ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ވިސާމް އާއި ލީވާން އަލީ ނަސީރުގެ މައްޗަށް ކުރިމިނަލް ކޯޓުން ދައުވާ ކުރި މައްސަލާގައި އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އާއި ކޮމިޓީ ޓު ޕްރޮޓެކްޓު ޖާނަލިސްޓްސް (ސީޕީޖީ) އިން ކުށްވެރިކޮށް، އެ ދައުވާތައް އަނބުރާ ގެންދިއުމަށް ގޮވާލައިފި އެވެ.
އެކަން ކުށްވެރިކޮށް އައިއެފްޖޭ އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ވިސާމް އާއި ލީވާންގެ މައްޗަށް ދައުވާކޮށްފައި ވަނީ މުލިއާގެ ކައިރިން ފެނުނު ގޮވާ ޒާތުގެ އެއްޗެއް ޑިފިއުސް ކުރި މަންޒަރު ކަވަރު ކުރަން އުޅުމުގެ ތެރެއިން ފުލުހުންގެ މަސައްކަތަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައި ކަމަށެވެ. އެ ދެ ނޫސްވެރިންނާ އެކު އެ ޓީވީ ސްޓޭޝަނުގެ ޗީފް އޮޕަރޭޓިން އޮފިސަރު ފިޔާޒު މޫސާ ވެސް ހައްޔަރު ކުރި ކަމަށް އައިއެފްޖޭ އިން ބުންޏެވެ.
ފިޔާޒުގެ މައްޗަށް ވެސް ފަހުން ވަނީ ދައުވާ އުފުލައިފަ އެވެ.
މިދިޔަ އަހަރު މާޗު މަހުގެ 25 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާގައި ވެސް ވިސާމް ހައްޔަރުކޮށްފައިވާ ކަމަށާއި އެކަމުގެ ދައުވާ ވެސް އޭނާގެ މައްޗަށް އުފުލާފައިވާ ކަމަށް އައިއެފްޖޭ އިން ބުންޏެވެ. އައިއެފްޖޭ އިން ގޮވާލާފައި ވަނީ ވިސާމް އާއި ލީވާންގެ މައްޗަށް ކޮށްފައިވާ ދައުވާ އަނބުރާ ގެންދިއުމަށެވެ.
ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް ދައުލަތުގެ މުއައްސަސާތަކުން ހިންގާ އަމަލުތައް ކުށްވެރިކޮށް، އަދި ހަވީރު ނޫސް ހުއްޓާލި މައްސަލަ އާއި އަނބުރާ ބެހުމުގެ ބިލުގައި ހުރި ކަންބޮޑުވުންތަކާ ގުޅޭ ނޫސްވެރިން ބޭއްވި އިހުތިޖާޖާ ގުޅިގެން ހައްޔަރު ކުރި 18 ނޫސްވެރިންގެ ތެރޭގައި ވެސް ވިސާމް އާއި ލީވާން ހިމެނޭ ކަމަށް އައިއެފްޖޭ އިން ބުންޏެވެ.
ސީޕީޖީ އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ރާއްޖޭގެ ނޫސްވެރިންތަކެއްގެ މައްޗަށް ކޮށްފައިވާ ދައުވާ ހުއްޓާލަން ޖެހޭ ކަމަށާއި އެ ދައުވާ ކޮށްފައި ވަނީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅާފައިވާ ދަނޑިވަޅެއްގައި ކަމަށެވެ.
ހަމައެއާ އެކު، އެޕްރިލް ތިން ވަނަ ދުވަހު ކުރި އިހްތިޖާޖުގައި 18 ނޫސްވެރިއަކު ހައްޔަރު ކުރި ކަމަށާއި ނޫސްވެރިން ބަންދުކޮށްފައި ތިބި ގޮޅީގައި މީދާ އުޅުނު ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި ހައްޔަރު ކުރި އަންހެން ނޫސްވެރިން ދެ ފަހަރު މަތިން ބަރަހަނާކޮށް ބަލައި ފާސްކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ހަމައެއާ އެކު ފާއިތުވި އަހަރުތަކުގައި ރާއްޖެ ޓީވީ އަށް އެކި ގޮންޖެހުންތައް ކުރިމަތިކޮށްފައިވާ ކަމަށާއި އެ ސްޓޭޝަން ރޯކޮށްލާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އަދި ފާއިތުވި އަހަރުތަކުގައި އެކި ފަހަރު މަތިން އެ ސްޓޭޝަންގެ ނޫސްވެރިންނަށް ހަމަލާދީފައިވާ ކަމަށާއި އެ ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން ނަގާފައި ނުވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ވިސާމްގެ މައްޗަށް އުފުލާފައި ވަނީ ދައުލަތުގެ މުވައްޒަފެއްގެ ވާޖިބަށް ހުރަސް އެޅުމާއި ފުލުހެއްގެ ދައުރު އަދާ ކުރުމަށް ހުރަސް އެޅުމުގެ ދައުވާ އެވެ. އަދި ލީވާންގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ ތުހުމަތުގަ އެވެ.