އެފްއޭއެމްގެ ރައީސް ކަމަށް ކުރިމަތިލައްވަން ޝަވީދު އަނެއްކާ ވެސް ނިންމަވައިފި

އޮލިމްޕިކް ކޮމެޓީގެ ރައީސް މުހައްމަދު ޝަވީދު: އެފްއޭއެމްގެ ރައީސް ކަމަށް ކުރިމަތިލައްވަން އޭނާ ވަނީ އަނެއްކާވެސް ނިންމަވާފައި ---- ސަން ފައިލް ފޮޓޯ

އެފްއޭއެމްގެ ރައީސް ކަމަށް ކުރިމަތިލައްވަން އޮލިމްޕިކް ކޮމެޓީގެ ރައީސް އަދި އެފްއޭއެމްގެ ނޮމިލައިޒޭޝަން ކޮމެޓީގެ ކުރީގެ ޗެއާމަން މުހައްމަދު ޝަވީދު އަނެއްކާވެސް ނިންމަވައިފި އެވެ.

އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރައްވާނެކަން ޝަވީދު އިއުލާންކުރެއްވީ މިއަދު މެންދުރުފަހު އޮލިމްޕިކް ކައުންސިލްގެ އޮފް އޭޝިއާގެ ޑިރެކްޓާ ޖެނެރަލް ހުސައިން އަލް މުސައްލަމް އާއިި ވޯލްޑް އެންޓި ޑޯޕިންގް ކައުންސިލް (ވާޑާ)ގެ މެންބަރުންނާއެކު، އެމްއޯސީ ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ކުޅިވަރުގެ ގައުމީ މަޖިލީހުން ފާސްކުރި ގަރާރެއްގައިވާ ގޮތުން، އޮލިމްޕިކް ކޮމިޓީގެ ރައީސްކަމުގެ މަގާމުގައި ހުރި ބޭފުޅަކަށް އެއްވެސް ކުޅިވަރު އެސޯސިއޭޝަނެއްގެ ރައީސްކަމުގެ މަގާމު ނުފުރުއްވޭނެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝަވީދު ވިދާޅުވީ، އޮލިމްޕިކް ކޮމިޓީގެ ރައީސްއަށް އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރެއްވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެ ގަރާރު ފާސްކުރުމާއެކު އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީއާ ހިއްސާކުރެއްވި ކަމަށެވެ.

"އޮލިމްޕިކް ޗާޓާގައި ވަރަށް ރަނގަޅަށް، ވަރަށް ސާފުކޮށް އެބައޮތް ލިބިގެންދާ ހައްގުތަކާ ކަންތައްތައް އެބައޮވޭ. އަޅުގަނޑުމެންނަށް އައިއޯސީން އަންގާފަ އޮތް ގޮތުން އެއްވެސް ހުރަހެއް ނެތް އަޅުގަނޑު ފުޓްބޯޅާގައި ބައިވެރިވާކަށެއް. އެހެންވީމަ އަޅުގަނޑު ނިންމައިފިން މި ފަހަރު އެފްއޭއެމްގެ އިންތިހާބުގައި ކުރިމަތިލާން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެކަން ހުއްޓުވޭނެ އެއްވެސް ގޮތެއް ނެތޭ،" އޭނާ ވިދާޅުވި އެވެ.

ޝަވީދު ވިދާޅުވީ، އެފްއޭއެމްގެ މައްސަލާގައި ހިތްހަަމަނުޖެހުންތަކެއް އޮވެއްޖެ ނަމަ، ސްވިޒަލެންޑްގެ ލޮޒާންގައި ހުންނަ އައިއޯސީގެ ހެޑްކުއާޓާސްއަށް ގޮސް، މިނިސްޓްރީ އާއި ސަރުކާރުގެ ފަރާތުން މިކަމާ ބެހޭގޮތުން ވާހަކަދައްކާ ހައްލެއް ހޯދުމަށް މަސައްކަތްކުރަން އައިއޯސީން އެދުނު ކަމަށެވެ.

ކުޅިވަރުގެ ގައުމީ މަޖިލީހުން ނެރުނު ގަރާރާ ބެހޭގޮތުން ޝަވީދު ވިދާޅުވީ، އެ ގަރާރުގައި ގިނަ މައްސަލަތަކެއް އުޅޭ ކަމަށް ގަބޫލުކުރައްވާ ކަމަށާއި ކައުންސިލް ބައްދަލުވުން ޗެއާ ކުރެއްވި ބޭފުޅުންނާއި ބައިވެރިވުމަށް ދިޔަ މީހުންގެ މައްސަލަ ވެސް އުޅޭ ކަމަށެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން އެ ބޭއްވީކީ، ބާއްވަން ޖެހޭ އަސްލު ގަވާއިދުތަކާ އެއްގޮތަކަށް ކަމަކަށް. ކުޅިވަރު ކައުންސިލުގައި ވެސް އެބަ އިނދޭ އޮލިމްޕިކް ކޮމިޓީގެ މަންދޫބެއް. އެކަމަކު އޮލިމްޕިކް ކޮމިޓީގެ މަންދޫބަކަށް ނޭނގޭ ބައްދަލުވުންތައް ބާއްވާ ކަމެއް، ބާއްވަނީ ކޮން އިރަކު ކަމެއް. އަޅުގަނޑަށް ފެންނަނީ އެބޭފުޅުންގެ އަމިއްލަ އެޖެންޑާއެއް އޭގެ އަޑީގައި އެކުލެވޭތީ، އެމީހުން ނެރުނު އެއްޗެއް ކަމަށް،" އޮލިމްޕިކް ކޮމިޓީގެ ރައީސްކަމުގެ މަގާމު ފުރުއްވަމުން ގެންދަވާ ޝަވީދު ވިދާޅުވި އެވެ.

ޝަވީދު އިތުރަށް ވިދާޅުވީ، އައިއޯސީން އެ ގަރާރު ގަބޫލުނުކުރެވޭނެ ކަމަށް އަންގާފައިވާ ކަމަށާއި އެސޯސިއޭޝަން ހިންގުމަށް މާހައުލެއް ގާއިމްކޮށްދޭން ޖެހޭ ކަމަށެވެ.

އެފްއޭއެމްގެ ކޮންގްރެސް މިދިޔަ މަހުގެ ހަ ވަނަ ދުވަހު ބާއްވައި އަސާސީ ގަވާއިދު ފާސް ކުރި ނަމަވެސް ފީފާގެ ރިފޯމް އެޖެންޑާއާ ހިލާފު ގިނަ ކަންތައްތަކެއް ހުރުމުން ފީފާއިން ވަނީ އަސާސީ ގަވާއިދު ބަލައިނުގަންނާނެ ކަމަށް ބުނެފަ އެވެ. އަދި މިހާރު އަލުން އަސާސީ ގަވާއިދު ފާސްކުރުމަށް އަންނަ މަހު، ކޮންގްރެސް އެއް ބޭއްވުމަށް އެފްއޭއެމްއިން ވަނީ ނިންމައިފަ އެވެ.

comment ކޮމެންޓް