ސަބްސިޑީއަށް ގެނައި ބަދަލުގެ ހަގީގަތް ޕާޓީތަކުން ދަނީ އޮޅުވާލަމުން: ރަފިއްޔާ

ދަރުބާރުގޭގައި އިއްޔެ އެމްޑީއޭ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރަފިއްޔާ ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ އިޙްތިޝާމް މުހައްމަދު

ކާޑުގެ ބާވަތްތަކުން ދެމުން އައި ސަބްސިޑީޒް ހަމައެކަނި ފަގީރުންނަށް ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން އެކަމުގެ ހަގީގަތް އޮޅުވާލުމަށް ބައެއް ސިޔާސީ ޕާޓީތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑު މެމްބަރު އަދި އެމްޑީއޭގެ ނައިބު ލީޑަރު އައިޝަތު ރަފިއްޔާ ވިދާޅުވެއްޖެ އެވެ.

މެގަ ޕްރޮޖެކްޓުތައް ގެންނަހާ ހިނދަކު، އެކަން ފެންނަހާ ހިނދަކު އަޅުގަނޑުމެން ތިބޭނީ ރައީސް ޔާމީނާއެކު، އެމްޑީއޭގެ ނައިބު ލީޑަރު އައިޝަތު ރަފިއްޔާ

އެމްޑީއޭއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރަފިއްޔާ ވިދާޅުވީ ބައެއް ސިޔާސީ ޕާޓީތަކުން އެފަދަ އޮޅުވާލުންތައް އޮޅުވައިލަނީ ސިޔާސީ މަގުސަދެއްގައި ކަމަށެވެ.

"ހަގީގަތް އޮޅޭ ގޮތަށް ބައެއް ސިޔާސީ ޕާޓީތަކުން، ސިޔާސީ ބޭނުމަކަށް މި ދަނީ ވަރަށް ބޮޑު އޮޅުވާލަމުން،" ރަފިއްޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގޭބީސީއަކަށް ދިހަ، ބާރަވަރަކަށް ކިލޯގެ ހަނޑޫ، ފުށް އަދި ހަކުރު ގަތުމަށް މިހާރު ހަރަދުކުރަން ޖެހެނީ 150 ނުވަތަ 160 ވަރަކަށް ރުފިޔާ ކަމަށާއި އެކަމުގައި ރައްޔިތުންނަށް ގެއްލުމެއް ނެތް ކަމަށެވެ.

ސަބްސިޑީގެ ޝަރުތުހަމަވާ ފަރާތްތަކަށް އެންސްޕާއިން ސަބްސިޑީޒް ދޫކުރާ ކަމަށާއި އެ ފުރުސަތު އޮތީ އަދިވެސް ހުޅުވާލާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް ގިނަ ފަރާތްތަކާ އަޅުގަނޑާ އަމިއްލައަށް ދެކެވުނު ވާހަކަތަކުގެ ތެރޭގައި ގޭބީސީއަކަށް ބަލާއިރު ދިހަ ވަރަކަށް ބާރަ ވަރަކަށް ކިލޯ ހަނޑޫ، ހަކުރު ފުށް މި އެއްޗިހީގެ ކަލްކިއުލޭޝަނަށް ބަލާއިރުގައި 150 ނުވަތަ 160 ވަރަކަށް ރުފިޔާ ހަގީގަތުގައި މި ސަބްސިޑީ ކަނޑާލީމަ ޚަރަދުކުރަން މި ޖެހެނީ. ސަރުކާރުން އެބަ ވިދާޅުވޭ 250 ރުފިޔާ 240 ރުފިޔާ ޑައިރެކްޓު ސަބްސިޑައިޒް ދެއްވާނެ ކަމަށް. އެހެންކަމަށް ވެއްޖެއްޔާ މީގަ ޑައިރެކްޓް ސަބްސިޑައިޒްގެ ގެއްލުމެއް ރައްޔިތުންނަކަށް ނުކުރާނެ،" ރަފިއްޔާ ވިދާޅުވިއެވެ.

ސަބްސިޑީޒް ކަނޑާލުމުން ވިޔަފާރިވެރިންނާއި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އެކަމުގެ އަސަރު ފޯރާނެ ކަމަށާއި ރައްޔިތުންނަށް ލިބެންޖެހޭ ސަބްސިޑީޒް ވިޔަފާރިވެރިންނަށް ލިބެންޖެހޭ ކަމަށް ގަބޫލު ނުކުރާ ކަމަށް ރަފިއްޔާ ވިދާޅުވި އެވެ.

"ނަމަވެސް ކަނޑައެޅިފައި އޮންނަ ގޮތުން އެބޭފުޅުންނަކީ ހަމަ އިކޮނޮމީސް އޮފް ސްކޭލެއްގައި އެބޭފުޅުން ދައްކަންޖެހޭ ޓެކްސްތަކާއި އެއްޗިހި ދައްކައިގެން ހަގީގަތުގައި އަޅުގަނޑުމެންނަށް އާންމު ރައްޔިތުންނަށް. ވިޔަފާރި ނުކުރާ އެންމެ އާދައިގެ ރައްޔިތު މީހާ އަށް ލިބެންޖެހޭ އެއްޗެއް އަޅުގަނޑު ގަބޫލެއް ނުކުރަން އޭތި ވިޔަފާރިކުރާ އެންމެ މަތީ ފަންތީގެ ބޭފުޅުންނަށް ވެސް ލިބެންޖެހޭނެ ކަމަކަށް،" ރަފިއްޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޑީއޭ އިން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ވެސް ފުއްދަމުންދާތަން މިއަދު ފެންނަމުންދާ ކަމަށެވެ. އަދި ޕީޕީއެމްގެ މެނިފެސްޓޯ ވެސް ތަންފީޒުވަމުން އަންނަތަން ފެންނަމުންދާ ކަމަށް ރަފިއްޔާ ވިދާޅުވި އެވެ.

comment ކޮމެންޓް