އެޕަލްގެ އާ އައިއޯއެސް އަޕްޑޭޓްގައި ޗެޓްޖީޕީޓީ ހިމަނައިފިއެވެ.
އެޕަލް އިން އިއްޔެއިން ފެށިގެން އެ ކުންފުނީގެ އައިފޯނުތަކަށް އޯޕަންއޭއައިގެ ޗެޓްޖީޕީޓީ އިންޓެގްރޭޓް ކުރަން ފަށާފައިވާއިރު، މިއީ ގިނަ ދުވަސްތަކެއް ވަންދެން ޔޫޒަރުން އިންތިޒާރު ކުރަމުން އައި ފީޗާއެކެވެ.
މި ފީޗާގެ ސަބަބުން އެންމެ ފަހުގެ އައިފޯނުތަކުގެ ވިޔަފާރި ވަރަށްބޮޑަށް އިތުރުވާނެ ކަމަށް ޓެކް މާހިރުން އުންމީދު ކުރެއެވެ.
މި އަޕްޑޭޓަކީ އައިފޯނު، އައިޕެޑް އަދި މެކް ކޮމްޕިއުޓަރުތަކުގެ އޮޕަރޭޓިން ސިސްޓަމްތަކަށް ގެނެވުނު އެންމެ ފަހުގެ އަޕްޑޭޓްގެ ބައެކެވެ.
މި އަޕްޑޭޓްގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ހަދާފައިވާ ވަރަށް ގިނަ ޓޫލްތަކެއް ހިމެނެއެވެ.
ޖޫން މަހު އިޢުލާނު ކުރެވުނު އެޕަލް އިންޓެލިޖެންސްގެ ބައެއްގެ ގޮތުގައި ތަޢާރަފު ކުރެވުނު ޗެޓްޖީޕީޓީ އިންޓެގްރޭޝަނުން، ސިރީ ވޮއިސް އެސިސްޓަންޓަށް ޗެޓްބޮޓްގެ ހުނަރު ބޭނުންކުރެވޭނެއެވެ. މީގެ ތެރޭގައި ފޮޓޯތަކާއި ޕްރެޒެންޓޭޝަންތަކާ ގުޅޭ ސުވާލުތަކަށް ޖަވާބު ދިނުން ހިމެނެއެވެ.
މީގެ އިތުރުން، އައު ރައިޓިން ޓޫލްސް ފީޗާ ސަޕޯޓް ކުރާ އެޕްލިކޭޝަންތަކުގައި ޗެޓްޖީޕީޓީ ބޭނުންކޮށްގެން ލިޔުންތައް އުފެއްދުމާއި، ޗެޓްބޮޓްގެ އިމޭޖް ޖެނެރޭޝަން ޤާބިލިއްޔަތު ބޭނުންކޮށްގެން ފޮޓޯ އިތުރުކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
މި ފީޗާތައް ތަޢާރަފު ކުރެވެނީ އެޕަލްގެ އެންމެ ފައިދާ ބޮޑު ވިއްކުންތަކުގެ މޫސުމުގައެވެ.
އެޕަލް އިންޓެލިޖެންސް ފީޗާތައް ލަސްކޮށް ތަޢާރަފު ކުރުމުގެ ސަބަބުން އައިފޯން 16ގެ ވިއްކުންތަކަށް އަސަރު ކުރާނެ ކަމަށް ބުނެ ބައެއް އިންވެސްޓަރުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
މި އައު އޭއައި ފީޗާތައް ލިބެން ހުންނާނީ އެންމެ ފަހުގެ އައިފޯން 16 ސީރީޒްގެ އިތުރުން އައިފޯން 15 ލައިންއަޕްގެ ޕްރޯ އަދި ޕްރޯ މެކްސް ވާޝަންތަކުގައެވެ.
އަދި A17 ޕްރޯ ނުވަތަ M1 ޗިޕް އަދި އޭގެ ފަހުގެ ޗިޕްތައް ހިމެނޭ އައިޕެޑްތަކާއި، M1 ޗިޕް އަދި އޭގެ ފަހުގެ ޗިޕްތައް ހިމެނޭ މެކް ކޮމްޕިއުޓަރުތަކުގައި ވެސް މި ފީޗާތައް ބޭނުން ކުރެވޭނެއެވެ.