ނަޒާހަތްތެރިކަން އިތުރުކުރަން ޓީޗަރުން ހޭލުންތެރިކުރުވަން ފަށައިފި

ނަޒާހަތްތެރިކަން އިތުރުކުރަން ޓީޗަރުން ހޭލުންތެރިކުރުވަން ފެށި ޕްރޮގްރާމްގެ ތެރެިއން --- ފޮޓޯ/ އޭސީސީ

ގައުމީ އެންޓި ކޮރަޕްޝަން ދުވަސް ފާހަގަކުރުމުގެ ގޮތުން ޓީޗަރުންގެ ނަޒާހަތްތެރިކަން އިތުރުކުރަން ހޭލުންތެރިކަމުގެ ޕްރޮގްރާމެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ފަށައިފި އެވެ.

ޓީޗަރުންގެ ނަޒާހަތްތެރިކަން އިތުރުކުރުމާއި އެކަޑަމިކް އިންޓެގްރިޓީ ޕްރޮމޯޓްކުރުމުގެ ގޮތުން ކުރިއަށްގެންދާ އެ ޕްރޮގްރާމް ފުވައްމުލަކުގެ ހަތަރު ސްކޫލެއްގެ ޓީޗަރުން ބައިވެރިވެފައިވެ އެވެ. އަދި މިއަދު އެކަނި ކުރިއަށްދާ އެ ޕްރޮގްރާމުގައި ކޮންމެ ސްކޫލެއްގެ ޓީޗަރުންނަށް ވަކިވަކިން ސެޝަންތައް ނަގައިދިނުމަށް ހަމަޖެހިފައިވާ ކަމަށް އޭސީސީ އިން ބުނެ އެވެ.

ކުރިއަށްގެންދާ ސެޝަންތަކުގައި ނަޒާހަތްތެރިކަމުގެ މުހިއްމުކަމާއި އާއްމު ހިދުމަތުގައި ނަޒާހަތްތެރިކަމުގެ މުހިއްމުކަމާއި އެކަޑެމިކް އިންޓެގްރިޓީގައި ހިމެނޭ މައިގަނޑު އަސާސްތަކުގެ އިތުރުން ދަރިވަރުންގެ ކިބައިގާ ނަޒާހަތްތެރިކަން އާލާކުރުވުމާއި ސްކޫލްތަކުގައި ނަޒާހަތްތެރިކަން އާލާކުރުވުމާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރެވޭނެ އެވެ.

ކޮންމެ އަހަރެއްގެ ވެސް އޭޕްރިލް 21 ވަނަ ދުވަހު ފާހަގަކުރާ ގައުމީ އެންޓި-ކޮރަޕްޝަން ދުވަސް މިއަހަރު ފާހަގަކުރަމުން ދަނީ ޏ.ފުވައްމުލަކުގަ އެވެ.

އެގޮތުން، ސްކޫލް ދަރިވަރުންގެ މެދުގައި ނަޒާހަތްތެރިކަން އިތުރުކޮށް ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމުގެ ރޫހު އާލާ ކުރުމުގެ މަގުސަދުގައި އިއްޔެ ވަނީ ކުއިޒް މުބާރާތެއް ވެސް ބާއްވާފަ އެވެ.

ގައުމީ އެންޓި ކޮރަޕްޝަން ދުވަސް ފާހަގަކުރަނީ ރާއްޖޭ އިން ކޮރަޕްޝަން ނައްތާލުމަށް ކުރެވޭ މަސައްކަތް ރަސްމީ ސިފައެއްގައި ފެށުމުގެ ގޮތުން 21 އެޕްރީލް 1991 ގައި މުއައްސަސާއެއް އުފައްދައި މަސައްކަތް ފެށި ދުވަހާ ގުޅުވައިގެންނެވެ.

comment ކޮމެންޓް