އެޕަލްއިން "ކުއިކްޓައިމް ޕްލޭޔާ"ގެ އަޕްޑޭޓްސް ވިންޑޯސްއަށް ދޫކުރުން ހުއްޓާލައިފި

ޓެކްނޮލޮޖީސް ކުންފުނި "އެޕަލް"އިން އެކުންފުނީގެ ޑިވައިސްތަކުގައި އޯޑިއޯ، ވީޑިއޯ އަދި އިންޓަރެކްޓިވް ކޮންޓެންޓު ޕްލޭ ކުރުމަށް އުފައްދާފައިވާ ކުއިކްޓައިމް މީޑިއާ ޕްލޭޔާއަށް ވިންޑޯސް އަޕްޑޭޓްސް އުފެއްދުން ހުއްޓާލައިފި އެވެ.

ވިންޑޯސް އަޅާފައި ހުންނަ ކޮމްޕިއުޓަރުތަކުގައި ވެސް ކުއިކްޓައިމް ބޭނުންކުރެވެ އެވެ. އެހެން ނަމަވެސް އެޕަލްއިން މިހާރު ވަނީ ވިންޑޯސް ކޮމްޕިއުޓަރުތަކުގައި އިންސްޓޯލް ކޮށްފައި ހުރި ކުއިކްޓައިމް ޕްލޭޔާތަކަށް އަޕްޑޭޓް ދޫކުރުން ހުއްޓާލާފަ އެވެ.

އެޕަލްއިން މިކަމާ ރަސްމީކޮށް ބަހެއް ބުނެފައި ނުވާ އިރު، މިކަން ކަށަވަރު ކޮށްދީފައި ވަނީ ކޮމްޕިއުޓާ ސެކިއުރިޓީ އެކްސްޕާޓުންތަކެއް ކަމުގައިވާ "ޒީރޯ ޑޭ އިނިޝިއޭޓިވް"އިންނެވެ.

ޒެޑްޑީއައިއިން ބުނީ، ކުއިކްޓައިމްގެ ވިންޑޯސް ވާޝަންގައި ދެ މައްސަލައެއް ފާހަގަވެގެން އެޕަލްއަށް ޝަކުވާ ހުށަހެޅުނު ކަމަށާއި، ނަމަވެސް ޖަވާބުގައި އެނގިގެން ދިޔައީ، މައްސަލައަށް ހައްލެއް ހޯދުމުގެ ބަދަލުގައި، އެ ސޮފްޓްވެއާ ކޮމްޕިއުޓަރުން ރިމޫވް ކުރުމުގެ އިރުޝާދުތައް އެޕަލްއިން ކޮމްޕިއުޓަރުތަކަށް ފޮނުވަން އުޅޭ ކަން ކަމަށެވެ.

ކުއިކްޓައިމް މީޑިއާ ޕްލޭޔާއަކީ ވިންޑޯސް ކޮމްޕިއުޓަރުތަކަށް ވުރެ ބޮޑަށް، އެޕަލްގެ ކޮމްޕިއުޓަރުތަކާއި ޑިވައިސްތަކުގައި ބޭނުންކުރާ ޕްލޭޔާ އެކެވެ. 1991 ވަނަ އަހަރު އެންމެ ފުރަތަމަ މި ޕްލޭޔާ ރިލީޒް ކުރެވުނު އިރު، ވިންޑޯސް ކޮމްޕިއުޓަރުތަކުގައި އިންސްޓޯލް ކުރެވޭ، ކުއިކްޓައިމް ވިންޑޯސް ވާޝަންއެއް ވެސް ވަނީ އެއާއި ވިދިގެން ތައާރަފު ކޮށްފަ އެވެ.

comment ކޮމެންޓް