އުންމުހާތުލް މުއުމިނީންގެ ތެރެއިން: އުންމުލް މުއުމިނީން އައްސައްޔިދާ ޖުވައިރިއްޔާ ބިންތި އަލްހާރިޘް ރަޟިޔަﷲ ޢަންހާ

(7 އޭޕްރިލްގެ އަދަދާގުޅޭ)

الحارث ޖަވާބުދެއްވިއެވެ. "ކަލޭގެފާނަކީ މާތް اللّـه ގެ ރަސޫލާކަމަށް އަޅުގަނޑު ހެކިވަމެވެ. އެހެނީ އަޅުގަނޑު އެ ދެ ޖަމަލު ފޮރުވިކަން އެކަލާނގެ ރަސްކަންފުޅު ފިޔަވައި އެހެން އެއްވެސްފަރާތަކަށް ނޭނގޭނެއެވެ. ކަލޭގެފާނަށް އެޚަބަރު ދެއްވާނީ އެކަލާނގެއެވެ." الحارث މިހެން ވިދާޅުވެފައި، އިސްލާމްވެވަޑައިގެންފިއެވެ. ބައެއް ރިވާޔަތްތަކުގައިވާގޮތުން ކައުސާހިބާ صلّى اللّـه عليه وسلّم،
السّيّدة جويرية އާ ކާވެނިބައްލަވައިގެންނެވީ އެދެބައްޕާކަލުން އިސްލާމްވެވަޑައިގަތުމަށްފަހު، الحارث ގެ އެދިވަޑައިގަތުމެއްގެ މަތީންނެވެ.

ޤައުމަށްހުރި ބަރަކާތެއް

ބައެއް ރިވާޔަތްތަކުގައިވާގޮތުން أمّ المؤمنين السّيّدة جويرية بنت الحارث އެކަމަނާގެ ކާވެނިފުޅުގެ ރަނެއްކަމުގައި ވިދާޅުވީ، އެކަމަނާގެ މިނިވަންކަމާއި އެކަމަނާގެ ޤައުމުގެ ތެރެއިން އެއްސަތޭކަ މީހުން (ބައެއް ރިވާޔަތްތަކުގައިވާގޮތުން ސާޅީސްމީހުންގެ) ގެ މިނިވަންކަމެވެ. އަނެއްބައި ރިވާޔަތްތަކުގައިވާގޮތުން އިތުރު ސާހިބާ صلّى اللّـه عليه وسلّم އެކަމަނާގެ ކާވެނިފުޅުގެ ރަނަކަށް ހަތަރުސަތޭކަ ދިރުހަމުވެސް ދެއްވިއެވެ.

ކައުސާހިބާ صلّى اللّـه عليه وسلّم، السّيّدة جويرية بنت الحارث رضى اللّـه عنــها އާ ކާވެނިބައްލަވައިގެންނެވިތަން ފެނިވަޑައިގަތުމުން ޞަޙާބީން ވިދާޅުވިއެވެ. އަހަރެމެންނަކަށް އަހަރެމެންގެ މާތްނަބިއްޔާ صلّى اللّـه عليه وسلّم ގެ ޅިޔަންފަހަރީން އަޅުވެއްޗެއް ނުކުރެވޭނެއެވެ. ޞަޙާބީން އެހެންވިދާޅުވެފައި މުޞްޠަލިޤުވަންހައިގެ ހުރިހާ އަސީރުން މިނިވަންކުރެއްވިއެވެ. ބައެއް ރިވާޔަތްތަކުގައިވާގޮތުން މުޞްޠަލިޤުވަންހައިގެ ރައީސް الحارث بن ضرار އިސްލާމްވެވަޑައިގަތުމުން މުޞްޠަލިޤުވަންހައިގެ އެންމެންވަނީ އިސްލާމްވެފައެވެ. ޞަޙާބީން އެވަންހައިގެ މީހުން މިނިވަންކުރެއްވުމުގެ އެއްސަބަބަކަށް އެކަންތައްވެސްވިއެވެ.

أمّ المؤمنين السّيّدة عائشة رضى اللّـه عنها ވިދާޅުވެފައިވެއެވެ.

"جويرية އަށްވުރެ އެމީހެއްގެ ޤައުމަށް ބަރަކާތްތެރި އަންހެނަކު އަހަރެން ނުދެކެމެވެ. އެކަމަނާގެ ސަބަބުން މުޞްޠަލިޤުވަންހައިގެ ސަތޭކަ ޢާއިލާގެ މީހުންވަނީ އެއްފަހަރާ މިނިވަންވެފައެވެ."

ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި ސާހިބާ صلّى اللّـه عليه وسلّم ވަނީ
أمّ المؤمنين السّيّدة جويرية رضى اللّـه عنــها އާ ކާވެނިބައްލަވައިގަންނަވައި، ދުޝްމިނުންނާމެދު އޯގާވެރިވެވަޑައިގަތުމާއި، ހިތްޕުޅުހެޔޮކަމާއި އަބުރުވެރިކަމާއެކު މުޢާމަލާކުރެއްވުމުގެ ރީތި މިސާލެއް ދުނިޔެއަށް ދައްކަވައިފައެވެ.

އިސްލާމްދީނުގެ ނަބިއްޔާ صلّى اللّـه عليه وسلّم ގެ މިމަތިވެރި ސިޔާސީ ޙިކުމަތުޢަމަލީއަށާއި، މިކާވެނިފުޅުގެ ސަބަބުން އިސްލާމީ ދަޢުވަތަށް ލިބުނު އަފޫރުއްބަ ފައިދާއަށް ޣައިރުމުސްލިމު މުއައްރިޚުންވެސްވަނީ އިޢުތިރާފުވެފައެވެ. މިސިލްސިލާގެ މުޤައްދިމާއެއްގެގޮތުން އަޅުގަނޑު ލިޔުނު ފޮތެއްކަމުގައިވާ "ކައުސާހިބާ صلّى اللّـه عليه وسلّم ގެ ކާވެނިފުޅުތަކާމެދު ކުރެވޭ އިޢުތިރާޟުގެ ޖަވާބުގައި" މިފޮތުގައި ވާނީ އެކަމަށް އަލިއަޅުވައިފައެވެ.

أمّ المؤمنين السّيّدة جويرية بنت الحارث رضى اللّـه عنــها ގެ ބޭބެ عبد اللّـه بن الحارث ހިމެނިވަޑައިގަތީ މުޞްޠަލިޤުވަންހައިގެ ހަނގުރާމައިގައި ފިލައިގެންދިޔަ މީހުންގެ ތެރޭގައެވެ. أمّ المؤمنين ހައްޔަރުވެވަޑައިގެންނެވިކަން އެނގިވަޑައިގަތުމުން އޭނާވެސް އެކަމަނާ މިނިވަންކުރައްވަން ފިދުޔަހިއްޕަވައިގެން ވަޑައިގެންނެވިއެވެ. އޭރު އޭނާގެ ބައްޕައާއި ކޮއްކޯފުޅު ވަނީ އިސްލާމްވެވަޑައިގެންފައެވެ. އެހެންކަމުން އޭނާވެސް އިސްލާމްވެވަޑައިގެންނެވިއެވެ.

އަވަހާރަވުން

أمّ المؤمنين السّيّدة جويرية بنت الحارث رضى اللّـه عنــها އަވަހާރަވި އަހަރަކާއި، އަވަހާރަވީއިރު އެކަމަނާގެ ޢުމުރުފުޅާމެދު މުއައްރިޚުންގެ މެދުގައި ޚިލާފު ހުރެއެވެ. ބައެއް ޢިލްމުވެރީން ވިދާޅުވާގޮތުގައި އެކަމަނާ އަވަހާރަވީ ހިޖުރައިން ފަންސާސްވަނަ އަހަރުއެވެ. އަނެއްބައި ޢިލްމުވެރީން ވިދާޅުވާގޮތުގައި ހިޖްރައިން ފަންސާސްހަވަނަ އަހަރުއެވެ. ހަމައެފަދައިން އެކަމަނާ އަވަހާރަވީއިރު އެކަމަނާގެ ޢުމުރުފުޅަކީ ފަސްދޮޅަސްފަސްއަހަރުފުޅު ކަމުގައްޔާއި ހަތްދިހައަހަރުފުޅު ކަމުގައި ރިވާޔަތްތައް ހުރެއެވެ.

އެކަމަނާ އަވަހާރަވީ أمير معاوية رضى اللّـه عنــه ގެ ޚަލީފާކަމުގައެވެ. އެކަމަނާގެ މައްޗަށް ކަށުނަމާދުކުރެއްވީ މަދީނާގެ ގަވަރުނަރ مروان بن الحكم އެވެ. ފަސްދާނުލެވުނީ ޖަންނަތުލްބަޤީއުގައެވެ.

އަޅުވެރިކަމާއި ޒާހިދުކަން

أمّ المؤمنين السّيّدة جويرية بنت الحارث رضى اللّـه عنــها އަކީ ކުރީންވެސް ދެންނެވިފަދައިން ޢަރަބި ރައީސެއްގެ ދަރިކަނބަލެކެވެ. އެހެންކަމުން އެކަމަނާ ދިރިއުޅުއްވަމުން ގެންދެވީ ސިފަވެސްނުކުރެވޭހާ އަރާމާއި ނިޢުމަތުގައެވެ. ޢާއިލާއާއި ޤަބީލާގެ މީހުންގެ އަތްއަތްމަތީގައެވެ. އެއްއިރު ފަރީއްކުޅުއްވި އެއްޗެއް އަނެއްއިރަކު ފަރީއްކުޅުއްވާކަށެއް ޖެހިވަޑައެއް ނުގަންނަވައެވެ. އެއްއިރު ތުރުކުރެއްވި ހެދުންކޮޅެއް އަނެއްއިރު ތުރުކުރައްވާކަށެއް ބޭނުންފުޅެއް ނުވެއެވެ. ނަމަވެސް ކައުސާހިބާ صلّى اللّـه عليه وسلّم ގެ ގަނޑުވަރަށް ވަޑައިގަތުމަށްފަހު އެކަމަނާގެ "އޮމާން" ދިރިއުޅުން ދޫކޮށްލެއްވިއެވެ. އިތުރު ސާހިބާގެ ޢާއިލީ ދިރިއުޅުއްވުމުގެ "ކުރަކި" ތައްގަނޑަށް އެކަމަނާ ފެތިވަޑައިގެންނެވީ އެއްވެސް ޝަކުވާއެއްނެތިއެވެ. ހިތްޕުޅުގެ އަޑީން ރުހިވަޑައިގެން އިންނަވައެވެ. މަސްދެމަސްވާއިރު ކޮޓަރިކޮޅުގައި ބައްތިނުދިއްލޭތީ އެއްވެސް ޝަކުވާއެއް ނުކުރައްވައެވެ. ހަފްތާއަކު އެއްފަހަރުވެސް ބަނޑުހައިފުޅު ފިލާވަރަށް ފަރީއްކޮޅު ލިބިވަޑައިނުގަންނަވާއިރުވެސް އިންނެވީ ނުހަނު އުފާފުޅުންނެވެ.

އެކަމަނާގެ ހުރިހާ ވަގުތެއް ޚާއްޞަކުރައްވައިފައިވަނީ اللّـه سبحانه وتعالى އަށް އަޅުކަންކުރެއްވުމަށެވެ. ތަސްބީޙައާއި ތަޙްލީލު ވިދާޅުވުމަށެވެ. ފަތިސްނަމާދަށްފަހު މެންދުރާހަމަޔަށް ތަސްބީޙައާއި ތަޙްލީލު ވިދާޅުވާން އިންނަވާއިރުވެސް ފޫހިފުޅެއް ނުވެއެވެ. އެކަމަނާގެ ގެކޮޅުގައިވަނީ އަޅުކަންކުރައްވަން އިންނަވާނެ ތަނެއް ޚާއްޞަކުރައްވައިފައެވެ. މުސްލިމާއި އަބޫދާއޫދުގައި أمّ المؤمنين السّيّدة جويرية رضى اللّـه عنــها ގެ އަރިހުން ރިވާވެފައިވެއެވެ.

ކައުސާހިބާ صلّى اللّـه عليه وسلّم އެއްދުވަހެއްގެ ފަތިހު އެކަމަނާ އެތާނގައި އަޅުކަމުގައި އިންނަވަނިކޮށް ދެކެވަޑައިގެންނެވިއެވެ. ކައުސާހިބާ صلّى اللّـه عليه وسلّم މެންދުރެއްހާއިރު ގެއަށްވަޑައިގެންނެވިއިރުވެސް أمّ المؤمنين އިންނެވީ ހަމައެއިންނެވިގޮތަށް އެތާނގައެވެ. ތަސްބީޙައާއި، ތަޙްލީލާއި، ތަޙްމީދުގައި މަޝްޣޫލުވެވަޑައިގެންނެވެ.

އިތުރު ސާހިބާ صلّى اللّـه عليه وسلّم ސުވާލުކުރެއްވިއެވެ. ކަމަނާ ފަތިހުއްސުރެ ތިޔައިންނެވީ ތިޔަގޮތުގައިތޯއެވެ؟ أمّ المؤمنين ވިދާޅުވިއެވެ. "އާދޭހެވެ! އޭ މާތް اللّـه ގެ ރަސޫލާއެވެ!"

އިތުރު ސާހިބާ ޙަދީޘުކުރެއްވިއެވެ. "ކަމަނާއަށްފަހު (ކަމަނާގެ އަރިހުން ވަޑައިގަތުމަށްފަހު) ތިމަންކަލޭގެފާނު ވިދާޅުވީ ހަތަރު ކަލިމައެކެވެ. އެއިން ކޮންމެ ކަލިމައެއް ތިންފަހަރުއެވެ. ކަމަނާ މިއަދު މިހައިތަނަށް ތިޔަވިދާޅުވި ޒިކުރުތަކުގެ ޘަވާބާއި ތިމަންކަލޭގެފާނު މިވިދާޅުވި ހަތަރު ކަލިމައިގެ ޘަވާބު ތިލަފަތަކަށް ލައިކިރައިލައިފިނަމަ ބަރުވާނީ ތިމަންކަލޭގެފާނު މިވިދާޅުވި ހަތަރު ކަލިމައިގެ ޘަވާބެވެ. އެ ހަތަރު ކަލިމައަކީ:

سُبْحَان اللّـهِ وَبِحَمْدِهِ عَدَدَ خَلْقِهِ وَرِضَا نَفْسِهِ وَزِنَةَ عَرُشِهِ وَمِدَادَ كَلِمَاتِهِ މި ހަތަރު ކަލިމައެވެ.

ކައުސާހިބާ صلّى اللّـه عليه وسلّم އެއްދުވަހަކު އެކަމަނާގެ ކޮޓަރިކޮޅަށް ވަޑައިގެންނެވިއިރު އެކަމަނާ އިންނެވީ ރޯދަފުޅަށެވެ. އެދުވަހަކީ ހުކުރު ދުވަހެކެވެ. އިތުރު ސާހިބާ ސުވާލުކުރެއްވިއެވެ. "ކަމަނާ އިއްޔެވެސް ރޯދަ ހިއްޕެވީމުތޯއެވެ؟" أمّ المؤمنين ނޫނެކޭ ވިދާޅުވުމުން ކައުސާހިބާ ޙަދީޘުކުރެއްވިއެވެ. "މާދަމާ ރޯދަ ހިއްޕަވާނުތޯއެވެ؟" أمّ المؤمنين ނޫނެކޭ ވިދާޅުވިއެވެ. އެކަހެރީން އެކަނި އެއްދުވަހު ސުންނަތް ރޯދަހިފުމަކީ ކައުސާހިބާ صلّى اللّـه عليه وسلّم ތަރުޙީބުދެއްވާކަމެއް ނޫނެވެ. އެހެންކަމުން، ޙަދީޘުކުރެއްވިއެވެ. "އެހެންކަމަށްވާނަމަ ކަމަނާ ރޯދަވީއްލަވާށެވެ." (ބުޚާރީ)

ކައުސާހިބާ صلّى اللّـه عليه وسلّم އެއްދުވަހަކު أمّ المؤمنين ގެ އަރިހަށް ވަޑައިގެންފައި ސުވާލު ކުރެއްވިއެވެ. "ކާނެއެއްޗެއް އެބަހުރިތޯއެވެ؟"

أمّ المؤمنين ޖަވާބު އެރުއްވިއެވެ. "އާދޭހެވެ. އަޅުގަނޑުގެ ޚާދިމާ ގެނެސްދިން މަސްއެބަހުއްޓެވެ. އެކަމަކު އެއީ އޭނާއަށް ޞަދަޤާތުގެ ގޮތުގައި ލިބުނު އެއްޗެކެވެ."

ކައުސާހިބާ ޙަދީޘުކުރެއްވިއެވެ. "ގެންނަވާށެވެ." "ޞަދަޤާތްދެވުނު މީހާއަށް އެޞަދަޤާތްވަނީ ރައްދުވެފައެވެ."

ޢިލްމުވެރިކަން

ކައުސާހިބާ صلّى اللّـه عليه وسلّم އާ ކާވެނިފުޅުގެ ޒަރީޢާއިން ގުޅިވަޑައިގަތުމުގެ ކުރިންވެސް އެކަމަނާއަކީ ފަޞާޙަތްތެރި، ބަލާޣަތްތެރި، ވިސްނުންފުޅުތޫނު ބޭކަނބަލެކެވެ. ހިތްޕުޅުއަލި ބޭކަނބަލެކެވެ.

އެހެންކަމުން މަދަރުސަތުއްރަސޫލުން ލިބިވަޑައިގެންނެވި ތަރުބިޔަތުން އެމަދަރުސާގެ އިސްދަރިވަރެއްގެ ޙައިޘިއްޔަތުން އެކަމަނާއަކީވެސް އިސްލާމީ ޢިލްމުތަކުގެ އަގުބޮޑު ޚަޒާނާއެކެވެ.

(ނުނިމޭ)

comment ކޮމެންޓް