މަސްތުވާތަކެއްޗަށް ޚާއްސަކޮށް ހިންގި އޮޕަރޭޝަންތަކުން ފުވައްމުލައް ސިޓީގައި އޮންނަ މަސްތުވާތަކެތީގެ ނެޓްވޯކުތައް މިދިޔަ އަހަރު ތެރޭގައި އެއްކޮށްހެން ނައްތާލެވިފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެެއްޖެއެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއްޔެ އިއްވެވި ރިޔާސީ ބަޔާނާ ގުޅިގެން ބޭއްވި 'ރިޔާސީ ބަޔާން 2025 ފޯރަމް' ގައި މިނިސްޓަރު އިހުސާން ވިދާޅުވީ، ފުލުހުންނާއި ކަސްޓަމްސްއާ އެކުވާ ޓާސްކްފޯހަކުން 'އިންޓެލިޖެންސް ބޭސްކޮށް' މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއް ހިންގަމުން އަންނަ ކަމަށެވެ.
އެގޮތުން، އަތޮޅުތަކަށް ޚާއްސަކޮށް، މަސްތުވާތަކެތީގެ އޮޕަރޭޝަންތައް ހިންގަމުން އަންނަ ކަމަށާއި އެކަމުގެ ބޭނުމަކީ ހުރިހާ ޑުރަގު ނެޓުވޯކުތަކެއް ނައްތާލުން ކަމަށް އިހުސާން ވިދާޅުވިއެވެ.
އޭގެތެރެއިން މިދިޔަ އަހަރު ކާމިޔާބުކަމާއެކު އެއް އަތޮޅު އަޅުގަނޑުމެން ވަނީ އެއްކޮށް ކަހަލަ ގޮތަކަށް ނިންމާފައި. ޏ. ފުވައްމުލައް.ހޯމް މިނިސްޓަރު އަލީ އިހުސާން
އެ ސިޓީގައި ޑުރަގު ކެފޭއެއްގެ ގޮތުގައި ހަދައިގެން މަސްތުވާތަކެތި ދެމުން ދިޔަ ތަންތަން ހުއްޓުވާފައިވާ ކަމަށާއި އެ ވިޔަފާރި އެންމެ އިސްކޮށް ކުރަމުން އައި މީހުން މަނީ ލޯންޑަރިންގެ ކުށުގައި ހައްޔަރުކޮށް، ގާނޫނުގައި ދެވެން އޮތް އެންމެ ހަރުކަށި އަދަބު މިހާރު ދެމުން އަންނަ ކަން މިނިސްޓަރު ހާމަކުރެެއްވިއެވެ.
ރާއްޖޭގައި ޑުރަގުގެ ވިޔަފާރީގައި އެންމެ އިސްކޮށް ތިބޭ ފަރާތްތަކުން އާންމުކޮށް އެ ވިޔަފާރި މި ކުރަނީ އެހެނިހެން ވިޔަފާރި ކުރިއަށް ނެރެގެން އޭގެ ފަހަތުގައި ތިބެގެން. އެމީހުން ޑުރަގު ހިފައިގެން ތަންތަނަށް ވިއްކާކަށް ނުއެއްދާނެ.ހޯމް މިނިސްޓަރު އަލީ އިހުސާން
އޭގެއިތުރުން، މިއަހަރު ވެސް އެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، 2023 ވަނަ އަހަރު ތެރޭ 600 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެވުނު ކަމަށެވެ. ނަމަވެސް، އެއާ ޚިލާފަށް ފާއިތުވި 2024 ވަނަ އަހަރު 1.2 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށާއި ބޯޑަރުތަކުން މަސްތުވާތަކެތި އެތެރެކުރަން ގެންގުޅޭ މަގުތައް ވެސް މިހާރު ބަންދުކޮށްފައިވާކަން މިނިސްޓަރު ހާމަކުރެއްވިއެވެ.
ފުވައްމުލަކުގެ ޑުރަގު ނެޓުވޯކުތައް އެއްކޮށްހެން ނައްތާލެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއިރު، އެ ސިޓީގައު ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ދެ މީހަކު މަނީ ލޯންޑާކުރި ކަމުގެ ކުށުގައި ކޯޓު އަމުރެއްގެ ދަށުން ވަނީ ހައްޔަރުކޮށްފައެވެ.
އެއީ ޏ. ފުވައްމުލަކު ދޫޑިގަން، ކަރަންކާވިލާ އުމުރުން 34 އަހަރުގެ އަޙުމަދު ނިއުޝާދާއި ޏ. ފުވައްމުލަކު ދޫޑިގަން، ޒަމާނީގެ އުމުރުން 29 އަހަރުގެ ޙަސަން ޢާޒިމެވެ.
ކުރިން ފުލުހުން ބުނީ، ތަހުގީގަށް ހޯދިފައިވާގޮތުން ފާއިތުވި ފަސް އަހަރުގެ ތެރޭގައި ނިއުޝާދުގެ ބޭންކު އެކައުންޓް މެދުވެރިކޮށް 21 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވާ ކަމަށެވެ. ފާއިތުވި ދެ އަހަރުގެ ތެރޭގައި އާޒިމްގެ ބޭންކު އެކައުންޓް މެދުވެރިކޮށް ހަތް މިލިއަނަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.