ދިވެހިބަހުގެ އެކެޑެމީ އިނާމާއި، އެކެޑެމީ ޝަރަފު އިފްތިތާހު ކޮށްފި

ދިވެހިބަހުގެ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/މުއާވިޔަތު އަންވަރު

ދިވެހިބަހާއި، ދިވެހި އަދަބިއްޔާތަށާއި ތާރީޚަށް އެކި ގޮތްގޮތުން ޚިދުމަތް ކޮށްދެއްވާ ފަރާތްތަކަށް ހިތްވަރުދީ، އެފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދިވެހިބަހުގެ އެކެޑެމީއިން އެ އެކެޑެމީ އިނާމާއި، އެކެޑެމީ ޝަރަފު އިފްތިތާހު ކޮށްފި އެވެ.

އެކެޑެމީއިން ތައާރަފު ކުރި "އެކެޑެމީ ޝަރަފު" އަކީ، ދިވެހިބަހަށް އެކިއެކި ޚިދުމަތް ކޮށްދީފައިވާ ފަރާތްތަކަށް އެކެޑެމީގެ ފަރާތުން އަރުވާ ޝަރަފެކެވެ.

މި ޝަރަފު ދެވެނީ ތިން ގިންތި އަކުންނެވެ.

ފުރަތަމަ ގިންތި އަކީ ބަހާއި ތާރީޚާއި ސަގާފަތާއި އާދަކާދައިގެ ރޮނގުން މަސައްކަތް ކޮށްދޭ ފަރާތްތަކަށް އަރުވާ ޝަރަފެވެ. މި ޝަރަފު އަރުވަނީ ތިން ދަރަޖައަކުންނެވެ. އެ ތިން ދަރަޖައަކީ އެކެޑެމީ ޝަރަފުގެ ރަން ފަތާއި، ރިހި ފަތާއި ސުވާސާ ފަތެވެ.

މި ޝަރަފުގެ ދެވަނަ ގިންތިއަކީ ސާނަވީ އަދި މަތީ ސާނަވީ އިމްތިހާނުން ދިވެހި މާއްދާއިން އޭ ސްޓާ ހޯދާ ދަރިވަރުންނަށް ދޭ "މަދަރުސީ ޝަރަފު" އެވެ. މި ޝަރަފުގެ ރަމްޒަކަށް ދެވެނީ ރަން ތަރިއެކެވެ.

ތިންވަނަ ޝަރަފަކީ ދިވެހިބަހުގެ އެކެޑެމީއިން ކުރިޔަށް ގެންދާ މުބާރާތްތަކުން އެއްވަނައަށް އަންނަ ފަރާތްތަކަށް ދޭ "އެކެޑެމީގެ ރަން ތަރީގެ ޝަރަފު" އެވެ. މި ޝަރަފުގެ ރަމްޒަކަށް ދެނީ ރަން މެޑައްޔެކެވެ.

މިރޭ ވަނީ، ދިވެހިބަހުގެ އެކެޑެމީ އިނާމު ވެސް އިފްތިތާހު ކޮށްފަ އެވެ. މި އިނާމަކީ ދިވެހިބަހާއި ތާރީޚާއި ސަގާފަތް ދަމަހައްޓައި، ކުރިއަރުވަން މަސައްކަތް ކުރާ ވަކިވަކި ފަރުދުންނާއި ޖަމާއަތްތަކުގެ އަގު ވަޒަންކޮށް، ހިތްވަރުދިނުމަށް ދޭ އިނާމެކެވެ.

މި އިނާމު ފަރުމާ ކުރެވިފައި ވަނީ، ދެވޭ އެވޯޑުން ދިވެހިބަހާއި ތާރީޚާއި ސަގާފަތުގެ އެކިއެކި އަސަރުތަކާއި ފަރުމާތައް ފެންނާނެ ފަދަ ގޮތަކަށެވެ.

މި އިނާމު ދެނީ ތިން ދާއިރާއަކުންނެވެ. ކޮންމެ ދާއިރާއެއްގައި ތަފާތު ރޮނގުތަކެއް ހުރެ އެވެ.

ފުރަތަމަ ދާއިރާއަކީ "ދިވެހިބަހުގެ ދާއިރާ" އެވެ. މި ދާއިރާއިން އިނާމު ދެވެނީ ބަހަވިއްޔާތުގެ ރޮނގުންނާއި، ބަހުގެ ގަވައިދުގެ ރޮނގުންނާއި، ބަހުގެ ތާރީޚުގެ ރޮނގުންނާއި، ބަހުގެ އަދަބުގެ ރޮނގުންނާއި، ބަސް ޓެކްނޮލޮޖީއާ ރައްޓެހި ކުރުމުގެ ރޮނގުންނާއި، ތަރުޖަމާ ކުރުމުގެ ރޮނގުންނާއި ދިވެހިބަސް ކިޔަވައިދިނުމުގެ ރޮނގުންނެވެ. ދިވެހިބަހުގެ ދާއިރާއިން ދޭ އެކެޑެމީ އިނާމަށް ކިޔާ ނަމަކީ، ދިވެހިބަހުގެ މުހައްމަދު އަމީން ދީދީ އިނާމެވެ.

އެކެޑެމީ އިނާމު ދެވޭ ދެވަނަ ދާއިރާއަކީ އަދަބިއްޔާތުގެ ދާއިރާ އެވެ. މި ދާއިރާއިން ދެވޭނީ ލިޔުންތެރިކަމުގެ ރޮނގުން ދެވޭ "ސަލާހުއްދީން އިނާމާ"އި، ޅެންވެރިކަމުގެ ރޮނގުން ދެވޭ "ނައިބު ތުއްތު އިނާމެ"ވެ.

އެކެޑެމީ އިނާމު ދެވޭ އެންމެ ފަހު ދާއިރާއަކީ ދިވެހި ތާރީޚުގެ ދާއިރާ އެވެ. މި ދާއިރާއިން އިނާމު ދެވެނީ ތާރީޚު ދިރާސާ ކުރުމުގެ ރޮނގުންނާއި، ތާރީޚު ފޮތް ލިޔެ އެކުލަވާލުމުގެ ރޮނގުންނާއި ތާރީޚީ ޢިލްމު ކުރިއެރުވުމުގެ ރޮނގުންނެވެ. ދިވެހި ތާރީޚުގެ ދާއިރާއިން ދެވޭ އިނާމަށް ދެވިފައިވާ ނަމަކީ "ތާޖުއްދީން އިނާމެ"ވެ.

ދިވެހިބަހުގެ އެކެޑެމީގެ ރައީސް އަޝްރަފު އަލީ ވިދާޅުވީ، މި އިނާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށާއި، އިނާމު ދިނުމާއި ޝަރަފު އެރުވުމުގެ ރަސްމިއްޔާތު މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ބާއްވާނެ ކަމަށެވެ.

comment ކޮމެންޓް