިޔުމަށް ރިއާޔަތް ކުރުމަށްފަހު ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދޭން ސަރުކާރުގައި އެދުމުން ބޭސްފަރުވާއަށް 30 ދުވަސް އިތުރުކޮށްދެއްވާފައިވާ ކަމަށެވެ.
ކޮމިޝަނާ އޮފް ޕްރިޒަންސް މުހައްމަދު ހުޝާމް "ސަން"އަށް ވިދާޅުވީ ރައީސް ނަޝީދު އިނގިރޭސިވިލާތުގައި ބޭސްފަރުވާ ކުރުމުގެ މުއްދަތު 30 ދުވަހަށް އިތުރު ކުރީ ގަވާއިދުގައި ބުނެފައިވާ ގޮތުގެމަތިން ބޭސްފަރުވާގެ ލިޔުންތައް އެމަނިކުފާނު ހުށަހެޅުއްވުމުން ކަމަށެވެ. ހުޝާމް ވިދާޅުވީ ބޭސްފަރުވާގެ ލިޔުންތައް ހޮސްޕިޓަލްގެ މެއިލް އެޑްރެހުން ރައީސް ނަޝީދު ކަރެކްޝަންސް އަށް ފޮނުއްވީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.
އޭނާ ވިދާޅުވީ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދިނުމަށް ރައީސް ނަޝީދުގެ ގާނޫނީ ވަކީލުން މީގެ ކުރިން އެތައްފަހަރަކު އެދުނު ކަމަށާއި ނަމަވެސް އެ ހުއްދަ ކުރިން ނުދިނީ ގަވާއިދުގައި ބުނެފައިވާ ލިޔުންތައް ހުށަނޭޅުމުން ކަމަށެވެ.
ރައީސް ނަޝީދުގެ ބޭސްފަރުވާގެ މުއްދަތު 30 ދުވަހަށް މިއަދު އިތުރުކޮށްފައިވާއިރު، މިމަހުގެ ހަ ވަނަ ދުވަހު ކަރެކްޝަންސް އިން ވަނީ އެމަނިކުފާނަށް ރާއްޖެ ވަޑައިގަތުމަށް އަންގާފަ އެވެ. އެފަހަރު އެގޮތަށް އެންގީ ބޭސްފަރުވާގެ ލިޔުންތައް ގަވާއިދުގައި ބުނެފައިވާގޮތަށް ހުށަނޭޅުމުންނެވެ.